ދެވަނަ ރިޔާސީ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރިމަތިލައްވައިފި ނަމަ ތާއިދުކުރެއްވުމާ މެދު ގޮތް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށާއި، އަދި އެފަދަ މަޝްވަރާއެއް ކުރެވިފައި ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ދެވަނަ ދައުރަކަށް ރައީސް ސޯލިހަށް ތާއިދުކުރުމަކީ އެމަނިކުފާނުގެ އަމިއްލަފުޅު ނިންމެވުމެއް ނޫން ކަމަށެވެ. އެކަމުގައި ގޮތް ނިންމާނީ ޕާޓީގެ ކައުންސިލް އަށް އެކަން ހުށަހެޅުމުން ކައުންސިލުން ކަމަށް ވިދާޅުވިއެވެ.

Ad
rt

ގާސިމް ވިދާޅުވީ އެފަދަ މަޝްވަރާއެއް އަދި ކުރިއަށްނުދާ ކަމަށެވެ. އެގޮތުން މިހާރު އޮތް އެއްބަސްވުމަކީ ފަސް އަހަރުގެ އެއްބަސްވުމެއް ކަމަށާއި ކޯލިޝަން ތެރެއިން އެއްބަސް ވެވުނު ކަންކަން ފުރިހަމަ ނުވިޔަސްވެސް އެއްވެސް ހިތްބުރަ ކަމެއް ނެތް ކަމަށެވެ. އަދި މި ފަސް އަހަރު ކޯލިޝަން ދަމަހައްޓަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ފާއިތުވި ތަނަށް ބަލާއިރު ޖުމްހޫރީ ޕާޓީން ވާދަނުކުރާ ރިޔާސީ އިންތިހާބެއް ނާންނަ ކަމަށެވެ. އަދި އާހިރުގައި ވެރިކަން ލިބެނީ އަބަދުވެސް ޖޭޕީން ކޯލިޝަން ހަދާ ޕާޓީ އަށް ކަމަށެވެ. އަދި ވިދާޅުވީ 2023 އަށް ކޯލިޝަނެއް ހެދުމުގެ މަޝްވަރާއެއް އަދި ނެތް ކަމަށެވެ.

އިތުރު ކޯލިޝަނެއްގެ ވާހަކަ އެއް ކޯލިޝަނުގައި ތިބެ ނުދެއްކޭނެ ކަމަށާއި، އެހިސާބަށް ދިއުމުން އެކަމަށް ވިސްނަވާނެ ކަމަށް ވިދާޅުވިއެވެ.