އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ބާންލީ ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއް ވެސް ފެނިގެން ގޮސްފައި ވަނީ ފުރަތަމަ ހާފުގައެވެ. މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ފުރަތަމަ ލަނޑު އަށް ވަނަ މިނެޓުގައި ރޮނާލްޑޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މެކްޓޮމިނޭއެވެ.

Ad
rt

މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ދެވަނަ ލަނޑަކީ 27 ވަނަ މިނެޓުގައި ބާންލީގެ ކެޕްޓަން ބެން މީގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މި ލަނޑު އޭނާ އަތުން ބައިކޮޅަށް ވަދެފައި ވަނީ ޔުނައިޓެޑްގެ ފޯވާޑް ސަންޗޯ ބާންލީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތިރީކަނާއި އަމާޒުކޮށް ބޯޅަ ފޮނުވާލި ވަގުތު އެ ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައެވެ.

މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ތިންވަނަ ލަނޑު 35 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ރޮނާލްޑޯއެވެ. ރޮނާލްޑޯ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ އެ ޓީމްގެ މެކްޓޮމިނޭ ބާންލީގެ ގޯލަށް ފޮނުވާލި ބާރު ހަމަލާ އެ ޓީމްގެ ކީޕަރު އަތުގައި ޖެހިފައި ދަނޑީގައި ޖެހިފައި ބޯޅަ ނުކުތްވަގުތު އޭރިއާގެ ތެރޭ ހުހަށްހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑްގެ ޑިފެނޑަރ އެރިކް ބެލީއަށް ހެދުނު ގޯހެއްގެ ފައިދާނަގައި ބާންލީގެ ލެނަންވަނީ ލަނޑުޖަހައި ބާންލީއަށް ހިތްވަރު ހޯދައިދީފައެވެ.

މި ނަތީޖާއާއިއެކު ޕޮއިންޓް ތާވަލުގެ ހަ ވަނާގައި ޔުނައިޓެޑް އޮތީ ކުޅުނު 18 މެޗުން ލިބުނު 31 ޕޮއިންޓާއިއެކުއެވެ. މެޗުން ބަލިވި ބާންލީ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 18 ވަނާގައެވެ. އެ ޓީމަށް 16 މެޗުން ލިބިފައި ވަނީ 11 ޕޮއިންޓެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އަށް ޕޮއިންޓްގެ ލީޑަކާއިއެކު އޮތީ މެންޗެސްޓާ ސިޓީއެވެ.