ހަނިމާދޫގައި ތާރުއަޅަމުންދާ މަގުތައް ނިންމައި ބޭނުން ކުރުމަށް ހުޅުވާނުލަނީސް އެ މަގުތައް ބޭނުން ނުކުރުމަށް ހަނިމާދޫ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.
މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ ހަނިމާދޫގައި ތާރުއަޅައިގެން ހަދަމުންގެންދާ މަގުތަކުގެ ތެރެއިން ތާރު ފަށަލަ އެޅުމަށްފަހު އެމަގުތައް ވަކިގަޑިތަކެއް ވަންދެން ބޭނުން ނުކޮށް ތާރުހިކުމަށް ބާއްވަންޖެހޭތީ، ބޭނުންކުރުން މަނާ ކުރެވިފައިވާ މަގެއްކަން އެންގުމަށްޓަކައި އިންޒާރުގެ ޓޭޕް ދަމާފައިވަނިކޮށް، އެޓޭޕް ކަނޑާލުމަށްފަހު މަގުގައި އެއްގަމު އުޅަނދު ދުއްވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މަގުތައް ރަނގަޅަށް ނުހިކެނީސް ބޭނުންކުރަން ފަށައިފިނަމަ ތާރުގަނޑު ކަނޑައިގެންގޮސް ތާރުގަނޑުގައި ރެސްއަޅައި ހަލާކުވާނެއަތީ، އެފަދަ މަގުތައް ބޭނުންކުރުމަށް ހުޅުވާލުމުގެ ކުރިން އެއްވެސް ފަރާތަކުން ތާރު އަޅާފައިވާ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވާ ބޭނުން ނުކުރުމަށް އެދޭ ކަމަށެވެ.
މިކަމާއި ގުޅިގެން ތިލަދުން ނޫހާއި ވާހަކަ ދައްކަމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާޤް މުޙައްމަދު ވިދާޅުވެފައިވަނީ އެންމެ ފަހުން ތާރުއެޅި (ކަސްޓަމްސް އޮފީސް ދޮރުމަތީ މަގު) ގައި ތާރު އެޅިތާ ސައުވީސް ގަޑިއިރު ވެސް ނުވަނީސް ބަޔަކު ސައިކަލް ދުއްވި ކަމުގެ ޝަކުވާއެއް ލިބިފައިވާ ކަމަށެވެ. ވުމާއެކު ތާރުއަޅައިގެން އެމްޓީސީސީއިން ހަނިމާދޫގައި ހަދަމުން އަންނަ މަގުތަކުގައި ތާރުއަޅައި ނިންމައި އެ މަގުތަކުގައި ދަމާފައިވާ އިންޒާރުޓޭޕް ނަގައި މަގު ހުޅުވާ ނުލަނީސް މަގު ބޭނުން ކުރުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށާއި، އެ ގޮތައް އަމަލުކުރަން ވެއްޖެނަމަ ފޫނުބެދޭ ވަރު ގެއްލުމެއް ވެސް ލިބިދާނެ ކަމަށެވެ. ވީމާ އެއްވެސް ފަރާތަކުން އެ ގޮތަށް އަމަލުތައް ނުބެހެއްޓުމަށް ފިރާޤް ވަނީ އެދިލައްވާފައެވެ.
ހަނިމާދޫ ކަސްޓަމްސް ކުރިމަތީ މަގުގައި ތާރު އަޅާފައި،
ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވާފައި ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިދިޔަ ޖުލައިމަހު އުތުރުގެ ތިން ރަށަކަށް ކުރެއްވި ދަތުރު ފުޅުގައި ހަނިމާދޫއަށް ވަޑައިގެން ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ދަށުން ހަނިމާދޫ 20 މަގެއްގެ 44،000 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި ފެންހިންދާ ނިޒާމެއް ގާއިމް ކުރުމާއި މަގުބައްތި ހަރުކުރުމުގެ އިތުރުންމަގުމަތީ ނިޝާން ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 71.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!