ބަނޑުހައިވުމަކީ، އިންސާނާގެ ހަށިގަނޑަށް އިތުރަށް ކާނާ ބޭނުންވާކަން އަނގައިދިނުމަށްޓަކައި ކަނޑައެޅުފައިވާ ޤުދުރަތީ ނިޒާމެކެވެ. ބަނޑުހައި ވެއްޖެނަމަ ބަނޑުން އަޑުއަޑު ކިޔުމާއި، ހޫނު އެރުން މިއީ އާންމުކަންތަކެވެ. ބައެއްމީހުން ބޮލުގައި ރިއްސާގޮތްވެ، ފަސޭހައިން ރުޅިއަންނަގޮތްވެ ރުންކުރުވާގޮތްވެސް ވެއެވެ. އަނެއްބައިމީހުންނަށް ހަމަ ހިލާ ކަމަކަށް އެކަށީގެންވާ ސަމާލުކަން ދިނުން ވަނީ އުނދަގޫ ކަމަކަށެވެ.

ނަމަވެސް މިއީ ވަރަށްބޮޑަށް ބަނޑުހައިހޫނުކަން އިޙްސާސްވުމުން ހަށިގަނޑުން ދައްކުވައިދޭ ޢަލާމާތްތަކެވެ. ގިނަ މީހުންނަށް އެތަށް ގަޑިއިރެއްވަންދެން މިފަދަ ހައިވުމުގެ އިޙްސާސް ނުކުރެވި ދުވަސް ހޭދަކުރެވެއެވެ. 7 ނުވަތަ 8 ގަޑިއިރުވެސް ބައެއްމީހުންނަށް ކުޑަކޮށް ހައިވިނަމަވެސް، ސުލްހަވެރިކަމާއިއެކު ހޭދަކޮށްލެވެއެވެ. އެހެނަސް، މިއީ އެންމެންގެ ޙާލަތެއްނޫނެވެ. އެބައިމީހުންނަށް ދެންމެ ދެންމެ ކެއިނަމަވެސް ހިނދުކޮޅަކުން އަނެއްކާ ބަނޑުހައިވުން އިޙްސާސް ކުރެވެއެވެ. އެއީ ކީއްވެބާއެވެ؟

Ad
rt

ކެއުމުގައި އެކަށޭނަ ޢަދަދަކަށް ޕްރޮޓީން ހިމެނޭ ބާވަތްތަށް މަދުނަމަ މިގޮތަށް ގާތްގާތުގައި ބަނޑުހައިވުން ޢާންމުވެގެންދެއެވެ. ޕްރޮޓީންއަކީ އޭގެ ޒާތުގައިވެސް ބަނޑުހައިހޫނުކަށް ފިލުވައިދޭ މާއްދާތަކެއް އެކުލެވޭ، މަދު ކެލަރީސްއިން ހަށިގަނޑުގެ ހޯމޯންސްތަށް ބަނޑު ފުރެމުންދާ ކަމުގެ ސިގްނަލްދީ އަދި ބަނޑުހައިކަން އަނގުވައިދޭ ހޯމޯންސް މަދުކޮށްލައިދޭ އެއްޗެކެވެ. އެހެންކަމުން، ޕްރޮޓީންސް މަދުނަމަ، އަވަސްއަވަހަށް ބަނޑުހައިވާތަން އާދެއެވެ. އަދި ސައިޑް އިފެކްޓެއްގެ ގޮތުން ފަލަވުމާއި ބަރުދަން އިތުރުވެގެންދާތަން ފެނިގެންދިޔުމަކީ އެކަށީގެންވާކަމެކެވެ.

ޕްރޮޓީން އެކުލެވޭ ކާނާގެ ތެރޭގައި އެއްގަމު މަސް، ކަނޑުމަސް، ބިސް، މުގު، ކިރާއި ޔޯގަޓް އަދި އެކިބާވަތްތަކުގެ ބަދަނާއި އޮށް ހިމެނެއެވެ. އަޅުގަނޑުމެން ދިވެހިންނަކީ އަޅުގަނޑުމެންގެ ގިނަ ކެއުންތަކުގައި މަހުގެ ބާވަތްތަށް ގިނައިން އެކުލަވާ ބައެއްކަން ފާހަގަކުރެވެއެވެ. ސައިންސްވެރިންގެ މިދިރާސާއަށް ބަލާނަމަ އަޅުގަނޑުމެން އަބަދުވެސް ތިބެންޖެހޭނީ ބަނޑު ފުރިފައިތާއެވެ. މުޅިއަކުން އެހެނެއްނޫނެވެ. ޕްރޮޓިން ހިމެނުނެއްކަމަކު، ކެއިންބުއިމުގައި ރިފައިންޑް ކާބްސް (ހުދު ހަނޑޫ، ހުދު ފުއް ފަދަ) ގިނަނަމަ ކެއުމުގައި ފައިބަރ އެކުލެވޭ މިންވަރު ވަރަށްބޮޑަށް ދަށްކޮށްލައިދެއެވެ. އެހެންކަމުން، ކާލާ އެތިކޮޅު އަވަހަށް ހަޖަމްކޮށްލާ އަނެއްކާވެސް ބަނޑުހައިވާތަން އާދެއެވެ. ދިވެހިންނަކީ އާދައިގެ މަތިންވެސް ރޮށި ނުވަތަ ބަތް ކޮންމެ ކެއުމެއްގައިވެސް ހިމަނާ ބައެއްކަމުން މި ނުކުތާ ފާހަގަކޮށްލީއެވެ.

