ޗެކް ބޭނުންކުރުން މަދު ކުރުމަށްޓަކައި ޗެކުން ފައިސާ ނެގޭ އެންމެ މަތީ އަގެއް ކަނޑައަޅަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.

ޗެކް ބޭނުންކުރުން މަދުކުރުމާ ގުޅޭ އެކްޝަން ޕްލޭން އިއުލާންކޮށް، އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކެޓިވް ޑައިރެކްޓާ ހައްވާ ލަތީފު ވިދާޅުވީ، ޗެކް ބޭނުންކުރުން މަދުކުރުމަށް 2024 ވަނަ އަހަރާ ހަމައަށް ފިޔަވަޅުތަކެއް އެޅުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޗެކުން ފައިސާ ނެގޭ ވަރު 50،000ރ. އަށް، ޑޮލަރުން ނަމަ 3،000 ޑޮލަރަށް ލިމިޓް ކުރުމަށް ވަނީ ކަނޑައަޅައިފައެވެ. އަދި ޗެކުން ފައިސާ ނަގާ ނަމަ އިތުރު ފީއެއް ނެގުމަށް ވެސް ކަނޑައަޅާފައިވެއެވެ.

Ad
rt

މީގެ އިތުރުން ޗެކް ކްލިއާ ކުރުމަށް ހޭދަވާ މުއްދަތު އިތުރު ކުރަންވެސް ވަނީ ނިންމާފައެވެ. އެގޮތުން 2024 ވަނަ އަހަރު ޗެކެއް ކްލިއާ ކުރާ މުއްދަތު 10 ދުވަހަށް އިތުރު ކުރާނެއެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭ ޗެކް ބޭނުން ކުރާ ވަރު 60 އިންސައްތަ ވަނީ ކުޑަ ކުރެވިފައެވެ. އާންމު ގޮތެއްގައި އެންމެ ގިނައިން ޗެކުން މުއާމަލާތްތައް ކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އާންމު ވިޔަފާރިވެރިންނެވެ.

ޗެކް ބޭނުން ކުރުން މަދުކުރަނީ މާލީ މުއާމަލާތްތައް ހިންގުމުގައި ޗެކްގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ގިނަވާތީ، ފަސޭހަ ގޮތަކަށް މާލީ މުއާމަލާތްތައް ހިންގޭނެ ގޮތްތައް ފަހިކުރުމަށް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.