މިހާރު ކުރިއަށްދާ ވޯލްޑް ސާފިންގ ޗެމްޕިއަންޝިޕުގައި، ރާއްޖޭގެ ރާޅާއެޅުންތެރިއަކުން ރަން މެޑަލްއެއް ހޯދައިފިކަމުގައިވާނަމަ، އެރާޅާއެޅުންތެރިއަކަށް 1.5 މިލިއަން ރުފިޔާ ލިބިގެންދާނެކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަހުލޫފު މިހެން ވިދާޅުވީ، ސާފިންގ ވޯލްޑް ޗެމްޕިއަންޝިޕުގައި ފުރަތަމަ ބުރުން ރަނގަޅު ނަތީޖާތަކެއް ހޯދުމަށްފަހު، ދެވަނަ ބުރަށް ދަތުރުކުރުމުން، އެ ރާޅާއެޅުންތެރިންނަށް މަރުހަބާ ދެންނެވުމަށް މިނިސްޓަރު ކުރެއްވި ޓްވީޓަށް ރިޕްލައި ކުރި ފަރާތަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

ޔޫތު މިނިސްޓަރުގެ ޓްވީޓަށް ރިޕްލައި ކުރި ފަރާތުން ބުނެފައިވަނީ މި ރާޅާއެޅުންތެރިންނަށް އެއްލައްކަ ރުފިޔާ ދޭނެތޯއެވެ. ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މިހާރު ހެދިފައިވާ އުސޫލުތަކަށް ބަލާއިރު، ސާފިންގ ވޯލްޑް ޗެމްޕިއަންޝިޕުގެ ރަން މެޑަލްއަކަށް ކަނޑައެޅިފައިވަނީ އެއްލައްކަ ރުފިޔާ ނޫންކަމަށާއި، 1.5 މިލިޔަން ރުފިޔާކަމަށެވެ.

ސާފަރުން ރަން މެޑަލް ހޯދުމުން ފައިސާގެ ބޮޑު އަދަދެއް ދެއްވާނެކަމަށް ވިދާޅުވިއިރު، ދާދިފަހުން ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއާއި ޗައިނާ ބައްދަލުކުރި މެޗުން މޮޅުވެއްޖެނަމަ ނުވަތަ އެއްވަރުވެއްޖެނަމަ ކޮންމެ ކުޅުންތެރިއަކަށް އެއްލައްކަ ރުފިޔާ ދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. ހަމައެހެންމެ، އައިއޯއައިޖީން ރަން މެޑަލް ހޯދި ދީމާއަށްވެސް ފައިސާގެ ބޮޑު އަދަދެއް ދިނުމަށްވަނީ ނިންމާފައެވެ.