އިދުރީސްބޭ ގޭގައި އުޅެނިކޮށް އެއް ދުވަހަކު ސިއްތި ޙުސެންބެ ގޮސް ބުނެފިއެވެ. ކަލޯ އިދުރީހާއެވެ. ކުޑަކުޑަ ޝަރީޢަތެއް ނިންމައިދޭން އަހަރެމެންގެއަށް ހިނގާބަލާށެވެ. އިދުރީސްބޭ ހުސޭނުބެއާއެކު ހިނގައިގަތެވެ. އޭރު އަދި އެއީ ކޮންކަމެއް ކަމެއް ވެސް ނޭނގެއެވެ.

އިދުރީސްބެ އެ ގެއަށް ދިއުމުން ބޮޑު އަށިމަތީގައި ސައިކައްކާ ދެ ކުރާ ނެރެފައި ބަހައްޓައިފިއެވެ. އެއީ ވަރަށް ކުޑަކުޑަ ކުރައަކާއި އެ ކުރައަށްވުރެ ތަންކޮޅެއް ބޮޑު ކުރައެކެވެ. ހުސޭނުބެ ބުނެއްޕެވެ. ޝަރީޢަތް ގެންދަންވީ މި ދެ ކުރާގެ މައްޗަށެވެ.

Ad
rt

މައްސަލައަކީ މިތަނުން ބޮޑު ކުރައަކީ ހުސޭނުބޭގެ ދަރިފުޅު ހައްވައާއި އޭނާގެ ފިރިމީހާ މުޙައްމަދާ އައު ގެއަށް ނުކުންނަންވާއިރަށް ހޯދާފައިވާ އައު ކުރައަށް ވެފައި އެ ކުރާގައި ސައިކެއްކުމެވެ. މި އާ ކުރާގައި ސައިކައްކާފައި ހުރިތަން މުޙައްމަދަށް ފެނިގެން އޭނާގެ އަންހެނުންނާ ސުވާލެއް ކޮށްލެވުނީއެވެ. އެ އަޑު ހައްވަގެ ބައްޕަ ހުސޭނުބޭއަށް އިވުމުން އެ ސައިކުރާގެ މައްސަލައާ ހުރެ އެ ދެ ކުދިންގެ ދިރިއުޅުމަށް ދޭނެވޭ އަސަރެއް ކޮށްފާނެތީ ކަންބޮޑުވީއެވެ. އެހެންވެ ވީހާވެސް އަވަހަކަށް އެ މައްސަލަ ހައްލުކޮށްދެން ބޭނުންވީއެވެ. އެކަމަށް އެންމެ ރަނގަޅު ޙިކުމަތްތެރި

ނިޔާއެއް ކުރެވޭނެ ކަމަށް ހުސޭނުބޭއަށް ފެނުނީ އިދުރީސްބެއެވެ. އިދުރީސް ބެއަކީ ވަރަށް މަޖާ މިޒާޖެއްގެ މީހެކެވެ.

ބޮޑު އަށި މަތީގައި ހުރި ކުޑަ ކުރާ ނަގާފައި ހުސޭނުބެ ބުންޏެވެ. މިކުދިންގެ ކައިރީގައި ބައްޕަ މި ބުނަނީއެވެ. ބައިގިނަވެގެން ރައްޔިތުން ތިއްބަސް މި ކުރާގައި ސައިކައްކާށެވެ. މިއީ ބައްޕަމެން އިހުއްސުރެ ގެންގުޅޭ ކުރައެކެވެ. ކޮއިމެންނަށް ވިހި ފަހަރު ކައްކަން ޖެހުނަސް މި ކުރާގައި ކައްކާފައި ސައިދޭށެވެ. މި ބޮޑު ކުރައަކީ މީނަ ފެންނަ މުޙައްމަދުގެ ކުރައެކެވެ. މި ކުރާގައި މުޙައްމަދުގެ އަންހެނުން ޙައްވަ ސައިކައްކަނީއެވެ. ބައިގިނަ ވީމާ އެ ކޮއިވެސް އެ ކުރާ ނަގަނީ ފަސޭހައަކަށެވެ. ހުސޭނުބޭ ހިތުން މިކަމަކާ މުޙައްމަދެއް ނުރުހެއެވެ. މިކަން ހައްލުވާނެ ނިޔާއެއް ކަނޑައަޅައިދީ ބަލާށެވެ.

ކުޑައިރުކޮޅަކު ވިސްނާލަން އިނދެފައި އިދުރީސްބެ ބުނެއްޕެވެ. ހުސޭނުބޭއެވެ. މި ބޮޑު ކުރާގައި ސައިކައްކަކީ އެހެން މީހެއް ނޫނެވެ. މުޙައްމަދުގެ އަންހެނުންނެވެ. އަދި މުޙައްމަދުގެ އަންހެނުން އެ ކުރާ ބޭނުން ކުރަނީ ގޭގައި ބައިގިނަވީމާ އެ ކޮޔަށް ވެސް ފަސޭހައަކަށެވެ. އެހެންވީމާ އެ ކުރާގައި ސައިކައްކާތީ މުޙައްމަދު ނުގަބޫލިއްޔާ މި ކުރާ ގެންގޮސް އެހެން ރަށެއްގައި ނޫނިއްޔާ އެހެން ގެއެއްގައި ޖެހޭނީ ބާއްވާށެވެ. މިގޭގައި ކުރާ އޮތިއްޔާ އެ އޮތް ތާކުން މުޙައްމަދުގެ އަންހެނުން ނަގައިގެން ސައިކެއްކުމަކީ މައްސަލައެއް ހުރި ކަމެއް ނޫނެވެ. އަދި އެއީ މުޙައްމަދަށް މައްސަލަ ޖެއްސޭނެ ކަމެއް ވެސް ނޫނެވެ. ދެން މުޙައްމަދާ ދިމާއަށް އެނބުރިފައި ބުނެއްޕެވެ. މުޙައްމަދާއެވެ. މި ކުރާގައި ސައިކައްކަން ނުގަބޫލިއްޔާ ކަލޭ ކުރާ ގެންގޮސް އެހެން ތަނެއްގައި ބާއްވާށެވެ. މިގޭގައި އޮތިއްޔާ ކަލޭ އަންހެނުންނަށް މި ކުރާ ބޭނުން ކުރެވޭނެއެވެ.

އިދުރީސްބޭ ޙުކުމް އިއްވާފައި ބުނެފިއެވެ. ހުސޭނުބޭއެވެ. ޝަރީޢަތް ދިޔަގޮތް ކިހިނެއް ހެއްޔެވެ؟ ހުސޭނުބޭ ބުނެއްޕެވެ. ހާދަހާ ހަމަހަމަ ވެފައި އިންސާފެވެ. ދަރިފުޅާއެވެ. އިދުރީހަށް އަވަހަށް ސައިހަދާށެވެ.

ނުލާހިކު ސީރިއަސްކަމާއެކު އިދުރީސްބެ މައްސަލަ ނިންމާފައި ޙުކުމް ކުރިއިރު ވެސް އަގަޔަކުން ތުނބަކުން ނުބުނެ މުޙައްމަދުބެ ހީހީ އިނެވެ. ހުސޭނުބޭގެ ގޮތާއި އިދުރީސްބޭގެ ގޮތް ފާޑު ވެސް މުޙައްމަދުބެއަށް އެނގެނީއެވެ. (ނިމުނީ)