ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ލޯންޑްރީއާއި ބެކަޕް ޖެނެރޭޓަރ އަޕްގްރޭޑްކޮށް ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
އެ ހޮސްޕިޓަލްގެ ލޯންޑްރީގެ ޚިދުމަތާއި ބެކަޕް ޖެނެރޭޓަ އަޕްގްރޭޑްކޮށް ރަސްމީކޮށް 01 އޭޕްރިލް 2022 ވީ ހުކުރު ދުވަހު (މިއަދު) ހުޅުވާފައިވާއިރު، މިކަމަށްޓަކައި އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފްގެ އިތުރުން އެ ރަށުގެ ގިނަ މުއައްސަސާތަކުގެ ވެރިން ވަނީ ބައިވެރި ވެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެފައި ވަނީ ފާއިތުވި ދެތިން އަހަރަކީ ރާއްޖެއަށް ދަތި އަހަރުތަކެއް ނަމަވެސް، އެ ދަތިކަމުގެ ތެރޭގައި ރާއްޖޭގެ ކުރިއެރުމަށް މި ސަރުކާރުން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވިސްނުފުޅާއިއެކު ދިވެހިރާއްޖޭގެ ސިއްހީ ޚިދުމަތްތައް ފުޅާކުރައްވަމުން އަންނައިރު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވެސް ފާއިތުވި ތިން އަހަރު، މީގެ ކުރިން އަހަރު ތަކުގައި ފެނިފައިނުވާފަދަ ބޮޑެތި ކުރިއެރުންތަކެއް ފެނިފައިވާކަން ޔާސިރު ވަނީ ފާހަގަ ކުރައްވާފައެވެ.
ބެކަޕް ޖެނެރޭޓަރުގެ ޚިދުމަތާއި ލޯންޑްރީގެ ޚިދުމަތް އިތުރަށް ރަނގަޅު ކުރެވިގެންދިޔައިރު، ފާއިތުވި ދެ އަހަރުތެރޭ އެ ހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތާއި ސީޓީ ސްކޭންގެ ޚިދުމަތް ތަޢާރަފްކޮށް ފޯރުކޮށްދޭން ފެށިފައިވާ ކަމަށާއި، މީގެ ކުރިން ސީޓީ ސްކޭނެއް ހަދަން ބޭނުންވެއްޖނަމަ މާލެ ގޮސް ސްކޭނެއް ކުރެވޭއިރު އަތުން ފަނަރަ ނުވަތަ ވިއްސަކަށް ހާސް ރުފިޔާ ޚަރަދުވާ ޚަރަދުވުމަށް މިއަދު ހައްލު ހޯދައިދެވިފައިވާކަން ޔާސިރު ވަނީ ފާހަގަ ކުރައްވާފައެވެ.
ޔާސިރު އިތުރަށް ވިދާޅުވެފައި ވަނީ މިއީ ތަރައްޤީ ނިމުން ނޫން ކަމަށާއި، ކުރިއަށް އޮތްތާގައި ވެސް އެ ހޮސްޕިޓަލުގައި އިތުރު ޚިދުމަތްތައް ތަޢާރަފްކުރެވިގެން ދާނެ ކަމަށެވެ. މީގެ އިތުރުން ރަށަށް ދިމާވެފައިވާ އެންމެހާ މައްސަލަތައް ހައްލު ކުރުމަށް އިލްމީ ދިރާސާތައް ހެއްދެވުމަށް އެ ރަށުގައި ރިސާޗް އިންސްޓިޓިއުޓެއް ޤާއިމްވެގެން ދިޔުމަކީ ވެސް އުންމީދެއް ކަމުގައި ޔާސިރު ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ ސިއްހީ ނިޒާމަށް ގެނެސްދެއްވާ ކުރިއެރުން ފާހަގަ ކުރައްވައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ޔާސިރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!