ނޮޅިވަރަމުން ދޫކޮށްފައިވާ ގޯތިތަކުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް ވަގުތީ އަމުރެއް ނެރެފި އެވެ.
ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން މިރޭ ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ގޯތި ހޯދުމަށް ނޮޅިވަރަމް ކައުންސިލަށް ހުށައަޅާފައިވާ ފަރާތަކުން އެފަރާތަށް ޕޮއިންޓް ދިނުމުގައި ކައުންސިލުން އިހުމާލު ވެފައިވާ ކަމަށް ބުނެ ހުށައެޅި މައްސަލާގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައި ވާތީވެ، އެފަރާތުން ހުށައަޅާފައިވާ މައްސަލާއިގައި ވަކި ގޮތެއް ނިމެންދެން ކައުންސިލުން އެގޯތިތަކުގެ އެއްވެސް މަސައްކަތެއް ނުކުރުމަށް ނޮޅިވަރަމް މެޖިސްޓްރޭޓްކޯޓުން ނޮޅިވަރަމް ކައުންސިލްގެ މައްޗަށް އަމުރުކުރާކަމަށެވެ.
އެފަރާތަށް ހުށައެޅި ފޯމްގައި ބައެއް ޑޮކިއުމެންޓްތަށް ނެތުމުން އެފަރާތަށް ލިބެންޖެހޭ ބައެއް ޕޮއިންޓްތަށް ނުލިބި ވާނެކަން ކައުންސިލުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައި ވެއެވެ. ނަމަވެސް ކައުންސިލަށް ފޯމް ލުމުން ހުށައެޅި ތަކެތީގެ ލިސްޓް ޗެކުކުރުމަށް ފަހު އެފަރާތަށް ކައުންސިލުން ދީފައިވާ ލިޔުމުގައި އެޑޮކިއުމެންޓުތަށް ހުށައަޅާފައިވާ ކަމަށް ޓިކް ކޮއްފައި ވާކަމަށް މައްސަލަ ހުށައެޅި ފަރާތުން ޝަރީއަތުގައި ބުނެފައި ވެއެވެ.
ކައުންސިލުން މިކަމުގެ ދިފާއުގައި ބުނެފައިވަނީ ޑޮކިއުމެންޓް ތަށް ފުރިހަމަ ނުވިކަމުގައި ވިޔަސް ހުށައެޅިފައިވާ ޑޮކިއުމެންޓްތަކަށް ޕޮއިންޓް ދީފައި ވާނެކަމަށެވެ.
ޝަރީއަތުން ބުނެފައިވަނީ މިމައްސަލާގައި ވަކިގޮތެއް މި ފެށޭ ހަފްތާގައި ބުދަ ނުވަތަ ބުރާސްފަތީގައި ނިންމުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ނޮޅިވަރަމުން އެންމެފަހުން ދޫކުރި ގެވަޅުތަކާއި ގުޅޭ ގޮތުން ތިން ފަރާތަކުން ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށައަޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.
އެރަށުން 2011 ވަނަ އަހަރު ދޫކުރި 172 ގޯތީގެ މައްސަލަވެސް ބޮޑުވެ ގިނަދުވަސްތަކެއްވެ އެގޯތިތަށް ހަވާލު ނުކުރެވި ދިޔަކަން ފާހަގަ ކުރެވެއެވެ. އެމައްސަލާގައި 17 ވަނަ ރައްޔިތުންގެ މަޖިލީހުން ބެލުމަށްފަހު ގޯތިތަށް އޭގެ ހައްގުވެރި ފަރާތްތަކާއި ހަވާލުކުރުމަށް ކައުންސިލަށް އަންގާފައިވެއެވެ. ނަމަވެސް އެގޯތިތަށް ހަވާލު ނުކުރެވި ގިނަ ދުވަސް ތަކެއް ފާއިތުވެ ދިޔުމަށްފަހު މިދެންނެވި ގޯތިތަށް އޭގެ ހައްގުވެރީންނަށް ހޯދައި ދީފައި ވަނީ ނޮޅިވަރަމް ކައުންސިލްގެ ދެވަނަ ދައުރުގައެވެ.
ނޮޅިވަރަމުން ގޯތި ދޫކޮށްފައިމިވަނީ 8 އަހަރަށް ފަހުނެވެ. ކައުންސިލުންވަނީ ގެވަޅު ލިބޭ ފަރާތްތަކަށް ޕޮއިންޓު ދީ ގުރުއަތުލުންވެސް ނިންމާފައެވެ. ގެވަޅު ދޫކުރުމަށް ނިންމާފައިވަނީ އެރަށު ބަނދަރަށް ނުކުންނަ މަގު (އަޅިވިލާމަގު)ގެ ދެ ފަރާތުންނެވެ. އެގޮތުން މަގުގެ އެއް ފަޅިން 4 ބްލޮކް އަނެއް ފަޅިން 6 ބްލޮކުން ގެވަޅު ދިނުމަށް ނިންމާފައިވާއިރު ކޮންމެ ބްލޮކެއްގައި ހިމެނޭނީ 8 ކަމަށް އެރަށު ކައުންސިލުން ވަނީ މަޢުލޫމާތުދީފައެވެ.
މި 75 ގޯއްޗަކީ މި އަހަރު ޖެނުއަރީ މަހު އިއުލާންކޮށް ފޯމްލާފައިވާ ގެވަޅުތަކެއްކަން ފާހަގަކޮށްލެވެެއެވެ. މި ގެވަޅުތައް ދިނުމުގެ ހުއްދަ ކައުންސިލަށް ދީފައިވަނީ 2018 ވަނަ އަހަރުއެވެ. އެގޮތުން ގެވަޅުގެ ދިނުން ލަސްވެގެން މި އަހަރު ޖޫން މަހު ވަނީ އެރަށު ރައްޔިތުން އިހްތިޖާޖުވެސް ކޮށްފައެވެ.
ނޮޅިވަރަމަކީ ހދ އަތޮޅުގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!