ރަޙްމަތްތެރިޔަކީ އިންސާނަކަށް ދުނިޔެމަތީގައި ލިބޭނެ އެންމެ އަގު ބޮޑު އެއް ޖަވާހިރު ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް ސައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ރަޙްމަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާއި ހޯރަފުށީ ކައުންސިލް ގުޅިގެން އިއްޔެ ހަވީރު ބޭއްވި އިސްރައްވެހިންގެ ހަވީރުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ހެޔޮލަފާ، ހެޔޮ އެދޭ ރަޙްމަތްތެރިއަކީ އޭނާގެ ދެދުނިޔެ ބާއްޖެވެރި ކުރުމަށް މަގު ކޮށައިދޭނެ އެންމެ މުހިންމު އެއް ބަހާ ކަމަށެވެ.
މި މޭރުމުން މިނިސްޓަރު އިމްރާން ދެއްކެވި ފާހަކަފުޅުގައި ކީރިތި ރަސޫލާ މުޙައްމަދު ސައްލައްﷲ އަލައިހި ވަސައްލަމަގެ ހަދީސްގެ އަލީގައި ހަގީގީ ރަޙްމަތްތެރިކަމުގެ ސިފަތަކުގެ މައްޗަށް އަލި އަލުއްވާލައްވާ ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.
"ރަސޫލާ ސައްލައްﷲ އަލައިހި ވައްސަލަމް ހަދީސް ކުރައްވާފައިވޭ. ތިބާ މީހަކު ދެނެގަންނަން ބޭނުންނަމަ އަސްލު އޭނައަށް ނުބަލާށޭ. ބަލާށޭ އޭނަގެ އެންމެ ގާތް މީހަކީ އެންމެ ރަޙްމަތްތެރިއަކީ ކާކުތޯ. އެހެންވީމަ ރަޙްމަތްތެރިއަކަށްވީމަ މިވާ ގޮތަކީ އެ ދެމީހެއްގެ ހުރިހާ ބަހާތައް އެކައްޗަކަށްވެ އެކަތިގަނޑަކަށް ހަދަނީ." " މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
ރަހްމަތްތެރި ކަމަކީ ހިތުގަ އުފެދިގެންދާ ޖަޒުބާތާއި ލޯތްބާއި ކުލުނުގެ ނަތީޖާކަމަށާއި، ރަޙްމަތްތެރި ކަމަށް އިސްލާމް ދީނުގައި ވަރަށް ބޮޑު ބާރެއް އެޅިގެންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިގޮތުން އިސްލާމީ މުޖުތަމައުގައި އުޅޭ ކޮންމެ މީހަކީ އޭނަގެ ގާތް، އެކުވެރި، ރަޙްމަތްތެރިއަކަށް ވުމަށް ބާރު އަޅުއްވާފައިވާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އިސްލާމީ މުޖުތަމައަކީ ރައްކާތެރި، އަމާން ސުލްޙަވެރި މުޖުތަމައަކަށް ވެގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ އެކަކު އަނެކަކަށް ގޯނާއެއް ނުކުރުމާއި ދެރަކަމެއް ނޭދުމާއި ޖެއްސުމެއް، ފުރައްސާރައެއް ނުކުރުމާއި މިފަދަ ހުރިހާ ކަމެއް ހިމެނިގެންވަނީ އިސްލާމް ދީނުގައި ހިމެނޭ ރިވެތި ރަޙްމަތްތެރިކަމުގެ ސިފަތަކުގެ ތެރޭގައި ކަމަށެވެ.
ހަމައެކަނި ލިބޭ އުފާވެރިކަމުގައި ބައިވެރިވާ ފަރާތަކީ ހަގީގީ ރަޙްމަތްތެރިއެއް ނޫންކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ހަގީގީ ރަޙްމަތްތެރިއަކަށް ވެވެނީ އުފަލާއި ހިތާމައިގަ ބައިވެރިވެ ދަތި ދުވަސްތަކާއި ފާގަތި ދުވަސްތަކުގައިވެސް ބައިވެރި ވުމުން ކަމަށް ވެސް ވިދާޅުވިއެވެ.
ބައިލަންއަގުވާމީ ރަޙްމަތްތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާއި ހޯރަފުށީ ކައުންސިލް ގުޅިގެން މިއަދު ހޯރަފުށީގައި ބޭއްވި ހަވީރު ޚާއްސަކޮށްފައިވަނީ އެރަށުގައި ތިބި އިސްރަށްވެހިންނަށެވެ. މި ހަވީރުގައި ބައިވެރި އިސްރަށްވެހިންނަށް ހަދިޔާދީ އެފަރާތްތަކާއެކު އެކި ކަހަލަ ކުޅިވަރު ކުޅުން ވަނީ ކުރިއަށް ގެންގޮސްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!