ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނަށް އެދުމަށް ސަރުކާރުން އެންމެފަހުން ހުޅުވާލި 720 ފުރުސަތުގެތެރެއިން 393 ދަރިވަރަކަށް ލޯނު ދޭން ނިންމައި ވަގުތީ ލިސްޓް އާންމުކޮށްފިއެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއިން މިއަދު ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ޢިއުލާނު ކުރެވުނު ލޯން ސްކީމްގެ ވަގުތީ ނަތީޖާ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން މިއަދު ޢިއުލާން ކުރައްވާފައިވާ ކަމަށެވެ.

Ad
rt

އަދި 393 ދަރިވަރަކަށް މަތީ ތަޢުލީމާއި ތަމްރީނުގެ ލޯން ސްކީމުން މިފަހަރު ފުރުސަތު ލިބިފައިވާކަމަށް ވެސް ވިދާޅުވެފަވެއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނަށް އެދުމުގެ ފުރުސަތު އެ މިނިސްޓްރީން އެެންމެފަހުން ހުޅުވާލީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ.

ލޯން ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް ފުރުސަތު ހުޅުވާލިއެވެ. އަދި ލޯނު އެހީގެ ދަށުން ތަޢުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ޤައުމަކަށްވެސް ދިއުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އެހެންނަމަވެސް ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ އެކަމަށް ކަނޑައަޅައި ޢިއުލާންކޮށްފައިވާ ޤައުމުތަކަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ދަރިވަރު އިޚްތިޔާރުކުރާ ޤައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ.

މިފަހަރުގެ ލޯން ސްކީމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ފުރަތަމަ ޑިގްރީ ސްކީމުގައި ކިޔަވަމުންދާ ދަރިވަރުންނަށް، އެދަރިވަރުންގެ އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް ސްލޮޓް ކަނޑައަޅައި ފުރުޞަތު ހުޅުވާލިއެވެ.

މި އަހަރުގެ ސްޓޫޑެންޓް ލޯނުނަށް ހުޅުވާލީ އެޑްމިނިސްޓްރޭޝަން ފީ ތިން ޕަސެންޓުން އެއް ޕަސެންޓައް ކުޑަކޮށްފައެވެ.

ލޯނުގެ ވަގުތީ ނަތީޖާ މިއަދު އިއުލާން ކުރެވުމާއެކު، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލެވިފައިވާކަމަށް ހަޔާއެޑިޔުކޭޝަނުން ވިދާޅުވެއެވެ. ވަގުތީ ނަތީޖާ އާއި ގުޅޭގޮތުން ޝަކުވާއެއްވާނަމަ ހުށަހަޅާނީ loan2022@mohe.gov.mv އީ.މެއިލް އަށެވެ.

ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ 24 މެއި 2022 ގެ 14:00 އެވެ. އަދި ދާއިމީ ނަތީޖާ، އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 5 ޖޫން 2022 ގައެވެ.