މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމް ސިނާއަތް ކުރިއަރާފައި ވިޔަސް، ރާއްޖޭގެ އިގްތިސާދީ ދުވެލި ވަނީ މަޑުޖެހިފައިވާކަމަށާއި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދަށަށް ގޮސް، އިގްތިސާދީ ދުވެލި މަޑުޖެހިފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގެ އިކޮނޮމިކް ބުލެޓިންގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 4.7 ޕަސެންޓުގައި ހުރި ޖީޑީޕީގެ ނިސްބަތް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ 3.1 އަށް ދަށަށް ގޮސްފަ އެވެ. މީގެ މައިގަނޑު ސަބަބަކީ، އެމްއެމްއޭ އިން ބުނި ގޮތުގައި، އިމާރާތްކުރުމުގައި ބޭނުންކުރުމަށް އެތެރެކުރާ ތަކެތީގެ މިންވަރު ދަށަށް ގޮސް، މުޅި އެ ސިނާއަތް ދަށަށް ގޮސްފައިވުމުގެ އިތުރުން، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ވެސް ދަށަށް ދިއުމެވެ.

Ad
rt

އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުގައި ޓޫރިޒަމް ސިނާއަތުން ޖީޑީޕީގެ ކުރިއެރުމަށް 2.4 ޕަސެންޓް ހިއްސާކޮށްފައި ވާއިރު، ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތަކުގެ ދާއިރާ އިން 0.7 ޕަސެންޓް، މަސްވެރިކަމުން 0.6 ޕަސެންޓް އަދި މާލީ ހިދުމަތްތަކުގެ ދާއިރާ އިން 0.4 ޕަސެންޓް ހިއްސާކޮށްފައިވެ އެވެ. ޖީޑީޕީގެ ކުރިއެރުމުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު ރޯލެއް އަދާކުރީ ޓޫރިޒަމް ސިނާއަތެވެ.

މީގެ އިތުރުން، ގައުމީ އުފެއްދުންތެރިކަމުގައި އެކި ސިނާއަތްތަކުން ހިއްސާކުރާ ނިސްބަތަށް ބަލާއިރު، ޓޫރިޒަމް ސިނާއަތް 27.9 ޕަސެންޓް، ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތަކުގެ ދާއިރާ 13.1 ޕަސެންޓް، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި 8.2 ޕަސެންޓް، އާއްމު ހިދުމަތްތައް 6.7 ޕަސެންޓް އަދި އިމާރާތްކުރުމުގެ ދާއިރާ 5.1 ޕަސެންޓް ހިއްސާކުރެ އެވެ.

އެކި ސިނާއަތްތަކުގެ އުފެއްދުންތެރިކަން ހުރި މިންވަރަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު ކުރިއެރުމަށް ހޯދާފައި ވަނީ މަސްވެރިކަމުގެ ސިނާއަތެވެ. އެގޮތުން، އެ ސިނާއަތުން ވަނީ 16.9 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފަ އެވެ. އެއީ މިދިޔަ އަހަރު މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތެރިކަން ހުރި މިންވަރު ކަމަށްވާ 11.8 ޕަސެންޓަށް ވުރެ 5.1 ޕަސެންޓް މަތީ އަދަދެކެވެ.

މީގެ އިތުރުން، ކަރަންޓާއި ފެން އުފެއްދުމުގެ ސިނާއަތުގެ އުފެއްދުންތެރިކަން ވަނީ 9.5 ޕަސެންޓް އަދި ޓޫރިޒަމް ސިނާއަތުގެ އުފެއްދުންތެރިކަން 9.1 ޕަސެންޓް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުރިއަރާފައިވެ އެވެ.