ހދ އަތޮޅުގެ ކަނޑުއަޑީގެ ރީތި މަންޒަރުތަކަށް ޑައިވަރުންގެ ޝައުގުވެރިކަން ލިބެން ފަށައިފިއެވެ.
އިންސްޓަރގްރާމްގައި މައުއި މޯލްޑިވްސްގެ ނަމުން މަޝްހޫރު ޕަޑީގެ ސަރޓިފައިޑް ޒުވާން ޑައިވް މާސްޓަރ މުޙައްމަދު ޒުހާން ޢާއްމު ކުރި ވީޑިއޯ ތަކާއި ގުޅިގެން އެތައް ބަޔަކު ދަނީ ސުވާލުތައް ކުރަމުންނެވެ. އެ ވީޑިއޯ ތަކަކީ ހަމަ ޙަޤީޤަތުގައި ވެސް އަސްލު ވީޑިއޯތޯ ވެސް އެތައް ބަޔަކު އަހައެވެ. އަދި އެއީ އަސްލުކަން އެނގުމުން އެއީ ކޮން ތަނެއްތޯ ނާހާ އެކަކުވެސް މެސެޖް ނުކުރެއެވެ.
ޒުހާން ބުނާގޮތުގައި މި ރީތި ހިތްގައިމު ވީޑިއޯ ނަގާފައި މި ވަނީ ފަތުރުވެރިކަން ތަޢާރަފު ވެފައި ނުވާ ރިސޯޓެއްގެ ކުލަ ނުވާ ހުވަފެން އެތައް ޒަމާނެއް ވަންދެން ދެކެމުން އަންނަ ހދ އަތޮޅުގައެވެ. މިއީ ހދ. ތީފަރިދޫ ކައިރީ އޮންނަ މަޝްހޫރު "ހެވަން އެންޑް ހެލް" ޑައިވް ސައިޓުގެ ވީޑިއޯއެކެވެ.
މީގެ އިތުރުންވެސް ޒުވާން ޑައިވް މާސްޓާ ޒުހާން ވަނީ އެތައް ބައިވަރު ވީޑިޔޯތައް ޢާއްމުކޮށްފަ އެވެ. އޭގެ ތެރޭގައި ހަނިމާދޫ ކައިރީގައި އޮންނަ މަޝްހޫރު މާތިލަ ޑައިވް ސައިޓްވެސް ހިމެނެއެވެ.
ކުރިން އަމިއްލަ ރަށުގައި ހަނިމާދޫ ޑައިވް އެންޑް ވޯޓަރ ސްޕޯޓްސް ސެންޓަރުގެ ޑައިވް މާސްޓާއެއްގެ ގޮތުގައި މަސައްކަތް ކުރި ޒުހާން މިވަގުތުވެސް ހުރީ ވަޒީފާއެއް ނެތިފައެވެ.
ރަށުގައި މަދު ގެސްޓް ހައުސް ތަކެއް ހުއްޓަސް އެތަންތަން ވެސް ރަނގަޅަށް އޮޕަރޭޓް ކުރެވޭހާ ގެސްޓުން ނާދެއެވެ. ޒުހާން ބުނީ އެހެން ދިމާވަނީ އެކަށީގެންވާ ވަރަށް މާކެޓްވެސް ނުކުރެވޭތީ ކަމަށެވެ.
ޒުހާން ބުނީ ރަނގަޅަށް މާކެޓް ކުރެވިއްޖެނަމަ ފަތުރުވެރިކަމުގައި ރާއްޖޭގެ އެންމެ މަޝްހޫރު ހިސާބަކަށް ބޮޑު ތިލަދުންމަތި ހެދޭނެހާ ޤުދުރަތީ ވަޞީލަތްތައް މި ސަރަހައްދުގައި ގިނަ ކަމަށެވެ.
އެގޮތުން މުޅި ރާއްޖޭގެ އެއްވެސް ހިސާބަކުން ނުފެންނަހާ ރީތި ހިތްގައިމު ސޮފްޓް ކޮރަލް ބަގީޗާތައް މި ސަރަޙައްދުގައި ހުރިކަން ޒުހާން ފާހަގަ ކުރިއެވެ.
މީގެއިތުރުން މަންތާ ނުވަތަ އެންމަޑި ކްލީނިންގ ސްޓޭޝަންތައްވެސް މި ސަރަހައްދުގައި ގިނަ ކަމަށާއި، މަކުނުދޫ ކައިރިއާއި ހއ. މުލިދޫ ތިލައިގެ އިތުރުން ބާރަށު ތިލަ އަކީވެސް މީގެތެރެއިން ފާހަގަ ކޮށްލެވޭ މަންތާ ކްލީނިންގ ސްޓޭޝަންތައްކަމަށް ޒުހާން ބުންޏެވެ.
ޒުހާންގެ ހިތްގައިމު ވީޑިޔޯތަކާއި އެކު ތިލަދުންމަތީގެ ކަނޑުއަޑީގެ ރީތިކަމަށް އެތައްބަޔަކު ތަޢުރީފު ކުރަމުން އަންނައިރު ރާއްޖޭން ބޭރުގެ އެތަކެއް ޑައިވް މާސްޓަރުން ޒުހާންގެ ކިބައިން މި ސައިޓްތަކުގެ މަޢުލޫމާތު ހޯދަމުން އާ ދެއެވެ.
އެހެން ކަމުން ޒުހާންގެ އުއްމީދަކީ ތިލަދުންމަތީގެ ކައުންސިލުތައް ގުޅިގެން އެކަމަށް ބަޖެޓެއް ކަނޑައަޅައިގެން ނަމަވެސް މި ސަރަހައްދުގެ ރީތިކަން ގިނަ ބަޔަކަށް ފެންނާނެގޮތް ހަދައިދޭނެ ދުވަހެއް ފެނުމެވެ. ސަރަހައްދު ރަނގަޅަށް މާކެޓް ކުރެވި ފަތުރުވެރިކަން މި ސަރަހައްދުގައި ފުޅާވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!