ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ބެނާ ނެގި މައްސަލާގެ ޝަރީއަތް ހައި ކޯޓުގައި މިއަދު ފަށައިފި އެވެ.
އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން ޔާމީންގެ ގެކޮޅު ހ. ދޫވެހީގައި ހަރުކުރި އިންޑިއާ އައުޓް ބެނާ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މައްސަލާގައި ޔާމީންގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅުމުން ހައި ކޯޓުން މިއަދު ވަނީ އެ މައްސަލަ ޝަރީއަތް ފަށައިފަ އެވެ.
އެ އަޑުއެހުމުގައި ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ އާންމު މަސްލަހަތަށް ގެއްލުންވާ ކަމަށް ތުހުމަތުގައި ބެނާ ނަގަން އަމުރު ކުރިޔަސް، ގެއްލުންވާ ގޮތެއް ބުނެ ނުދެވޭ ކަމަށެވެ. ބެނާ ހުރީ ޔާމީންގެ އަމިއްލަ ގެކޮޅުގައި އަދި އާންމުންނަށް އުނދަގޫ ނުވާ ތަނެއްގައި ކަމަށްވާތީ އެއީ އާންމު މަސްލަހަތަށް ގެއްލުން ދިނުން ކަމަށް ނުބެލެވޭނެ ކަމަށް ޝިޔާޒް ވިދާޅުވި އެވެ.
ޝިޔާޒް ވިދާޅުވި ގޮތުގައި އެ ބެނާ އަތުލުމަކީ ގާނޫނު އަސާސީން ލިބިދޭ މުދާ ހޯދުމާއި މިލްކު ކުރުމުގެ ހައްގަށް ވެސް އަރައިގަތުމެވެ. އަދި ސުލްހަވެރިކަމާ މެދު ޚިޔާލުފާޅު ކުރުމަކީ އާންމު މަސްލަހަތަށް ގެއްލުން ދިނުން ކަމަށް ނުބެލެވޭނެ ކަމަށް ގާނޫނުގައި އޮންނައިރު އެގޮތަށް އެއްވެސް މީހެއްގެ މުދަލެއް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގެ ވަގުތު ހަމަވެފައިވާތީ އިތުރު އަޑުއެހުމެއް އެ މައްސަލާގައި ބާއްވާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!