މިދިޔަ ހަފުތާގައި ތ. ވޭމަނޑޫ އިންޖީނު ގޭގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއިން އަރައިގަތުމަށް އެ ރަށުގެ ރައްޔިތުން ދެއްކި ނަމޫނާއަށް ފެނަކައިން ޝުކުރުއަދާކޮށްފިއެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ހާދިސާއިން އަރައިގަނެ އެ ރަށަށް އަލުން ކަރަންޓު ދިނުމަށް ކުރި މަސައްކަތުގައި އެ ރަށުގެ ހުރިހާ އެންމެންގެފަރާތުންވެސް އެއްބާރުލުން ލިބުނު ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ކެތްތެރިކަމާއެކު ކުންފުންޏާއި ގުޅިގެން މަސައްކަތް ކުރުމުގައި ވޭމަންޑޫ ރައްޔިތުން ދެއްކީނަމޫނާއެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

Ad
rt

މީގެ އިތުރުން މި ހާދިސާއާއި ގުޅިގެން ރައްޔިތުންގެ ހާލަތު ކައިރިން ބައްލަވައި އަލުން ކަރަންޓު ފޯރުކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވިމަސައްކަތްޕުޅަށާއި އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ޙުސައުން ރަޝީދު ޙަސަން އެ ރަށަށް ވަޑައިގެން ވެދެއްވި އެހީއަށް ފެނަކައިން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

އެ ކުންފުނިން ބުނީ ކުރިއަށް އޮތްތާނގައި މިފަދަ ހާދިސާއެއް މެދުވެރި ވިޔަ ނުދޭން އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިފަދަ ހާދިސާއެއް ދިމާވެއްޖެ ނަމަލިބޭ ގެއްލުން ކުޑަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއެކު ހިދުމަތް ދިނުމުގައި ދެމި ތިބޭނެ ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން މިހާރު އަންނަނީ ވޭމަންޑޫގެ އާ އިންޖީނުގެ އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް މެދު ނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިންވަނީ ދީފައެވެ.