ކ. ތިލަފުށީގެ ގޮނޑު ހާމައަށް އެންދުމާއި އެތަނުން އަރަމުންދާ ދުން ހުއްޓުވާއި އެތަން ރިހެބިލިޓޭޓް ކުރެވެންދެން ރަނގަޅުގޮތުގައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އެންވާރަމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ ބައްލަވާލައިފިއެވެ.

އިއްޔެ ތިލަފުށީގެ މަސައްކަތްތައް ބައްލަވާލެއްވުމަށްފަހު، މިނިސްޓަރ ޝައުނާ ވިދާޅުވީ ތިލަފުށީގެ ކުންޏާއި ދުމުގެ މައްސަލައަކީ، އެ މައްސަލައަށް އެތައް އަހަރުތަކެއް ވެފައިވާ މައްސަލައެއް ކަމަށެވެ. އަދި، ތިލަފުށީގެ ދުމަކީ މާލެއާއި މާލެ ކައިރި ރަށްތަކުގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށް އޭގެ ސަބަބުން އެތައް އުނގުލެއްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

Ad
rt

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އޮކްޓޯބަރ މަހުގެ ނިޔަލަށް، ތިލަފުށީގައި ކުނި އެންދުން ހުއްޓުވުމަށް ގެނެސް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި "ގްރީން ސްޕޭސް" އެއްގެ ގޮތުގައި ތަރައްގީކުރުން ކަމަށެވެ.

މި މަސައްކަތުގެ ދަށުން، މާލެ، ހުޅުމާލެ، އަދި، ވިލިމާލެ، ވޭސްޓް ޓްރާންސްފަރ ސެންޓަރުތަކެއް ގާއިމްކުރެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ސެންޓަރުތަކުން ތިލަފުއްޓަށް ކުނި ގެނެވޭއިރު، ކުނި ހުންނާނީ ކޮންޓެއިނަރައިޒް ކުރެވިފައި ކަމަށާއި، އޭގެ ސަބަބުން، ކުނި މެނޭޖްކުރަން ފަސޭހަވެ، ކުނިން ދުވާ ވަސް ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނޭ ކަމަށް ވެސް އެކަމާ ވަނީ ވިދާޅުވެފައެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު ، ތިލަފުށީގައި މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލުދެއްވަމުން ވިދާޅުވީ، ކުރިޔަށްމިދާ މަޝްރޫއު ނިމޭއިރު، ތިލަފުށި ސަރަހައްދަކީ މީހުންނަށް އައިސް މަސައްކަތްކުރެވޭ ވަރަށް ސާފު، ސަލާމަތް ސަރަހައްދަކަށް ވާނޭ ކަމަށެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ގުޅިގެން ފަށާފައިވާ މި މަސައްކަތުގެ ދަށުން މި އަހަރު އޮކްޓޯބަރު މަހުގެ ނިޔަލަށް، ދުންއެރުން ހުއްޓުމަކަށް ގެނެވޭނެ ކަމަށް އެ މިނިސްޓްރީޏް ބުނެފައިވެއެވެ.

އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް ޤާއިމުކުރާއިރު މި މިނިސްޓްރީން ބަލަމުންގެންދަނީ އެތަނުން އަރާ ދުން ވީހާވެސް މަދުކޮށްގެން އެމަސައްކަތްކޮށް ނިންމާލުމަށް ކަމަށް ވެސް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ. މިކަމުގެ ސަބަބުން، ތިލަފުށި ހިމެނޭ ސަރަހައްދުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ވަގުތީގޮތުން އުނދަގުލެއްވިކަމުގައިވިޔަސް މިއީ ދާއިމީގޮތުން ލިބޭނެ ބޮޑުލުއިފަސޭހައަކަށްޓަކައި ކުރެވޭ ކަމެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

މިކަމަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާ މިހާރުވެސް ދަނީ ފެންނަމުން. ސަރުކާރުން މި މަސައްކަތް ފަށާފައިވަނީ މި މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި. ގާތްގަނޑަކަށް 20 ދުވަހުގެ މަސައްކަތުން، ތިލަފުށީގެ ސަރަހައްދަކީ މިނިސްޓްރާއި މިނިސްޓްރީގެ މުއައްޒަފުންނަށް، ދަތި އުނދަގުލެއްނެތި، ހާލަތު ބަލައިލެވޭ ސަރަހައްދަކަށް ވެފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ވެމްކޯއާއި މިނިސްޓްރީ އޮފް އެންވާރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.