ބައެއް ފަރާތްތަކުން އަމިއްލަ ތަކެތީގައި އޮއިވާލި ކަނދުފަތި ފަރުމާކޮށް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމުގެ މަޢުލޫމާތު މިނިސްޓްރީ އޮފް ފިޝަރީޒްއަށް ލިބެމުންދާތީ އެ ކަމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ޤަވާއިދުގެ ދަށުން މަނާކަމެއް ކަމުގައި އެ މިނިސްޓްރީން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް އެ މިނިސްޓްރީން 01 ސެޕްޓެމްބަރ 2021 ގައި ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ޤަވާއިދު (ޤަވާއިދު ނަންބަރު 2020/R-75) ގެ 20 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތިން، މަސްވެރިކަން ކުރުމުގެ ބޭނުމަށް އެއްވެސް ބާވަތެއްގެ ކަނދުފައްޗެއް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރުކުރެވޭނީ އެ މިނިސްޓުރީއަށް ނުވަތަ އެ މިނިސްޓްރީއިން އެމަސައްކަތެއް ހަވާލުކުރާ ފަރާތްތަކަށް ކަމަށެވެ.

Ad
rt

މީގެއިތުރުން އިސްވެދެންވުނު ޤަވާއިދުގެ 21 ވަނަ މާއްދާގެ ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަނދުފައްޗަށް ގެއްލުންދިނުމާއި ކަނދުފަތީގެ އެއްވެސް ބައެއް ނެގުމާއި ކަނދުފައްޗަށް އެއްވެސް ބަދަލެއް ގަނައުމަކީ ވެސް މަނާކަމެއްކަމުގައި އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އެ ޤަވާއިދުގައި ކަނދުފަތި ޤާއިމްކުރުމާއި ގުޅޭގޮތުން ހިމަނާފައިވާ ހަމަތައް ހިމަނާފައިވަނީ، ކަނދުފަތީގެ މަސްވެރިކަމަކީ އެކަމާއި ގުޅޭގޮތުން މަސް ގަންނަ ދުނިޔޭގެ ބާޒާރުތަކުގައި ނުރަނގަޅު ތަސައްވުރެއް އޮތްކަމަކަށްވެފައި އަދި ދިވެހިރާއްޖެއަކީ ބޭރުގެ މަސް ގަންނަ ބާޒާރުތަކަށް އިންތިހާއަށް ބަރޯސާވާ ޤައުމަކަށްވާތީވެ، ކަނދުފަތީގެ މަސްވެރިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމަށް އެކަމުގެ ނުރަނގަޅު އަސަރުކުރުމުގެ ފުރުޞަތު ކުޑަކުރުމުގެ ގޮތުން ކަމަށެވެ.

އެ މިނިސްޓްރީން ވަނީ މަސްވެރިކަމުގައި ހެދިފައިވާ ޤާނޫނުތަކާއި ޚިލާފުވާގޮތަށް އެއްވެސް ފަރާތަކުން އަމަލުތަށް ނުބެހެއްޓުމަށް ވެސް އިލްތިމާސް ކޮށްފައެވެ. އަދި ޤަވާއިދުތަކީ ޚިލާފުވާ ފަރާތްތްކާއިމެދު އިދާރީ ފިޔަވަޅުއެޅުމާއި ޖޫރިމަނާކުރުމާ ބެހޭ ޤަވާއިދުގައިވާ އިޖުރާއަތްތަކާ އެއްގޮތްވާގޮތުގެމަތިން ފިޔަވަޅު އަޅާނެކަމުގައި ވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މަސްވެރިންގެ ލާބައާ މަންފާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 56 އޮއިވާލި ކަނދުފަތި މިހާރު ވަނީ ހަރުކޮށްފައެވެ. މިގޮތަށް ހަރުކުރެވޭ އޮއިވާލި ކަނދުފަތިތަކަކީ ރާއްޖޭގައި ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމަށް ހާއްސަ ކަނދުފަތިތަކެކެވެ. ވުމާއެކު ކަނދުފައްޗަކާއި 3 މޭލު ކައިރީގައި ދިރޭ އެންޖަހައި އަޑިއަށް ފެއްތުމާއި، މިޔަރު ނެގުމާއި، ލޭނު އެޅުމާއި، އެމުގެ ގޮތުގައި ތާވަޅަ ބޭނުންކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ. އަދި ކަނދުފަތީގެ ބޮލަށް ވާ އައްސައި، އޭގައި ދޯނިފަހަރު އަޅައިގެން ތިބުންފަދަ، އޮއިވާލި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާ އެއްވެސް ޢަމަލެއް ކުރުމަކީވެސް މަނާކަމެކެވެ.