ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މަޝްރޫޢުގެ ގޮތުގައި ފާހަގަކުރެވޭ އެނބޫދޫ ފިނޮޅު ހިއްކައި އެފިނޮޅުގައި މުޅިން ތަފާތު އައު ވިސްނުމަކަށް ބިނާކުރި ރިސޯޓު ކްރޮސް ރޯޑްސް މިއަދު ހުޅުވައިފިއެވެ.

"ހިލްޓަން ކަލެކްޝަންގެ ސައި ލެގޫން މޯލްޑިވްސް" އާއި "މިއުޒިކީ ފުށީގައި - ހާޑްރޮކް ހޮޓެލް" އަކީ އެނބޫދޫ ފިނޮޅު ހިއްކައިގެން އެފިނޮޅުގައި ތަރައްޤީކުރާ ރިސޯރޓުތަކުގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ދެރިސޯރޓެވެ. މީގެ ތެރެއިން ހާޑް ރޮކްގައި 178 ރޫމް، ހިލްޓަންގެ ސައި ލެގޫންގައި 198 ރޫމް ތަރައްގީކޮށްފައިވެ އެވެ. މީގެ އިތުރުން މިއަދުވަނީ ރާއްޖޭގައި ހަދާފައިވާ އެންމެ ބޮޑު ޔޮޓް މެރީނާ "ދަ މެރީނާ މޯލްޑިވްސް" ވެސް ހުޅުވާފައެވެ.

Ad
rt

ހިއްކައިގެން ހަދާ ޖުމްލަ ނުވަ ރަށް ހިމެނޭ ގޮތަށް އެނބޫދޫފަޅު ތަރައްގީކުރުމުގެ މަޝްރޫ އަކީ ތައިލެންޑުގެ އެންމެ ވަރުގަދަ އެއް ރިއަލް އެސްޓޭޓް ކުންފުނި، ސިންގްހާ އެސްޓޭޓުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. "ކްރޮސްރޯޑްސް"ގެ ނަން ދީފައިވާ މި މަޝްރުއޫގެ ފުރަތަމަ ފިޔަވައްސަށް 311 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ) ހަރަދު ވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އަދި 2012 ވަނަ އަހަރު މުޅި މަޝްރޫއު ނިމޭއިރު، ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ވެސް ސިންގްހަ އެސްޓޭޓުން ބުނެފައިވެ އެވެ.

އެނބޫދޫ ފަޅުން ހަތް ކިލޯ މީޓަރުގެ ސަރަހައްދެއް ހިއްކައިގެން 2017 ވަނަ އަހަރު ފެށި، މި މަޝްރޫއު ރަސްމީކޮށް ހުޅުއްވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމް އެވެ. މި ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވީ މި މަޝްރޫއުން އެނގިގެން ދަނީ ދެމެހެއްޓެނި ގޮތަށް ބޮޑެތި މަޝްރޫއުތައް ހިންގިދާނެ ކަން ކަމަށެވެ.

މިހާރު މިތަނުގައި ހުޅުވާފައިވާ މަޝްރޫއު ތަންތަނުގެ ތެރޭގައި "ހާޑްރޮކް ކެފޭ" އާއި "ކެފޭޑެލްމާ" އަދި "މިނިސްޓްރީ އޮފް ކްރެބް" އަދި "ކަބާކް ކަރީ" އާއި "ޗާޓައިމް" ފަދަ ތަންތަން ހިމެނެ އެވެ.

މީގެ އިތުރުން، ދަ މެރީނާ އެޓް ކްރޮސްރޯޑްސްގައި 30 ބާތުގެ ޔޮޓު މެރީނާ އަކާއި ދުނިޔޭގެ މަޝްހޫރު ބީޗު ކްލަބު ބްރޭންޑެއް ކަމަށްވާ "ކެފޭ ޑެލް މާ" ބްރޭންޑުގެ ބީޗު ކްލަބަކާއި ކަނޑުގެ ދިރުންތަކާއި ތިމާވެއްޓާ ގުޅުންހުރި ދިރުންތަކުގެ ދިރާސާތަކަށް ހާއްސަ މެރިން ޑިސްކަވަރީ ސެންޓަރެއް ވަނީ ގާއިމްކޮށްފަ އެވެ. އަދި ކުޑަކުދިންނަށް ތަފާތު ކުޅިވަރުތަކާއި ޕްރޮގްރާމްތަކުގައި ބައިވެރިވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ހާއްސަ ޖޫނިއަ ކްލަބަކާއި ފަންނުވެރިންގެ މަސައްކަތްތައް ދައްކާލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ހާއްސަ ތަނެއް ކްރޮސްރޯޑްސްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ވަނީ ތަރައްގީކޮށްފަ އެވެ.

ޓޫރިސްޓުންގެ އިތުރުން، ދިވެހިންނަށް ވެސް ކްރޮސްރޯޑްސް އަށް ދެވޭނެ އިންތިޒާމް ސިންގްހަ އެސްޓޭޓުން ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން، މާދަމާ އިން ފެށިގެން އާއްމުންނަށް ހުޅުވާލާއިރު، މާލެ އާއި ހުޅުލެ، ހުޅުމާލެ އަދި ކ. މާފުއްޓާ ދެމެދު ފެރީ ދަތުރުތައް ކޮންމެ ދުވަހަކު ދެ ފަހަރު އޮންނާނެ. ފެރީން ކުރާ ދަތުރުތަކުގައި ކޮޅަކަށް މީހަކަށް ނެގުމަށް ހަމަޖައްސާފައި ވަނީ 80ރ. އެވެ.