ދުނިޔޭގެ އެންމެ ލަގްޒަރީ ރިސޯޓުތަކުގެ ލިސްޓުގައި ރާއްޖޭގެ 2 ރިސޯޓެއް ހިމެނިއްޖެއެވެ.
ދުނިޔޭގެ 18 ހޮޓަލެއް ހިމެނިފައިވާ މިލިސްޓުގެ 5 ވަނަ އަދި 9 ވަނައިގައި ރާއްޖޭގެ ރިސޯޓްތައް ވަނީ ހިމެނިފައެވެ. މިގޮތުން 5 ވަނައިގައި ކޮންޑްރެޑް މޯލްޑިވްސް ރަންގަލި ރިސޯޓް ހިމެނިފައިވާއިރު، އަދި 9 ވަނައިގައި އޮތީ އަމިއްލަ މޯލްޑިވްސް ރިސޯޓްއެވެ.
މި ލިސްޓްގެ 3 ވަނައިގައި އޮތް ކޮންޑްރެޑް މޯލްޑިވްސްއާއި ބެހޭ ގޮތުން ރިޕޯޓްގައި ފާހަގަކޮށްފައިވަނީ، އެރިސޯޓްގައި ކަނޑުގެ އަޑީގައި އިމާރާތްކޮށްފައިވާ ރެސްޓޯރެންއެވެ. އަދި ބައެއް ކޮޓަރިތައްވެސް ކަނޑުގެ އަޑީގެ ރީތިކަން ފެންނަ ގޮތަށް އިމާރާތްކޮށްފައިވާކަން ފާހަގަކޮށްފަވެއެވެ.
9 ވަނައިގައި އޮތް ބ. އަތޮޅު އަމިއްލަފުށި މިލިސްޓުގައި ހިމެނިފައިވަނީ އެރިސޯޓްގެ ރީތި ގޮނޑުދޮށްތަކުގެ އިތުރުން ވޭލް ޝާކް އަދި މަންތާގެ މަންޒަރުތަކަށް ފަތުރުވެރިންގެ ފަރާތުން ލިބެމުން އަންނަ މަޤްބޫލްކަން ފާހަގަކޮށެވެ. އަދި ޑައިވިންގް ކޮށްލުމަށާއި ޕްރައިވެޓް ޕޫލްތަކަށް ފަތުރުވެރިންގެ ސަމާލުކަން ލިބިފައިވާކަމަށާއި، އެރިސޯޓްގައި ހަދާފައިވާ 3 ބަބުލް ޓެންޓްތަކުގެ ވާހަކަވެސް ފަތުރުވެރިން ފާހަގަކުރާކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.
ދުނިޔޭގެ އެންމެ ލަގްޒަރީ ހޮޓެލް ތަކުގެ ލިސްޓުގައި ރާއްޖޭގެ ދެ ރިސޯޓެއް ހިމެނިފައިވާއިރު، މިލިސްޓުގައި ހިމަނާފައިވާ 18 ހޮޓަލުގެ ތެރެއިން 1 ވަނަ ދީފައިވަނީ، ޑުބާއީގެ ބުރިޖް ޚަލީފާއަށެވެ. ބުރިޖް ޚަލީފާއަކީ ދުނިޔޭގެ އެންމެ އުސް އިމާރާތްވެސްމެއެވެ. މިހޮޓާ ލިސްޓްގެ 1 ވަނައިގައި އޮތް އިރު، ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ޑުބާއީ ޓަރޓްލް ރިހެބިލިޓޭޝަން ޕްރޮޖެކްޓްގެ ދަށުން ބުރިޖް ޚަލީފާ ހޮޓަލުން އިސްނަގައިގެން އަރަބި ކަނޑުގައި ދިރިއުޅޭ 1600 އަށްވުރެ ގިނަ ވެލާ ހިމާޔަތްކޮށްފައިވާކަމަށެވެ.
ލިސްޓްގެ އެއްވަނާގައި އޮތް ޑުބާއީގެ ބުރިޖް ޚަލީފާ
ލިސްޓްގެ 2 ވަނައިގައި އޮތް އިޓަލީގެ ގްރޭންޑް ހޮޓެލް ޓްރެމެޒޯއެވެ. 1910ވަނަ އަހަރު އިމާރާތްކޮށް ހިންގަމުން އަންނަ މިހޮޓަލުން ފަރުބަދަތަކާއި ކޯރުތަކުގެ ހިތްގައިމުކަން ފަތުރުވެރިންނަށް ފެނިގެންދެއެވެ.
3 ވަނައިގައި އޮތް ޑުބާއީގެ އަލް މަހާ ޑެސެޓް އޮތްއިރު، މިއީ މެދު އިރުމަތީގެ އެންމެ ލަގްޒަރީ ހޮޓާކަމުގައި ވަނީ ފާހަގަކޮށްފައެވެ. މި ހޮޓަލުގެ 42 ސުއިޓްގައިވެސް ޕްރައިވެޓް ޕޫލްއަކާއި ޑެކެއް ހިމެނެއެވެ.
މިލިސްޓްގައި އިތުރަށް ހިމެނިފައިވާ ހޮޓާތަކުގެ ތެރޭގައި ސައުތް އެފްރިކާގެ ރޯޔަލް މެލްވޭން، އިންޑިއާގެ ތާޖް ލޭކް ޕެލަސް، އެމެރިކާގެ 4 ހޮޓާ ހިމެނެއެވެ. އޭގެ ތެރޭގައި ބޯލްޑަރސް ރިސޯޓް އެންޑް ސްޕާ އަދި ރާންޗޯ ވެލެންސިއާ ރިސޯޓް އެންޑް ސްޕާ، ފޯރ ސީޒަންސް ހޮޓެލް ލަސް ވެގަސް އަދި ދަ ޕްލާޒާ ނިއުޔޯކް ހިމެނެއެވެ. އަދި ކެންޔާގެ ޖިރާފް މޭނަރއާއި، ސިންގަޕޫރުގެ ރެފްލްސްއާއި، ކެރީބިއަން އައިލެންޑްއެއްކަމަށްވާ ނެކްލަރ އައިލެންޑް ނުވަތަ ބްރިޓިޝް ވަރޖިން އައިލެންޑްސްއާއި، ސްވިޒަރލޭންޑްގެ ދަ ޗެޑީ އެންޑަމެޓްއާއި، އަބޫދާބީގެ އެމިރޭޓްސް ޕެލަސްއާއި، ތުރުކީގެ ޓައިޓޭނިކް މަރޑަން ޕެލަސްގެ އިތުރުން ބަހާމާސްގެ އެޓްލާންޓިސް ޕެރެޑައިސް އައިލެންޑް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!