ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރިއަށް ގެންދަވާ ހަރަކާތްތަކުގެ ތެރެއިން، މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހދ. ނޮޅިވަރަންފަރުގައި ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން، މިހިނގާ މާރިޗު މަހުގެ 16 ވަނަ ދުވަހު ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެ ރަށު ގޭބިސީތަކަށް ޒިޔާރަތްކޮށް ގޭބިސީތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މީގެއިތުރުން ގެއިން ބޭރަށްދާނަމަ ގޭގެ ދޮރުތައް ތަޅުލެވުނުތޯ ޔަގީންކުރުމަށާއި އަގުބޮޑެތި އެއްޗެހި ގޯތި ތެރެއަށް ދޫކޮށްލާފައި ބެހެއްޓުމުގެ ބަދަލުގައި އެތަކެތި ރައްކާތެރިކޮށްފައި ބެހެއްޓުމަށާއި، ސައިކަލު މަޑިދަށުގައި އަގު ބޮޑެތި އެއްޗެހި އަދި ވޮލެޓްފަދަ ތަކެތި ނުބެހެއްޓުމަށް އިލްތިމާސްކޮށްފައިވާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ފުރަތަމަ ދުވަހު ވެސް ނޮޅިވަރަންފަރު ފިހާރަތަކަށް ޒިޔާރަތްކޮށް ވިޔަފާރަވެރިން ހޭލުންތެރިކުރުމުގެ ގޮތުން ޕްރޮގްރާމެއް ހިންގާފައެވެ. މިގޮތުން މި ޕްރޮގްރާމުގައި އެރަށުގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް، ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވަނީ މައުލޫމާތު ދީފައެވެ.

މީގެއިތުރުން ކުށެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ކުށްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ފިހާރަތަކުން ވައްކަން ކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް ވަނީ މަޢުލޫމާތު ދީފައެވެ.
ފުލުހުން ގެންދަވަނީ އެ އިދާރާގެ ޚިދުމަތް ގާއިމުކުރެވިފައިވާ ރަށްތަކުގައި ކެނޑިނޭޅި މިފަދަ ޕްރޮގްރާމްތައް ހިންގަވައި، ރައްޔިތުން ހޭލުންތެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!