ހދ. ނޮޅިވަރަމުގައި ހުންނަ އެރަށު ސްކޫލުގެ ބައެއް ކްލާސްރޫމުތަކަށް ބަޔަކު ކަޅުތެޔޮ ޖަހައިފިއެވެ.
ނޮޅިވަރަމް ސްކޫލުގެ ޕްރިންސިޕަލް ތިލަދުންއަށް މަޢުލޫމާތު ދެއްވިގޮތުގައި އެރަށު ސްކޫލްއަށް ރޭ ދަންވަރުގެ ވަގުތެއްގައި ކަޅުތެޔޮ ޖަހާފައިވާކަމަށާއި ގޮނޑިތަކަށާއި ޑެސްކް ތަކަށް ކަޅު ތެޔޮ ބުރާފައިވާކަމަށާއި މިހާރު އެމައްސަލަ ފުލުހުންނަށް ހުށައަޅާފައިވާކަމަށް މަޢުލޫމާތު ދެއްވިއެވެ.

ނޮޅިވަރަމް ސްކޫލްގެ ޕްރިންސިޕަލް އަދުނާނު އިތުރަށް ވިދާޅުވިގޮތުގައި އެކަންކުރީ ވަކި ކޮންބަޔެއްކަން ނޭންގޭކަމަށާއި ރޭދަންވަރު ސްކޫލް ސެކިއުރިޓީ ބަލަހައްޓަން ހުރިފަރާތުން އެކަހަލަ ކަމެއް ހިނގާފައިވާކަމަށް ރިޕޯޓް ކުރިކަމަށް އަދުނާނު ވިދާޅުވިއެވެ. އަދުނާނު އިތުރަށް ވިދާޅުވީ މިކަމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއްކަމަށާއި މިނާތަހުޒީބް އަމަލު ކުއްވެރި ކުރާކަމަށެވެ.
ނޮޅިވަރަމު ބައެއް ފަރާތްތަކުން، މީސް މީޑިޔާގައި ބުނެފައިވަނީ ކްލާސްރޫމުތަކުގެ ތެރެއަށް ކަޅުތެޔޮ ޖެހުމުގެ ސަބަބުން، ކްލާސްތަކުގައި ހުރި ބައެއް ދަރިވަރުންގެ ތަކެއްޗަށް ގެއްލުންވެފައިވާކަމަށެވެ. އެގޮތުން، ކުރިއަށް ހުރި އިމްތިޙާނުތަކަށް ތައްޔާރުވުމުގެ ގޮތުން ކުދިން ބޭނުންކުރާ ބައެއް ޕާސްޓްޕޭޕަރަށްވަނީ ގެއްލުންވެފައެވެ.

މީސް މީޑިޔާގައި ޚިޔާލު ފާޅުކޮށްފައިވާ ބައެއް ފަރާތްތަކުން ވަނީ، ސްކޫލުގެ ކްލާސްރޫމުތަކަކަށް ބަޔަކު މިފަދަ ގެއްލުމެއް ދީފައިވާއިރު، އެތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސެކިއުރިޓީން ކޮބައިތޯ ސުވާލު އުފައްދާފައެވެ. އަދި، މިކަމަށް އެފަރާތްތަކުން ޒިންމާވާން ޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!