ކޯވިޑް ބަލީގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ހދ. ނޮޅިވަރަމާއި ނޮޅިވަރަންފަރަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިސްއަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.

މަޖިލިސްއަށް މި މައްސަލަ ހުށަހަޅުއްވާފައި ނޮޅިވަރަމް ދާއިރާގައި މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

Ad
rt

މޮސްޓާ ހުށަހަޅުއްވާފައިވާ މި މައްސަލައިގައި ވިދާޅުވެފައި ވަނީ، ކޯވިޑް-19ގެ މި ހާލަތުގައި ނޮޅިވަރަމް ދާއިރާ މިއަދު ވަނީ ނާޒުކު ހާލަތެއްގައިކަމަށެވެ.

މިގޮތުން އާބާދީގައި 2770 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ނޮޅިވަރަމްގައި މިއަދާއި ހަމައަށް 202 މީހުން ކޯވިޑް ބައްޔަށް ޕޮޒިޓިވްވެފައިވާކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ނަމަވެސް އެ ރަށުގެ ސިއްޙީ މަރުކަޒުގައި އެމްބިއުލާންސެއް ނެތްކަމަށާއި ސިއްޙީ މަރުކަޒުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރަމުން އަންނަނީ ޕިކަޕެއްކަމަށް ކުއްލި މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

ޕިކަޕުގައި ބަލި މީހުން އުފުލުމަކީ ބަލިމީހާއަށް އެންމެ ރައްކާތެރި ގޮތް ކަމުގައި ނުވާއިރު، މިކަމަށް ހައްލެއް ހޯދުމަށް ވަނީ އިންތިހާއަށް ބޭނުންވެފައި ކަމަށް މޮސްޓާ ވަނީ އެ މައްސަލާގައި ވިދާޅުވެފައެވެ.

އެހެންކަމުން ކަމާއި ބެހޭ ފަރާތްތަކުން ރައްޔިތުންނަށް އެންމެ ރައްކާތެރިވާނެފަދަ ވެހިކަލެއް ވީހާވެސް އަވަހަކަށް ސިއްޙީ މަރުކަޒަށް ހޯދައި ދިނުމަކީ އަދުގެ މަސްރަހް ގޯސްވެފައިވާ ހިސާބުން ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއްކަންވެސް މެންބަރު ވަނީ ފާހަގަކުރައްވާފައެވެ.

ނޮޅިވަރަމް ސިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ތެރެއިން 3 މީހަކުވެސް ކޯވިޑްއަށް ޕޮޒިޓިވްވެފައިވާ ކަން ވެސް އެމައްސަލާގައި ފާހަގަކުރައްވާފައި ވެއެވެ.

މިހާލަތުގައި އެ ރަށަށް އަރައި ފޭބުމަކީ ދަތި އުނދަގޫކަމަކަށްވެފައިވާއިރު، ނޮޅިވަރަމްގެ ރައްޔިތުން މިވަނީ ކޯވިޑުގެ އާލަމީ ވަބާގައި ވަރަށްވެސް ހިތްދަތި ކަންތައްތަކާއި ކުރިމަތިލާންޖެހިފައިކަމަށްވެސް މޮސްޓާ ވިދާޅުވެފަވެއެވެ.

ނޮޅިވަރަމް ދާއިރާގެ ނޮޅިވަރަންފަރަށް އިޝާރާތް ކުރައްވަމުން އެމައްސަލާގައި، އާބާދީގެ 1900 އަށްވުރެ ގިނަ މީހުން ތިބި ނޮޅިވަރަންފަރުގައިވެސް ކޯވިޑުގެ ބަލި ހަލުވިކަމާއި އެކު ފެތުރެމުން ދާކަން ފާހަގަ ކުރައްވާފަވެއެވެ.

ނޮޅިވަރަމް ދާއިރާއަށް އަދި ޚާއްސަކޮށް ނޮޅިވަރަމަށް ބޭނުންވާ ކާބޯތަކެއްޗާއި، ސިއްޙީ ދާއިރާއަށް ބޭނުންވާނެ އެންމެހައި ތަކެތި ހޯދައިދީ، އަދި ސިއްޙީދާއިރާގެ ޤާބިލް ފަރާތްތައް ވީހާވެސް އަވަހަށް އެރަށްރަށަށް ފޮނުވައިދުނުމަށް އެ މައްސަލާގައި ސަރުކާރަށް ގޮވާލައިފާވެއެވެ. އަދި މިފަދަ ހާލަތެއްގައި އެ ދާއިރާގެ ދެ ރަށް އޮތްއިރު، ސިއްޙީ ދާއިރާއިން ލިބިދޭންޖެހޭ އެހީތެރިކަން ވީހާ އަވަހަށް ފޯރުކޮށްދިނުމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކަށް އެ މައްސަލާގައި ގޮވާލައިފާ ވެއެވެ.

ކޯވިޑްގެ ހާލަތު ގޯސްވެފައިވާ ނޮޅިވަރަމުން އިއްޔެގެ ނިޔަލަށް އެރަށުން 202 މީހަކު ވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ނޮޅިވަރަންފަރުން 9 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ކޯވިޑްގެ ސަބަބުން އެ ދެރަށަށް ވެސް އޮތީ އަރާފޭބުން މަނާ ކޮށްފައެވެ.