ކ. ކާށިދޫ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ޖާބިރު ހައްޔަރުކުރުމަށް ގޮވާލައި، ދާއިރާގެ ރައްޔިތުންގެ އިހްސާސްތަކާއެއްގޮތަށް ވަކާލާތުކޮށް ދިނުމަށް އެދި އޭނާއަށް ނަސޭހަތްތެރިވެއްޖެއެވެ.

ކާށިދޫ ކައުންސިލްގެ 5 މެންބަރުން ސޮއިކޮށް މިއަދު ނެރުނު ޤަރާރެއްގައި ބުނެފައި ވަނީ، ކީރިތި ވަންތަ މާތް ﷲ ގެ ޙަޟުރަތުގައި ގަބޫލުވެވިގެންވާ ދީނަކީ ހަމައެކަނި އިސްލާމްދީން ކަމަށް، ޞަރީޙަ ޢިބާރާތުން ބަޔާންކޮށްދެއްވާފައި ވާކަމަށެވެ.

Ad
rt

އަދި ދިވެހި ރާއްޖޭގެ އެންމެހައި ރައްޔިތުންނަކީ މުސްލިމުން ކަމުގައިވެ، އަދި މުސްލިމަކަށް މެނުވީ ދިވެހި ރާއްޖޭގެ ރަށްވެހިކަން ނުލިބޭ ގޮތަށް ގާނޫނު އަސާސީގައި ލިޔެ ކަނޑައަޅާފައިވާކަމަށް އެ ޤަރާރުގައި ފާހަގަކޮށްފައި ވެއެވެ.

އެ ޤަރާރުގައި އިތުރަށް ބުނެފައިވާ ގޮތުގައި ޣައިރު ދީންތަކުގެ ޝިޢާރުތައް ދިވެހި ރާއްޖޭގައި ފާޅުކުރުމަކީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގާނޫނުން މަނާކޮށް އަދަބު ކަނޑައެޅިފައިވާ ކުށެއްކަމަށެވެ.

އެހެންކަމުން ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މުރާދާއި މަޤުޞަދު އޮޅޭ ގޮތަށް، އަދި އިސްލާމްދީނުގެ މަތިވެރި ޙުކުމްފުޅުތަކުގެ ހައިބަތު ގެއްލި، އިލާހީ ޙުކުމްފުޅުތަކަކީ، މި ޒަމާނާއި މުޖުތަމަޢާ އެކަށީގެން ނުވާ ބޯދާ ޙުކުމްތަކެއް ކަމަށް މީހުންނަށް ހީކުރުވަން ޖާބިރު މަޖިލީހުގައި ވާހަކަ ދައްކަވާފައިވާ ކަމަށް އެ ޤަރާރުގައި ބުނެފަވެއެވެ.

"ތިމާ އުޅޭނެ ދީން އަމިއްލައަށް ކަނޑައަޅައި، ތިމާ ބޭނުންވާހައި ގޮތަކަށް އުޅެވިދާނެ ކަމުގެ ނުރައްކާތެރި ވިސްނުން ފެތުރުމުގެ ގޮތުން، މަސައްކަތްތެރިންގެ ގޮތުގައި ނުވަތަ ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުންނަށް، އެމީހުންގެ ބާޠިލު ދީންތަކުގެ ޝިޢާރުތައް ޢާންމުކޮށް، ފާޅުގައި އަޅުކަން ކުރެވޭ ގޮތަށް، އެ ދީންތަކުގެ ފައްޅިތަކާއި އަޅުކަން ކުރާ ތަންތަން ރާއްޖޭގައި އެޅުމަށް، ފުރުޞަތު ފަހިކޮށްދީ ދީނީ މިނިވަންކަން ދިނުމަށް، ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، ހ. ތިމާވެށި ޢަބުދުﷲ ޖާބިރު، އެ މަޖިލީހުގައި ވަކާލާތުކޮށްފައި ވާތީ، އޭނާ އިސްލާމްދީނުގެ އަސްލުތަކާއި ދިވެހި ރާއްޖޭގައި ޢަމަލުކުރުމަށް ހެދިފައިވާ ގާނޫނުތަކާ ޚިލާފުވެފައި ވާތީ، މިކައުންސިލުން، އޭނާގެ އެ ވާހަކަތަކާއި ޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އަދި އޭނާ ހައްޔަރުކޮށް، ތަޙުޤީޤުކޮށް، ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އޭނާއާ މެދު އެޅުމަށް ސަރުކާރާއި ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ގޮވާލަމެވެ." އެ ޤަރާރުގައި ބުނެފަވެއެވެ.

މެންބަރު ޖާބިރު، ދީނީ މިނިވަންކަން ދިނުމަށް ގޮވާލައި މަޖިލީހުގައި ދެއްކެވި ވާހަކައަކީ ކާށިދޫ ދާއިރާގެ ރައްޔިތުން ތަމްސީލްކޮށް އެނާ ދައްކާފައިވާ ވާހަކަތަކެއް ކަމަށް އެ ދާއިރާގެ ރައްޔިތުން ބަލައިގަންނާނެ ވާހަކަތަކެއް ނޫން ކަމާއި، މަޖިލީހުގައި ވާހަކަދައްކަވާއިރު ޒިންމާ ދާރުކަމާއިއެކު، ދާއިރާގެ ރައްޔިތުންގެ އިޙްސާސްތަކަށް ބެއްލެވުމާއިއެކު، ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކޮށްދެއްވުމަށް ޖާބިރުއަށް ނަސޭހަތްތެރިވާކަމަށް އެ ޤަރާރުގައި ބުނެފަވެއެވެ.

އިއްޔެގެ ޖަލްސާގައި ބަހުސް ކުރައްވަމުން ޖާބިރު ވަނީ ދީނީ މިންގަނޑުތަކުން ބޭރުވެ، ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލާފައެވެ. އެ މައްސަލާގައި ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމާއެކު ޖާބިރު ތައުބާވެ ބައެއް މާފަށް އެދިފައިވާކަމަށް މިއަދު ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފަވެއެވެ.

"ގުރުއާން ތަހުޒީބު. ﷲ ވޮޑިގެންވޭ. ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރުފުޅުން އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން. މި ރާއްޖޭގައި މާ މޮޅު ދީންވެރިއަކު ނެތް. އެންމެން ނަމާދު ކުރޭ. އެހެން ދީންތަކަށް، މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނޭ ގޮތުގެ މައްޗަށް. 'لَكُمْ دِينُكُمْ وَلِيَ دِينِ' މިގައުމުގައި އުފައްދަން އެބަ ޖެހޭ. މާނައަކީ، އެހެން ދީންތަކުގެ މީހުން އައިސް ނަމާދުކޮށް މިތާނގައި އުޅެވެން ވާނެ އޭ. މި ރާއްޖެ މިއީ ޔުނިވާސަލް ޕްރެކްޓިސްއެއް،" އިއްޔެގެ ޖަލްސާގައި ޖާބިރު ވިދާޅުވެފަ ވެއެވެ.

މި ވާހަކަތައް އިސްލާމިކް މިނިސްޓަރުގެ ޑރ. އަހުމަދު ޒާހިރުގެ އިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް މުހައްމަދު ރަޝީދު އިބްރާހިމްވެސް ވަނީ ކުށްވެރި ކުރައްވާފައެވެ.