ށ، ކަނޑިތީމުގައި ރައްޔިތުންގެ އިންޖީނުގެ ހިންގި ދުވަސްވަރު ބޭނުންކޮށްފައި ހުރި 6 ޖަނަރޭޓަރު ސިޓީލާ ނީލަމުގައި ވިއްކާލުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.
އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެކައުންސިލްގެ މިއަހަރުގެ 12 ވަނަ ޢާންމު ޖަލްސާއިން ނިންމާފައިވާކަމަށެވެ.
ނީލަން ކިޔަން ނިންމާފައިވަނީ ޕާކިންސް ބްރޭނޑްގެ 80ކިލޯ ވޯޓް 02 ޖަނަރޭޓަރާއި ކަމިންސް ބްރޭންޑްގެ 80 ކިލޯވޯޓް 02 ޖަނަރޭޓަރު އަދި ޑޮއިޓްސް ބުރޭންޑުގެ 40 ކިލޯވޯޓް 01 ޖަނަރޭޓަރެވެ. މި ފަސް ޖަނަރޭޓަރުވެސް ހުރީ މަރާމާތުކުރަންޖެހިފައެވެ. މީގެ އިތުރުން ސާވިސްކުރަންޖެހިފައިވާ ޑޮއިޓްސް ބުރޭންޑުގެ 160 ކިލޯވޯޓް ގެ ޖަނަރޭޓަރެކެވެ.
ޖަނަރޭޓަރުތަކުގެ މަޢުލޫމާތު ހިއްސާކުރަމުން އެކައުންސިލުން ބުނެފައިވަނީ މި ޖަނަރޭޓަރުތައް އެންމެ ފަހުން ބޭނުން ކުރެވިފައިވަނީ 2007 ވަނަ އަހަރުގައި ކަމަށެވެ.
ނީލަންފެށޭ އަގަކީ 50,000.00 ރ (ފަންސާސް ހާސްރުފިޔާ) އެވެ. ހުށަހަޅާ އަގަށް ފަހަރަކު އިތުރުކުރެވޭނެ އެންމެ ކުޑައަގަކީ 1000.00 (އެއްހާސް) ރުފިޔާއެވެ. ނީލަމުގައި ބައިވެރިވެ ލައްވާ ފަރާތްތަކުން ކޮންމެ ދުވަހަކު 12:00އާ ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު އެދުވަހެއްގެ 13:00ގައި އެއިދާރާގެ ފޭސްބުކް ޕޭޖުގައި ޢާންމުކުރެވޭނެއެވެ. ނީލަން ހުށަހަޅާ އަގު ރަސްމީ ބަންދުވަސްތައް ފިޔަވައި ޖެހިޖެހިގެން 48 ގަޑިއިރު އެއްއަގެއް އޮވެއްޖެނަމަ އެ އަގެއް ހުށަހެޅިފަރާތަކަށް ނީލަން ނިންމާލެވޭނެކަމަށް އެކައުންސިލުން ބުނެއެވެ.
ޖަނަރޭޓަރތަކުގެ މަޢުލޫމާތު އެ އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާއިރު ޖަނަރޭޓަރގެ އިތުރު މަޢުލޫމާތު ހޯދެއްވުމަށް ރަސްމީގަޑީގައި އެއިދާރާގެ ނަމްބަރ 6540041 ގުޅުއްވާ ނުވަތަ އެއިދާރާގެ އީމެއިލް info@kanditheemu.gov.mv އަށް އިމޭއިލް ކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށް އެދިފައިވެއެވެ.
ނީލަމުންނަންގަވާ ޖަނަރޭޓަރ ދޫކުރެވޭނީ އެއިދާރާއަށް ފައިސާ ދެއްކުމުންކަމަށާއި ނީލަން ކާމިޔާބު ކުރައްވާ ފަރާތުން ނީލާން ނިމޭތާ ލަސްވެގެން 07 ދުވަހުގެ ތެރޭގައި އެއިދާރާއަށް ފައިސާ ދައްކަވާ ޖަނަރޭޓަރާއި ޙަވާލުމުގެ އިންތިޒާމް ހަމަޖައްސަވަންވާނެކަމަށް ބުނެފައިވެއެވެ.
ނީލަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ފުރުޞަތު ހުޅުވާލާފައިވަނީ މިއަދު 12:00 ން ފެށިގެން ނެވެ. އަގު ހުށަހަޅުއްވާނީ NL-001 ފޯމުން، އީމެއިލް info@kanditheemu.gov.mv އަށް މެއިލް މެދުވެރިކޮށެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!