މިއަދު ނ. ލަންދުއަށް އަޅުގަނޑު ކުރި ދަތުރުގައި އެރަށު ފުށްޓަރު ފަރާތުން ފެނުނު ކާޅުބައިގެ ވާހަކަ އެރަށުގެ ކުރީގެ ކަތީބު ނަސީރު، އަޅުގަނޑަށް ކިޔައިދެއްވި ގޮތުގައި، އެސޮރުމެން ނިދާ ރަށަކީ ލަންދުއެއް ނޫނެވެ!

“ކޮންމެ ދުވަހަކު ހަވީރު 5:30 ގައި، އެ ހުރިހާކާޅެއް ރަށާ ދާދި ގާތުގައި އޮންނަ މާޅެންދުއަށް އުދުހިގަންނެ. އެސޮރުމެން ނިދާ ރަށަކީ، މާޅެންދޫ،" ނަސީރު، ބުނުއްވިއެވެ.

Ad
rt

"ހުޅަނގު އުތުރުން ވައިޖެހޭ ގަދަ ދުވަސްވަރު، އެސޮރު މެންނަށް ވަރަށް އުނދަގޫވޭ މާޅެންދުއަށް ދާން ކަނޑުއޮޅި ހުރަސް ނުކުރެވިގެން، އިމަރޖެންސީ ލޭންޑިންވެސް، ހަދައިއުޅޭ އެވަރުންވެސް ބަލާނެ، އެރަށަށްދާން" ނަސީރު ބުނުއްވިއެވެ.

ލަންދޫ ކާޅުތައް، މާޅެންދުއަށް އިރު އޮއްސުމުގެ ކުރީން ދެއެވެ. މިއީ، ޤަދީމީ ޒަމާނުއްސުރެން ކަން ހިނގާ މަގެވެ! މި ވާހަކަ އިވިފައި، އަޅުގަނޑު ވަރަށް ޙައިރާންވި އެވެ. މި ޙައިރާން ކަމުގައި ހުރެ، މާޅެންދޫގެ ކުރީގެ ކަތީބު ޢަބްދުއްރަޙީމާއި ގުޅައިލައި، މިކަމުގެ ޚަބަރު އަހައިލީމެވެ.

އޭނާ ބުނުއްވި ގޮތުގައި، އެއީ މިކަން ހިނގަމުން އަންނަ ގޮތެވެ.އެ ސޮރުމެން ލަންދޫން އުދުހިފައި އައިސް ފުރަތަމަ އިށީންނަނީ ތުނޑީގައެވެ. ތުނޑިން ރަށަށް އަރަނީ ވަރުބަލި ފިލުވައިގެންނެވެ. އަނެއް ދުވަހު ހެނދުނު، ލަންދުއަށް ދާން، ކާޅުތައް ޖަމާ ވަނީވެސް އެ ތުނޑިއަށެވެ. ލަނދުއަށް އުދުހިގަންނީ ތުނޑިން ނެވެ. އުދުހިފައި ދަނީ ބައިބަޔަށެވެ.

ކޮންމެ އަކަސް ލަންދޫގައި "ކާޅު އަރާމަގު" މި ނަމުންމަޝްހޫރު މަގެއްވެސް އޮވެއެވެ. މިއީ މާޅެންދޫން އަންނަކާޅު ލަންދުއަށް އުދުހިފައި އަންނަ މަގެވެ.

ލަންދޫކާޅުގެ މި ޒަމާންވީ އުދުހުމަކީ، ޢަޖައިބެކެވެ. މިއީ އަޖައިބު ކުރުވަނިވި ކާޅުބައެކެވެ. އިހުގައި ލަންދުއަކީ މަދިރީގެ ރަށެކެވެ. މިއީ އެ އުނދަގުލުން ސަލާމަތްވާން ފެށި ދަތުރެއް ބާ އެވެ؟ މިއަދު މާޅެންދުއަކީވެސް މަދިރިއުޅޭ ރަށެކެވެ. އެކަމަކުވެސް އެންމެ ރަނގަޅެވެ. ނިދަން އަރާރަށް އެސޮރުމެން ނަކަށް އުނދަގުލެއް ނޫނެވެ!.

ލިއުނީ: މުޙައްމަދު އާދަމް ސަލީމް