އަފްޣާނިސްތާނުގެ ރައްޔިތުންގެ ބޭސްފަރުވާއަށާއި، ކާބޯތަކެތި ހޯދުމަށާއި އަދި މިނޫންވެސް އަސާސީ މުހުތާދުތައް ފުއްދުމަށް ޕާކިސްތާން ސަރުކާރުން 28 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފިއެވެ.
މި ނިންމުން ނިންމެވިކަން ހާމަކުރެއްވީ އެ ޤައުމުގެ ބޮޑުވަޒީރު އިމްރާން ޚާނެވެ.
މިގޮތުން ޕާކިސްތާނުގެ އާމީ ޗީފް ޖެނެރަލް އުމަރު ޖާވިދު ބަޖްވާއާއި، އެ ޤައުމުގެ ސަރުކާރުގެ އިސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވީ ޕާކިސްތާނުން 28 މިލިއަން ޑޮލަރުގެ އެހީގެ ގޮތުގައި ޞިއްޙީ ޙިދުމަތައް ބޭނުންވާ ތަކެއްޗާއި، ކާބޯތަކެއްޗާއި އެހެނިހެން ބޭނުންވާ އެހީތެރިކަން އަފްޣާނިސްތާނުގެ ރައްޔިތުންނަށް ފޯރުކޮށްދޭނެކަމަށެވެ. އަދި އިންޑިއާ މަގުން އަފްޣާނިސްތާނަށް އެ ތަކެތި ފޯދުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.
ޕާކިސްތާނުން، އަފްޣާނިސްތާނަށް ފޯރުކޮށްދޭ އެހީއަކީ ގާތްގަނޑަކަށް 5 ބިލިއަން ޕާކިސްތާން ފައިސާގެ އެހީއެކެވެ. މި އެހީގެ ތެރޭގައި އެ ގައުމުން އަފްޣާނަށް ފޯރުކޮށްދޭ ޞީއްޙީ ޙިދުމަތަށް ބޭނުންވާ ތަކެތީގެ އިތުރުން 5000 މެޓްރިކް ޓަނުގެ ކާބޯތަކެއްޗާއި، ފިނި މޫސުމުގައި ބޭނުންކުރެވޭނެ ފަދަ ތަކެތިވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ބޮޑު ވަޒީރު ވިދާޅުވީ އަފްޣާން ރައްޔިތުންނަށް އެހީތެރިވުމަށް ކުއްލި އެހީގެ ގޮތުގައި 5000 މެޓްރިކް ޓަނުގެ ކާބޯތަކެއްޗާއި އެހެނިހެން އެހީގެ ސާމާނު އިންޑިއާގެ އެހީތެރިކަން ލިބުނުހާ އަވަހަކަށް އިންޑިއާ މަގުން އަފްޣާނިސްތާނަށް ފޮނުވައި، އެހީގެ ސާމާނު ފޯރުކޮށްދޭން ފަށާނެކަމަށެވެ.
މީގެ އިތުރުން އަފްޣާނިސްތާނުން ޕާކިސްތާނަށް އެކްސްޕޯޓް ކުރާ ތަކެތިން ނަގާ ޓެކްސްގެ އަގުވެސް ދަށްކުރުމަށް އެބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާނާއެކު ވެރިރަށް އިސްލާމްއާބާދުގައި ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ޕާކިސްތާނުގެ އާމީ ޗީފް ޖެނެރަލް އާއި ފޮރިން މިނިސްޓަރާއި، ފިނޭންސް މިނިސްޓަރާއި، ނޭޝަނަލް ސެކިއުރިޓީގެ އެޑްވައިޒަރުގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!