ރާއްޖެއާއި އިންޑިއާއި ދެމެދު ފަށާ ކާގޯ ފެރީގެ ހިދުމަތް ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގަ ފަށާނެކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާގެ ފަރާތުން މިކަން ހާމަކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.

Ad
rt

ރާއްޖެއާއި އިންޑިއާއި ދެމެދު ކާގޯ ފެރީ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، މިދިޔަ ޖޫން މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

"މި މަސައްކަތް ބާރު ސްޕީޑެއްގަ މިދަނީ ކުރަމުން. ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާގެ ޓީމެއް ރާއްޖެ އައިސް ޑީޓެއިލް އެސެސްމެންޓެއް ހަދާ މި މަސައްކަތުގެ ފައިނަލް ރިޕޯޓުވެސް މިހާރު ވަނީ ތައްޔާރުކޮށްފަ، ރައީސް ސާލިހް ވެރިކަމާއި ހަވާލުވެވަޑައިގެން މިވީ މަދު ދުވަސް ކޮޅަކީ، ރާއްޖެއާއި އިންޑިއާގެ ގުޅުމުގައި އައު އުސްމިންތަކެއް ޙާސިލްކުރަމުންދާ ދުވަސްވަރެއް"

ސަފީރު ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ފަށާ ކާރގޯ ފެރީ ނިޒާމުގެ މަސައްކަތް ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ފެށޭވަރުވާނެކަމަށް ވެސް އިންޑިއާ ސަފީރު ވިދާޅުވިއެވެ.

ޕެސެންޖާ އެންޑް ކާގޯ ސާވިސަސް ފެރީ ގެ ހިދުމަތް ދިނުމުގެ އެމްއޯޔޫއެއްގައި ސޮއިކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ 7 ޖޫން 2019 ވަނަ ދުވަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރު ފުޅުގައެވެ. މި އެއްބަސްވުމަކީ މީގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި ކުރެވުނު މަޝްވަރާތަކާ ގުޅުވައިގެން ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު ސޮއިކުރި އެއްބަސްވުމެކެވެ. ފެރީ ހިދުމަތް ދޭނީ ކުޅުދުއްފުށީ ޕޯޓާއި މާލޭ ޕޯޓުން އިންޑިއާގެ ކޮޗިން އަށެވެ.

އެގޮތުން މި ނިޒާމުގެ ސަބަބުން ކޮލޮމްބޯ އާއި ދުބާއީ މަގުން ރާއްޖެއަށް އެތެރެކުރާ އަގަށްވުރެ ކުޑަ އަގެއްގައި މުދާ އެތެރެކުރެވޭނެކަމަށް ސަފީރު ވިދާޅުވިއެވެ. ރާއްޖެއަށް މުދާ އެތެރެކުރުމުގައި ބޮޑު ލުއިފަސޭހަކަމެއް ލިބޭނެކަން އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާގެ ކޮޗިނުން ހދ ކުޅުދުއްފުށި ނުވަތަ އެއްބަސްވެވޭ ރާއްޖޭގެ ބަނދަރަކަށް ފަސިންޖަރުންނާއި މުދާ ހިފައިގެން ދަތުރުކުރާ ފެރީ ދަތުރުތައް ބޭއްވުމާބެހޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއާ އިންޑިއާއާއި ދެމެދު އަގުހެޔޮކޮށް ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ މަގު ފަހިވެގެން ދިއުމާއި އިންޑިއާއިން ކަނޑުމަގުން މުދާ އެތުރުކުރެވޭނެ އިތުރު މަގުތައް ތަނަވަސްވުމުގެ އިތުރުން އިންޑިއާގެ ބާޒާރުތަކަށް ފަސޭހައިން ދިވެހީންނަށް ވާސިލުވެވޭނެ ފުރުސަތު ފަހިވެގެން ދިއުމާއި ދިވެހި އުފެއްދުންތައް އިންޑިއާގެ ބާޒާރަށް ވިއްކޭނެ މަގު ވެސް ފަހިވެގެންދާނެއެވެ.

މަތިއުތުރު ސަރަޙައްދުގެ ކާގޯ ފެރީ ޓާމިނަލްގެ ބިންގާ ކުޅުދުއްފުށީގައި އަޅާފައިވަނީ 2011 ވަނަ އަހަރުގެ އޮގަސްޓްމަހުއެވެ.