ށ. ފޯކައިދޫ ސްކޫލްގެ ކީސްޓޭޖް 1 އަދި 2ގެ ދަރިވަރުން މިހާރު ކިޔަވަމުން އަންނަ "މައި ކޮމިއުނިޓީ" ތީމްގެ ދަށުން އެރަށުގައި ޕިކްނިކް ދާ ސަރަހައްދެއް ތަރައްޤީކޮށްފިއެވެ.
މި ސަރަހައްދަށް ދީފައިވާ ނަމަކީ "ކޮށްލަވާނި ބީޗް"އެވެ. މިމަސައްކަތްކޮށްފައިވަނީ ގްރޭޑް 1 ކާއި 6 ކާއި ދެމެދު ކިޔަވާ ކުދިންގެ ތެރެއިން ކީސްޓޭޖް 1 އަދި 2ގެ ދަރިވަރުންނެވެ.
މިމަސައްކަތުގައި ދަރިވަރުންނަށް އެހީތެރިވެދީފައިވަނީ ފޯކައިދޫ އަންހެނުންގެ ކޮމިޓީއާއި، މި މަސައްކަތްކުރި ދަރިވަރުންގެ ބެލެނިވެރިންނާއި އަދި ޓީޗަރުން ނެވެ.
މިކަން ކުރުމުގެ މަގުސަދަކީ މިތީމްގެ ދަށުން ދަރިވަރުންނަށް މުޖުތަމަޢުއަށް ފައިދާކުރާ ފަރާތް ތަކަކީ ކޮބައިކަމާއި، އެފަރާތްތަކުން ކުރާ މަސައްކަތްތަކަކީ ކޮބައިކަމާއި، އެމަސައްކަތުން މުޖުތަމަޢުއަށް ފައިދާ ކުރަނީ ކޮންގޮތަކުންކަން ދަސްކޮށްދިނުންކަމަށް ފޯކައިދޫ ސްކޫލުން ވިދާޅުވެއެވެ.
މި މަސައްކަތާއެކު މުޖުތަމައުގައި އެކުދިންގެ ދާއުރާއި ކަންކަމުގައި އިސްނަގައި ކޮމިއުނިޓީއަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ މުހިންމުކަން ދަސްވެގެންދިޔަ ކަމަށް ވެސް ފޯކައިދޫ ސްކޫލް ވިދާޅުވެއެވެ.
ދަރިވަރުން ސާމިލްކޮށްގެން މިފަދަ އިޖުތިމާއި މަސައްކަތްތައް ކުރުމުން ދަރިވަރުންނަށް ކޮމިއުނިޓީއަކީ ކޮބައިކަމާއި، ދިރިއުޅޭ މުޖުތަމަޢުގައި ދަރިވަރުން ނިސްބަތްވާ ކޮމިއުނިޓީ ގްރޫޕްތައް ނުވަތަ ބައިތަކަކީ ކޮބައިކަމާއި، މުޖުތަމަޢުއަށް ފައިދާކުރާ ފަރާތްތަކަކީ ކޮބައިކަމާއި، އެފަރާތްތަކުން ކުރާ މަސައްކަތްތަކުން މުޖުތަމަޢުއަށް ފައިދާ ކުރަނީ ކޮންގޮތަކުންކަން ދަސްވެގެން ދިޔަކަން ފޯކައިދޫ ސްކޫލުން ފާހަގަ ކުރައްވައެވެ.
އަދި މީގެ އިތުރުން އެކަކު އަނެކަކަށް އެހީވުމުގެ ސިފައަކީ މުޖުތަމަޢުއެއް ކުރިއެރުވުމަށް ވަރަށް މުހިއްމު ސިފައެއްކަމާއި، މުޖުތަމަޢުއެއް ކުރި އަރާނީ އެތަނެއްގައި އުޅޭ ފަރުދުން ރަގަޅުވެގެންކަމާއި، ރަގަޅު ފަރުދެއްގެ ކިބައިގައި ހުންނާނެ ސިފަތަކަކީ ކޮބައިކަން ދެނެގަނެ، ރަގަޅު ފަރުދުން މަދު މުޖުތަމަޢުއެއްގައި ދިމާވާނެ މައްސަލަތަކަކީ ކޮބައިކަމާއި، އެމައްސަލަތައް ހައްލު ކުރާނެ ގޮތްތައް ވެސް ދަރިވަރުންނަށް ދަސްވުމަށް މަގުފަހިވެގެން ދިޔަކަން އެ ސްކޫލުން ވަނީ ފާހަގަކުރައްވާފައެވެ.
ސްކޫލްގައި ކުރިއަށްގެންދެވޭ މިފަދަ އިތުރު ހަރަކާތްތަކުގެ ބޭނުމަކީ މުޖުތަމަޢުގައި ކުދިންގެ ދައުރާއި ކަންކަމުގައި އިސްނަގައި ކޮމިއުނިޓީއަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ މުހިންމުކަން ކުދިންނަށް ދަސްކޮށްދިނުން ކަމަށް ފޯކައިދޫ ސްކޫލުން ވިދާޅުވިއެވެ.
މައި ކޮމިއުނިޓީ ތީމްގެ ދަށުން ހިންގޭ ޚަރަކާތްތަކުގެ ދަށުން، މުޖުތަމަޢުގައި ވޮލެންޓިޔާކޮށް ނުވަތަ އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރާ އަމިއްލަ ފަރުދުންނާއި، ޖަމިއްޔާ ޖަމާޢަތްތަކާއި އިންޓަވިއުކޮށް އެބޭފުޅުން ކުރައްވާ މަސައްކަތްތައް ހޯދާ މުޖުތަމަޢުއަށް އެކަންކަމުން ކުރާ ފައިދާތައް ދެނެގަނެ ދަސްކުރުމާއި، މުސްތަޤުބަލުގައި ކޮމިއުނިޓީއަށް އެހީވުމުގެ ގޮތުން ކުރެވިދާނެ ކަންކަމާއިމެދު ކުދިން ބައިވެރިކޮށްގެން މަޝްވަރާތައްކޮށް ވަނީ ލިސްޓެއްވެސް ތައްޔާރުކޮށްފައެވެ.
އަދި މި ހަރަކާތްތަކުގެ ދަށުން މަސައްކަތެއް ކުރުމަށް އިސްނެގުމުގެ މުޙިއްމުކަމާއި ކަމެއް ކުރާއިރު ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެކަން ކުދިންނަށް ވަނީ އުގަންނައިދެވިފައެވެ.
"ކޮށްލަވާނީ ބީޗް" އަކީ މިވަގުތު ފޯކައިދޫގެ އެންމެ ގިނަ ބަޔަކު ޕިކްނިކް ގޮސް އާއިލާއާއި އެކު ވަގުތު ހޭދަކުރާ ވަރަށް މަޤްބޫލްތަނަކަށްވަނީވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!