120 މިލިއަން ރުފިޔާގެ ލޯން އެސްއެމްއީ ބޭންކް މެދުވެރިކޮށް ދޫކުރެވި، ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް 120 މިލިއަން ރުފިޔާގެ ލޯން އެސްއެމްއީ ބޭންކް މެދުވެރިކޮށް ދޫކުރެވި، ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށާއި އެހެން ނަމަވެސް، ލޯނަށް އެދި ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާ ކަމަށާއި އެދޭ ހުރިހާ ފަރާތްތަކަށް ލޯން ދޫކުރެވޭ ވަރަށް ފައިސާ ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

Ad
rt

އުއްމީދު ކުރަނީ ކުރިއަށް އޮތް ދެ އަހަރުތެރޭ އަހަރަކު 500 މިލިއަން ވަރު އެސްއެމްއީ ލޯނު ހަމަޖައްސައިދެވޭތޯ ކަމަށެވެ. ގާތްގަނޑަކަށް 1.5 ބިލިއަން ތިން އަހަރު ތެރޭ ދޭނެކަމަށާއި އެ ލޯންތަކުގެ ފައިސާ ދައްކަން ފެށީމައި އޭގެން އިތުރަށް ލޯން ދެވޭނެކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

"މިހާތަނަށް 1.1 ބިލިއަން ރުފިޔާގެ ލޯނަށް އެދި ވަނީ އެޕްލިކޭޝަން ހުށަހަޅާފަ. ކޮންމެ މަހަކު 100 އެޕްލިކޭޝަން ފޯމް ހުށަހަޅާ މި އަދަދަކީ މި މަސައްކަތް ފެށިއިރު އަންދާޒާ ކުރި ވަރަށް ވުރެ ވެސް އިތުރު އަދަދެއް. އެޕްލިކޭޝަން ލިބެނީ އެ މަސައްކަތް ކުރަން ތިބި މުވައްޒަފުންނަށް "ކެތް" ނުކުރެވޭ ވަރަށް"

މިނިސްޓަރު ސިފަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި އެ މަސައްކަތް ކުރުމަށް އިތުރު މުވައްޒަފުން ވެސް މިހާރު ނެގުމަށް ވިސްނާފައިވާ ކަމަށެވެ. ލޯން އެޕްލިކޭޝަން ޕްރޮސެސް ވަނީ ލަހުން ކަމަށް ގަބޫލުކުރައްވައި މިނިސްޓާ ވިދާޅުވީ އިތުރު މުވައްޒަފުން ނެގުމަށް ފަހު ލޯނަށް އެދޭތާ 14 ދުވަހުގެ ތެރޭގައި ލޯނަށް އެދޭ މީހާ އަށް، ލޯން ލިބޭތޯ ނުވަތަ ނޫންތޯ އަންގައިދެވޭ ވަރަށް މަސައްކަތް ކުރުން އެއީ އަމާޒެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ސަރުކާރުން އުފެއްދި އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ)، 150 މިލިއަން ރުފިޔާގެ ކެޕިޓަލަކާ އެކު ހުޅުވީ މި އަހަރުގެ މާޗް މަހު އެވެ.