ހއ. ކެލާ ޔޫތު ފޯރަމުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށްގެންދާ ''ކެލާ ޔޫތު ފޯރަމްގެ ވޮލީ މުބާރާތް 2022'' އިއްޔެ ފަށައިފިއެވެ.
މި މުބާރާތް ކުރިއަށް ގެންދަނީ ދެ ބަޔަކަށެވެ. އެއީ އަންހެން ބަޔާއި ފިރިހެން ބަޔެވެ. މިއީ އެ ޖަމިއްޔާއިން އަންހެން ބޭފުޅުންނަށް ބާއްވާ 4 ވަނަ މުބާރާތެވެ. ފިރިހެން ބޭފުޅުންނަށް ބާއްވާ 6 ވަނަ މުބާރާތެވެ.
މި މުބާރާތުގެ އަންހެން ބައިގައި އިއްޔެ ބައްދަލުކުރީ ވަށަފަރު ޓީމާއި ދިއްދޫ ރިއަލް ޓީ ސްޕޯޓްސް ކްލަބެވެ. މި މެޗް ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ވަށަފަރެވެ. ފިރިހެން ބައިގައި ފިއްލަދޫ އާއި ކެލާ އެމާ ބައްދަލުކުރި މެޗު 3-1 ސެޓުން ކާމިޔާބުކުރީ ކެލައެވެ.
ކެލާ ޔޫތު ފޯރަމްގެ ނައިބު ރައީސް މުޙައްމަދު ފަޔާޒް ''ތިލަދުން'' އަށް ވިދާޅުވީ، މި މުބާރާތުގެ ހުރިހާ ޚަރަދެއްގެ ގޮތުގައި ގާތްގަނޑަކަށް 90 ހާސް ރުފިޔާ ޚަރަދުވާނެއެވެ. އަދި މި މުބާރާތުގެ ރެފްރީންނަކީ ވޮލީ ބޯލް އެސޯސިއޭޝަންގައި ރަޖިސްޓަރ، ރަސްމީ ވޮލީ ރެފްރީންކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ފަޔާޒް ވަނީ މި މުބާރާތް ކުރިއަށް ގެންދިޔުމަށް ސްޕޮންސަރުންގެ ފަރާތުން ލިބިފައިވާ އެއްބާރުލުން ފާހަގަ ކުރައްވާފައެވެ. އަދި ރައްޔިތުންގެ ފަރާތުން ލިބެމުންދާ ތަރުޙީބު ވެސް ފާހަގަ ކުރެއްވިއެވެ.
މި މުބާރާތުގެ ފިރިހެންބައިގެ ޗެމްޕިއަން ޓީމަށް 8 ހާސް ރުފިޔާ ދޭން ނިންމާފައިވާއިރު އެބައިގެ ރަނަރަޕް ޓީމަށް ދޭން ނިންމާފައި ވަނީ، 5 ހާސް ރުފިޔާއެވެ. ފިރިހެންބައިގެ ފައިނަލް އޮންނާނީ މި މަހުގެ 5 ވަނަ ދުވަހުއެވެ.
މި މުބާރާތުގެ އަންހެންބައިގެ ޗެމްޕިއަން ޓީމަށް ދޭން ނިންމާފައި ވަނީ 5 ހާސްރުފިޔާއެވެ. މިބައިގެ ރަނަރަޕް ޓީމަށް 3 ހާސް ރުފިޔާ ދޭން ނިންމާފައިވާއިރު، މި ބައިގެ ފައިނަލް އޮންނާނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!