އިނގިރޭސި އެފްއޭ ކަޕް ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީއާއި ލިވަޕޫލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލިވަޕޫލުން ހޯދައިފިއެވެ. ވެމްބްލީ ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލް މެ ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު މެޗުގެ 9 ވަނަ މިނެޓުގައި ރޮބާޓްޝަން ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ކޮނާޓޭއެވެ.

Ad
rt

މެޗުގެ ދެވަނަ ލަނޑު 17 ވަނަ މިނެޓުގައި ލިވަޕޫލަށް ކާމިޔާބު ކޮށްދީފައި ވަނީ ސަޑިއޯ މަނޭއެވެ. މަނޭ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ސިޓީގެ ގޯލް ކީޕަރ ޒަކް ސްޓެފެން ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

މެޗުގައި ލިވަޕޫލުން ކާމިޔާބު ކުރި ތިންވަނަ ލަނޑު 45 ވަނަ މިނެޓުގައި ލިވަޕޫލުގެ މިޑްފީލްޑަރ ތިއާގޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް މަނޭއެވެ.

އަނިޔާގެ ސަބަބުން ސިޓީގެ ކެޕްޓަން ކެވިން ޑި ބްރޭނާ މި މެޗުގައި ކުޅެފައި ނުވެއެވެ. ސިޓީން ދެވަނަ ހާފުގައި ކުޅުން ރަނގަޅު ކުރިއިރު އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 47 ވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޖެކް ގްރީލިޝްއެވެ. ސިޓީގެ ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮސްދީފައި ވަނީ ބާނާޑޯ ސިލްވާއެވެ.

ލިވަޕޫލަށް އެފްއޭ ކަޕްގެ ފައިނަލުން ޖާގަ ލިބިފައި މި ވަނީ 10 އަހަރުގެ މެދު ކެނޑުމަކަށް ފަހުއެވެ. އެންމެ ފަހުން ލިވަޕޫލް އެފްއޭކަޕް ފައިނަލުގައި ކުޅެފައި ވަނީ 2012 ވަނަ އަހަރުއެވެ. އެ އަހަރު ފައިނަލުގައި ބަލިވީ ޗެލްސީ އަތުންނެވެ. މިހާތަނަށް ލިވަޕޫލް 15 ފަހަރު އެފްއޭކަޕް ފައިނަލަށް ގޮސްފައިވާއިރު އެ ޓީމަށް މި މުބާރާތް ކާމިޔާބު ކުރެވިފައި ވަނީ ހަތް ފަހަރުއެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އާދީއްތަ ދުވަހުގެ ރޭ ބައްދަލު ކުރާނީ ޗެލްސީއާއި ކްރިސްޓަލް ޕެލަސްއެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ލިބިގެން ދާނެއެވެ.