ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރައްވާ ރަސްމީދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސް ސާލިހް އިންޑިއާއަށް މިކުރައްވާ ރަސްމީ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސްގެ މިދަތުރުފުޅުގައި ނިއުދިއްލީއަށް ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި، އިންޑިއާގެ ރައީސް، ދްރައުޕަތީ މުރްމު އާއި އިންޑިއާ ސަރުކާރުގެ އިސްވެރިންނާއި ބައްދަލު ކުރައްވާނެއެވެ. އަދި ދެޤައުމުގެ ގުޅުން ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން ރަސްމީ މަޝްވަރާތައް ކުރައްވާނެއެވެ.
މީގެ އިތުރުން ދެޤައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކަށް ފަހުގައި، ދެޤައުމުގެ އިސްވެރިން ގުޅިފައިވާ ނޫސްބަޔާނެއް ދެއްވަވާނެކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.
އިންޑިއާ ސަރުކާރުގެ އިސްވެރިންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން ނިއުދިއްލީ އާއި މުމްބާއީގެ ވިޔަފާރިވެރިންނާއިވެސް ރައީސް ބައްދަލު ކުރައްވާނެއެވެ. އަދި ނިއުދިއްލީ އާއި މުމްބާއީގައިވެސް ބިޒްނަސް ފޯރަމްތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.
މިދަތުރުފުޅުގެ ތެރެއިން، ރައީސް ޞާލިޙް އިންޑިއާގެ މަހާރަޝްތުރަގެ މޭޔަރާއި ބައްދަލުކުރައްވާނެއެވެ،. އަދި މުމްބާއީ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވުމުގެ އިތުރުން ޖަވާހިރް ލާލު ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރައްވައި، އެތަނުގެ މެނޭޖްމެންޓާއި ބައްދަލު ކުރައްވައި މަސައްކަތްތައް ހިނގާނުހިނގާ ގޮތްވެސް ބައްލަވާލައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ މި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައި އެނބުރި ރާއްޖެވަޑައިގަންނަވާނީ، 2022 އޮގަސްޓް 4 ވާ ބުރާސްފަތި ދުވަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!