ރިފައިންޑް ކާބްސްގެ ތެރޭގައި ޕާސްތާ، ނޫޑްލްސް، ޕާން، ފޮނިކާތަކެތި، ފިޒީ ބުއިންތައް އަދި ވިއްކަން ހުންނަ ލުއިކާނާތަށް ހިމެނެއެވެ. މިތަކެތިން ރައްކާތެރިވުމަށްޓަކައި، އާޓާ ފުށު ރޮށި، ރަތް ހަނޑޫ، ބްރައުން ބްރެޑް ފަދަ ތަކެތި އިޚްތިޔާރު ކޮށްލެވިދާނެއެވެ. އަދި މީގެ އިތުރުން، ފިޒީ ބުއިންތަކާއި، ފޮނިކާތަކެތިން ދުރުވުމަކީ ދުޅަހެޔޮ ސިއްޙަތަކަށް މުހިންމު ޢަމަލެއްކަން ފާހަގަކޮށްލަމެވެ.

ހަށިގަނޑަށް އެކަށީގެންވާވަރަށް ނިދި ލިބިގެން ދިޔުމަކީ، ދުޅަހެޔޮ ސިއްޙަތަކަށްޓަކައި ވަރަށް މުހިންމު ކަމަކަށްވާއިރު، ނިދި ހަމަނުވުމަކީވެސް މި މައްސަލައަށް މެދުވެރިވާ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. ސަބަބަކީ، ނިންޖަކީ ހަށިގަނޑުގައި ހިމެނޭ ކާހިތްވުމަށާއި ހައިވުމަށް ސިގްނަލްދޭ ހޯމޯންތައް ރެގިއުލޭޓް ކޮށްދޭ އެއްޗެއްކަމަށްވާތީއެވެ. މި ހޯމޯން އެއްހަމައެއްގައި ބެހެއްޓުމަށްޓަކައި މެދު ނުކެނޑި މަދުވެގެން 8 ގަޑިއިރުގެ ނިދި ބޭނުންވާނެކަމަށް ދިރާސާތަކުން ދައްކައެވެ.

ފެނަކީ އިންސާނާގެ ހަށިގަނޑުގެ 60 އިންސައްތައަށްވާ އިރު، އާދައިގެމަތީން ބުރަ ދުވަހެއްގައި އަޅުގަނޑުމެންނަށް އެކަށީގެންވާ މިންވަރަށް ފެން ބުއިން ވަނީ ނުކުރެވިފައިވާ ކަމަކަށް ވެފައެވެ. ފެން ބުއިމަށް ދޭންޖެހޭވަރަށް އަހަންމިއްޔަތުކަން ނުދިނުމަކީ އެކަމުން ހަށިގަނޑުގައި އެކިއެކި ބަލިތަށް ތަހަންމަލް ކުރަން ޖެހިދާނޭ ކަމެކެވެ. ފެނަކީ އޭގެ ޒާތުގައިވެސް ބަނޑު ފުރުވައިދޭ އެއްޗެއްކަމުން، ބަނޑުހައިވުމުގެ އެ އިޙްސާސް އަވަސް އަވަހަށް ވުމުން ދުރުކޮށްލައިދެއެވެ. އެހެންކަމުން ފެނާއި ދުރުވުމަކީ، ކުޅަނދުރު ހަތަޔަށް އޮށްގާއުކުން ފަދަ ކަމެކޭބުނުން ގޯހަކަށް ނުވެދާނެއެވެ.

އަޅުގަނޑުމެންގެ ތެރެއިން އެތަށް ބަޔަކަށް ދިމާވާ މި ކަމަށް އަދިވެސް އެތަށް ސަބަބުތަކެއްވެއެވެ. މާބޮޑަށް ކަންކަމާއި ވިސްނައި ފިކުރުކުރުމާއި، މާ އަވަސް އަވަހަށް ކޯވަރުތަށް ނަގަމުން ކެއުމާއި، ފޯނުން ވީޑިއޯއެއް ބަލަމުން ނުވަތަ އެހެން ކަމާއި މަޝްޢޫލުވެހުރެ ކެއުމާއި މިކަންކަމަކީ ހަމަ ހުޅުގަނޑަށް ތެޔޮއެޅުން ފަދަ ކަންކަމެވެ. މިކަންކަމުގެ ސަބަބުން ފަލަ ބަލި ޖެހުމާއި ކާޑުގެ ބާވަތްތަކުގެ ޝިކާރައަކަށް ވެގެންދިޔުމަކީ މުސްތަޤްބަލްގައި ވުން އެކަށީގެންވާ ކަންކަމެވެ.

ވީމާ ކޮންމެ ގަޑިއިރަކުހެން ފެންތައްޓެއް ބޯލާށެވެ. ސިއްޙީ ދުޅަހެޔޮކަމަށްޓަކައި އާޓާ ފުށު ރޮއްޓެއް ނުވަތަ ރަތް ހަނޑޫ އިޚްތިޔާރުކޮށްލާށެވެ. ނުބައިއްޔާ ނުބައިވާނީ ފުރަތަމަ ދެދުވަހުކަމަށް ލަފާކުރެވެއެވެ. އިސާހިތަކު އާދަވެދާނެއެވެ. ހަމަގައިމުވެސް ހަށިގަނޑު ޝުކުރުކުރާނެތެވެ.