ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ނުވަތަ އީއައިއޭ ހެދުމަކާ ނުލައި މަޝްރޫޢުތަކެއް ފަށާފައިވުމުގެ ސަބަބުން، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ފެނަކަ ކޯޕަރޭޝަން ޖޫރިމަނާ ކޮށްފިއެވެ.

އީޕީއޭ އިން ފެނަކަ ޖޫރިމަނާ ކޮށްފައިވަނީ އީއައިއޭ ހެދުމަކާ ނުލައި ފަސް ރަށެއްގެ އިންޖީނުގެ ހެދުމުގެ މަސައްކަތް ފަށާފައިވުމުންނެވެ.

Ad
rt

އެ އެޖެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 4/93، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އީއައިއޭ ހެދުމާބެހޭ ޤަވާއިދު 2012 ގެ ދަށުން ހުއްދަ ހޯދުމަކާ ނުލައި 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު އެކުންފުނިން ފަސް ރަށެއްގެ އިންޖީނުގެ އެޅުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވާތީ، އެ ޤަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން، ހަ ލައްކަ ރުފިޔާއިން ފެނަކަ ޖޫރިމަނާ ކޮށްފައިވާކަމަށެވެ.

އީއައިއޭއާ ނުލައި އިންޖީނުގެ އަޅާފައިވަނީ ހއ. ތަކަންދޫ، ހދ. ފިނޭ، ނ. ހެނބަދޫ، ނ. މާޅެންދޫ އަދި ބ. ކެންދޫގައެވެ.

އީޕީއޭ އިން އިތުރަށް ބުނެފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު، އީއައިއޭ ހެދުމަކާ ނުލައި ފަސް ރަށެއްގެ އިންޖީނުގެ އެޅުމުގެ މަސައްކަތް ކޮށްފައިވާކަން، ފެނަކައިން އެއްބަސްވެފައިވާކަމަށެވެ.

ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އީޕީއޭ އިން ވަނީ ފެނަކައަށް އަންގާފައެވެ.