ގްރޭޓާ މާލެ ގުޅާލުމުގެ މަޝްރޫއުއަށް ފަައިސާ ހޯއްދަވަން އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓާއި ޚާރިޖީ ވަޒީރު ޝާހިދު މަޝްވަރާ ކުރައްވައިފިއެވެ.

އޯއައިސީގެ ކުއްލި ބައްދަލުވުމަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ހޮނިހިރު ދުވަހުގެ ރޭ ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވުމަށްފަހު، މިއަދު ވަނީ ޔޫއޭއީގެ އަބޫދާބީއަށް ވަޑައިގެންފައެވެ.

Ad
rt

ޔޫއޭއީގައި ޝާހިދު ވަނީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) ގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާއި ބައްދަލު ކުރައްވާފައެވެ.

ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާ ބައްދަލުކުރެއްވި ކަމަށާއި، އެ ބައްދަލުވުން ވަރަށް ޕޮޒިޓިވް ކަމަށެވެ.

ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ހުސައިން ނިޔާޒް މިއަދު ވިދާޅުވީ އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލާއި މިނިސްޓަރު ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައި، މިނިސްޓަރު ވަނީ ސަރުކާރުން ހިންގުމަށް ރާވާފައިވާ ބައެއް މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނި މި މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. މިގޮތުން މި މަޝްރޫއަށް 7.6 ބިލިއަން ރުފިޔާ ޙަރަދުވާނެ ކަމަށާއި 2020 ވަނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި ބްރިޖުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ. ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ބްރިޖުތަކަކުން ގުޅާލުމުގެ މަޝްރޫއެކެވެ. ހަތަރު ރަށް ބްރިޖުން ގުޅާލުމުގެ މަޝްރޫއު، ޖޫން މަހު އޮތް މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމަށް ސަރުކާރުން ހުށަހެޅިއެވެ.