އިޓާލިއަން ސީރިއާ އޭގައި ހުކުރު ދުވަހުގެ ރޭ އިންޓަ މިލާނާއި ސެލަނިޓާނާ ބައްދަލުކުރު މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އިންޓަ މިލާން ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އިންޓައިން ކާމިޔާބު ކޮށްފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

Ad
rt

މި މެޗުގައ އިންޓަގެ އާޖެންޓީނާ ފޯވާޑް ލައުޓާރޯ މާޓިނޭޒް ވަނީ ހެޓްރިކް ހަދާފައެވެ. އިންޓައިން މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި ބަރެއްލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މާޓިނޭޒްއެވެ. ދެވަނަ ލަނޑު 40 ވަނަ މިނެޓުގައި މާޓިނޭޒް ކާމިޔާބުކުރިއިރު، މި ލަނޑު ޖެހުމަށް އެސިސްޓް ކޮށްދީފައި ވަނީ ވެސް ބަރެއްލާއެވެ.

މެޗުގެ 56 ވަނަ މިނެޓުގައި އެޑިން ޒެކޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މާޓިނޭޒް ވަނީ އިންޓައަށް މި މެޗުގައި ތިން ލަނޑު ކާމިޔާބު ކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މެޗުގައި އިންޓަގެ ހަތަރުވަނަ ލަނޑު 64 ވަނަ މިނެޓުގައި ރޮބިން ގޫސެންސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެޑިން ޒެކޯއެވެ. ފަސްވަނަ ލަނޑު 69 ވަނަ މިނޓުގައި ޑަމްފްރައިސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް ޒެކޯއެވެ.

މި މޮޅާއިއެކު އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ލިބިފައިވަނީ 27 މެޗުން ލިބުނު 58 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި މިވަގުތު އޮތީ 27 މެޗުން 57 ޕޮއިންޓް ހޯދައިގެން އޭސީ މިލާނެވެ. ތިންވަނާގައި 27 މެޗުން 57 ޕޮއިންޓް ހޯދައިގެން އޮތީ ނަޕޯލީއެވެ. އާދީއްތަ ދުވަހުގެ ރޭ ނަޕޯލީއާއި މިލާން ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، މި މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އެ ޓީމެއް ޖެހިލާނެއެވެ.