ހދ. ނޮޅިވަރަންފަރު ފަޅުން ވެލި ނެގުން އެރަށު ކައުންސިލުން މަނާކޮށްފިއެވެ.

މިގޮތުން ވެލިނެގުން މަނާކޮށްފައި ވަނީ މިފެށޭ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތުގެ ތެރޭގައި ނޮޅިވަރަންފަރު ފަޅުގެ އެއްވެސް ހިސާބަކުން ވެލި ނުނެގުމަށް ނޮޅިވަރަންފަރު ކައުންސިލުން ވަނީ އަންގާފައެވެ.

Ad
rt

ނޮޅިވަރަންފަރު ކައުންސިލުން ވިދާޅުވި ގޮތުގައި މި ނިންމުން ނިންމާފައި ވަނީ އެރަށުގެ ފަޅުތެރޭގައި އުފެދިފައިވާ ފިނޮޅު ވަރަށް ބޮޑަށް ގިރައިގެން ގޮސްފައިވުމާއެކު، ފަޅުން ވެލިނެގުން މެދުކަނޑާލުމުން އެ ފިނޮޅުގެ ވެލިގަނޑު ކުރިން އޮތްގޮތަށް އަލުން އިޔާދާވޭތޯ ބެލުމަށް ކަމަށެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބުދުﷲ ނަދީމް "ތިލަދުން"އަށް ވިދާޅުވީ، އެރަށުގެ ފަޅުތެރޭ އޮންނަ ފިނޮޅު މިހާރު އެއްކޮށްހެން ގިރައިގެން ގޮސްފައިވާ ކަމަށާއި، މި ފިޔަވަޅުން އެތަނަށް އަންނަ ބަދަލު ދެނެގަންނަން ބޭނުންފުޅުވާ ކަމަށެވެ.

"މިހާރު ފިނޮޅު ނުވެސް ފެނޭ، އެކަމަކު މިހާރު ހިކި ދިޔާގައި ކޮންމެސް ވަރަކަށް ފެންނަން ފަށައިފި، މިއީ ހުޅަނގު މޫސުން ދުވަސްވަރުކަމަށް ވުމުން ވެލި ނެގުން ތަންކޮޅެއް މަދުވެފަ އޮތީމަ އަލުން ވެލިގަނޑު އިޔާދަވާން ފެށީކަމަށް ވެސް ވެދާނެ، ދެން ވެލި ނެގުން މެދުކަނޑާލުމުން އަންނަ ބަދަލު ދެނެގަންނަން ބޭނުންވަނީ" ނަދީމް ވިދާޅުވިއެވެ.

ނޮޅިވަރަންފަރު ފިނޮޅު ކުރިން އޮތް ގޮތް ފެންނަ ފޮޓޯއެއް، ފޮޓޯ: ނޮޅި އެސްކޭޕް

ނޮޅިވަރަންފަރު ފަޅުގައި އުފެދިފައި އޮތް ފިނޮޅަކީ ގުދުރަތީ ވަރަށް ޗާލު ފިނޮޅެކެވެ. ސާފު ހުދު ދޮންވެލިން ޖަރީވެފައިވާ އެ ފިނޮޅުގެ ވަށައިގެން އެރަށުގެ ސާފު މޫދުން ވަރަށް ހިތްގައިމުކަން ގެނުވާފައި ވެއެވެ.

މިފިނޮޅަކީ އެރަށާއި، ކައިރި ރަށްރަށުގެ މީހުން ދަތުރު ގޮސްލަން ވެސް ބޭނުންކުރި ތަނެކެވެ. އަދި ނޮޅިވަރަންފަރަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ހިތްތަކަށް ވެސް އެންމެ އަރާމު ހޯދާ އެއް މަންޒިލަކީ އެއީ އެވެ.