އިޓާލިއަން ލީގުގައި ޔުވެންޓަސްއާއި ސަސުއޯލޯ ބައްދަލުކުރި މެޗު ސަސުއޯލޯއިން ކާމިޔާބު ކޮށްފިއެވެ. ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ބުދަދުވަހުގެ ރޭ ކުޅުނު މި މެޗު ސަސުއޯލޯއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ސަސުއޯލޯއިންނެވެ. މި ލަނޑު މެޗުގެ ފުރަތަމަ ހާފު ނިމެން އެއްމިނެޓަށް ވެފައި ވަނިކޮށް ޑީފްރެލް ތަނަވަސް ކޮށްދިން ފުރުބަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ފްރަޓޭސީއެވެ. ޔުވެންޓަސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 76 ވަނަ މިނެޓުގައި ޑިބާލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މެކެނީއެވެ. މި ނަތީޖާއާއިއެކު މެޗު ނިމެން ދަނިކޮސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ފަސް މިނޓުގެ ވެސް ފަހު ވަގުތު ބެރާޑީ ތަނަވަސް ކޮށްދިން ފުރުޞަތެއގައި ލަނޑުޖަހައި ސަސުއޯލޯއަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައި ވަނީ ލޮޕޭޒްއެވެ.
އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން ވެސް ވަނީ ރަށުން ބޭރުގައި އެމްޕޯލީއާއި ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. މި މެޗުގައި އިންޓައިން ކާމިޔާބުކުރި ފުރަތަމަ ލަނޑު 34 ވަނަ މިނެޓުގައި އަމްބްރޯސިއޯ ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑު 66 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޑިމާކޯއެވެ.
އިޓާލިއަން ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު އެތުލާންޓާ ވަނީ ސަމްޑޯރިއާގެ މައްޗަށް 3-1 ގެ ނަތީޖާއިން ކުރި ހޯދާފައެވެ. ރޯމާއާއި ކަލިއާރީ ބައްދަލުކުރި މެޗު 2-1 އިން ރޯމާ ކާމިޔާބުކުރި އިރު ލާޒިއޯ ވަނީ 1-0 އިން ފިއޮރެންޓީނާގެ މައްޗަށް ކުރި ހޯދާފައެވެ.
މި ނަތީޖާތަކާއިއެކު މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ 10 މެޗުން 28 ޕޮއިންޓް ހޯދައިގެން އޭސީ މިލާނެވެ. ދެވަނާގައި 9 މެޗުން 25 ޕޮއިންޓް ހޯދައިގެން އޮތީ ނަޕޯލީއެވެ. ތިންވަނާގައި 10 މެޗުން 21 ޕޮއިންޓް ހޯދައިގެން އޮތީ އިންޓަ މިލާނެވެ. ޔުވެންޓަސް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 7 ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 10 މެޗުން 15 ޕޮއިންޓެވެ. ސަސުއޯލޯ މިވަގުތު އޮތީ 10 މެޗުން ލިބުނު 14 ޕޮއިންޓާއިއެކު ތާވަލުގެ 9 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!