ހދ. ކުޅުދުއްފުށީ ސިޓީގެ މަގުތަކަށާއި އާންމު ސަރަހައްދުތަކަށް ދޫކޮށްލާފައިވާ އެއްގަމު އުޅަނދުތަކާއި އުޅަނދުތަކުގެ ބައިތައް ނައްތާލުމަށް އެތަކެތި ނެގުމުގެ މަސައްކަތް ފަށައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި ނައްތާލަން ނިންމާފައިވަނީ މިގޮތަށް ދޫކޮށްލާފައިވާ އުޅަނދުތަކާއި އުޅަނދުތަކުގެ ބައިތައް ނެގުމަށް މީގެ ކުރިން އެންގުމުންވެސް ނުނަގާ ހުރިތަކެއްޗެވެ.
އެގޮތުން، މި ތަކެތި ނައްތާލުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި ކަމަށްވެސް އެ ކައުންސިލުން ވިދާޅުވެއެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ގުޅިގެންނެވެ.
ކުޅުދުއްފުށީ ސިޓީ ކައިންސިލުން ވަނީ މި މަސައްކަތަށް އެސް.ޓީ.އޯ ކުޅުދުއްފުށި ފިހާރަ އަދި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ވެސް ފާހަގަކޮށްފައެވެ.
ޤަވައިދާ ހިލާފަށް ދޫކޮށްލެވިފައިވާ ގިނަ އުޅަނދުތައް އެ އުޅނަދުތަކުގެ ވެރިފަރާތްތަކުން އަމިއްލައަށް ނަގާފައިވާކަން ފާހަގަކުރަށްވާ ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ ކުރިއަށް އޮތްތާވެސް މަގުތަކަށާއި އާންމު ސަރަހައްދުތަކަށް ދޫކޮށްލާފައިވާ އުޅަނދުތަކާއި އުޅަނދުތަކުގެ ބައިތައް ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!