ހޯރަފުށީ ދާއިރާގައި ހިމެނޭ ތިން ރަށްކަމަށްވާ ހޯރަފުއްޓާއި އުލިމާއި ތުރާކުނަށް ހުޅުވާލައިގެން ހޯރަފުށީ ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ " ހޯރަފުށީ ރަންއަޑު ޤުރުއާން މުބާރާތް 1443 " ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކީރިތި ޤުރްއާން އުނގެނުމާއި، އުނގަންނައިދިނުމުގައި ތަރުތީލުކޮށް ކިޔެވުމުގެ ޤާބިލުކަން އުފެދޭނެފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި، ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމަށް މަސައްކަތް ކުރުމުގެ އިތުރުން ދިވެހިރާއްޖޭގައި ބޭއްވޭ ޤައުމީ ޤުރްއާން މުބާރާތުގައި ހޯރަފުށީ ދާއިރާއިން ބައިވެރިކުރާނެ ދަރިވަރުން އުފެއްދުމެވެ.

Ad
rt

ހިތުން ކިޔެވުމުގެ ބަޔާއި ފޮތުން ކިޔެވުމުގެ ބައި ހިމެނޭހެން ދެ ގޮތްޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ހޯރަފުށީ ދާއިރާ ތަމްސީލްކުރާ ރަށެއްގެ، އިދާރާތަކާއި، ސްކޫލް، މަދަރުސާތަކާއި، ރަޖިސްޓްރީ ކޮށްފައިވާ ކްލަބް ޖަމްޢިއްޔާތަކާއި، ކުންފުނިތަކާއި، ޤުރްއާން ކްލާސްތައް ތަމްސީލުކުރާ ކެންޑިޑޭޓުންނަށްވުމެވެ. އަދި މީގެ އިތުރުން އަމިއްލަ ގޮތުން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ.

މި މުބާރާތުން ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ، ބައިވެރިވުމަށް ފޯމް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ މެދުގައި ބާއްވާ އޮޑިޝަނުން ހޮވޭ ފަރާތްތަކަށެވެ. ހޯރަފުށީ ކައުންސިލުން ވިދާޅުވެފައި ވަނީ މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވުމުން، މުބާރާތުގެ އޮޑިޝަން އޮންނާނެ ތާރީޚް ބައިވެރިންނަށް އީމެއިލް ނުވަތަ ފޯން މެދުވެރިކޮށް އެންގިގެންދާނެ ކަމަށެވެ.

މި މުބާރާތުގައި ބައިވެރި ވުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ އޮންލައިން ލިންކް މެދުވެރިކޮށް، 14 މެއި 2022 ވަނަ ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޮނުއްވުމަށް ހޯރަފުށީ ކައުންސިލުން ވަނީ އެދިލައްވާފައެވެ. މީގެ އިތުރުން އޮންލައިން އެޕްލިކޭޝަން ފޮނުއްވުމަށް ފަހު info@hoarafushicouncil.gov.mv ބަޔާން ކުރެވިފައިވާ މެއިލް އެޑްރެސްއަށް ބައިވެރިޔާއާއި ބައިވެރިޔާގެ ބެލެނިވެރިޔާގެ އައިޑީކާޑް ކޮޕީއެއް ފޮނުވުމަށް ވެސް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 30 ޖުލައި 2022 ވަނަ ދުވަހު ހޯރަފުށީގައެވެ.

އޮންލައިން އެޕްލިކޭޝަން ލިންކް:

Google Docsހޯރަފުށީ ރަންއަޑު ޤުރްއާން މުބާރާތް - 1443 އެޕްލިކޭޝަން ފޯމް

މި މުބާރާތުގެ ޤަވާއިދު ތިރީގައިވާ ލިންކުން ލިބިލައްވާނެއެވެ.

ޤަވާއިދު: https://drive.google.com/file/d/1_eDQz0YuYY7b3rzSkZoPufZLyI5cww-k/view?usp=sharing