މިއަހަރުގެ ކިޔެވުން ފެށުނުދުވަހު ސްކޫލްތަކުގެ ބޭރުން ފެނުނީ މާސްކު އަޅައިގެންތިބި ކިޔަވާކުދިން ދޮރާށި ދޮށުގައި ހުރި ސުޕަވައިޒަރުގެ އިރުޝާދާއެކު ސަފެއްގައި ތިންފޫޓެއްހާ ގައިދުރުކުރުމެއްގައި ކުލާހާދިމާއަށް ހިނގަމުންދާތަނެއެވެ.

އެކުދިންގެ ކިބައިން ފެނިގެންދިއައީ އުންމީދީ މަންޒަރެކެވެ. ޤައުމުގެ މުސްތަޤްބަލް އުފާވެރިވާނެކަމުގެ އިހުސާސްތަކެއް ކުރުވި މަންޒަރެކެވެ. އެއާޚިލާފަށް އެކުދިން ގޮވައިގެން ސްކޫލްދޮށަށް ދިޔަ ބައެއް ބެލެނިވެރިންގެ ކިބައިން ފެނިގެންދިއައީ މުޅިން އެހެން މަންޒަރެކެވެ. މިސާލު ދައްކަންތިބި ބޮޑެތި މީހުންގެ ކިބައިން މިހާރުވެސް ފެންނަމުންދަނީ ކަންބޮޑުވާންޖެހޭ މަންޒަރެކެވެ.

Ad
rt

ކޮވިޑް-19ގެ ބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށީންސުރެ ސިއްޙީ މާހިރުންނާ ކަމާބެހޭ އިދާރާތަކުން މެދުނުކެނޑި ކިޔަމުންދަނީ އެއް ލަވައެކެވެ. ގައިދުރުކުރާށެއެވެ. މުހިންމުކަމެއްގައި މެނުވީ ބޭރަށް ނުނުކުންނާށެއެވެ. އެއްވެނޫޅޭށެއެވެ. ގިނަގިނައިން އަތް ދޮންނާށެއެވެ. ސާފުތާހިރުވާށެއެވެ. ތިމާއާ އެހެންމީހުންގެ ރަށްކަލަށް މި އިރުޝާދުތަކަށް އަމަލުކުރާށެވެ. އެހެންނަމަވެސް ގިނަ ބަޔަކަށް މިއަޑު އިވޭހެނެތް ހިޔެއްނުވެއެވެ. އަޑުއިވުނަސް ބޯނުލަނބަނީއޭވެސް ހިތަށްއަރައެވެ.

ސްކުލްތަކުގެ ކިޔެވުން ފެށިތާ މާގިނަދުވަހެއް ނުވަނީސް ބަލިޖެހޭމީހުން ކުއްލިއަކަށް ގިނަވާންފެށުމާއި، މާހަލުވިކޮށް ފެތުރޭ މިބަލީގެ ވޭރިއަންޓެއް އުޅޭކަމަށްބެލެވި ސްކޫލްތަށް ބަންދުކުރަން މަޖުބޫރުވިއެވެ. އެހެންނަމަވެސް ކުދިންނަށް މިކަމުން ރަށްކަލެއްވާހެނެއް ހިޔެއްނުވެއެވެ. ހަވީރު ފިންޏަށް ކުދިން ގޮވައިގެން ބޭރަށް ނުކުމުއުޅޭއިރު ގައިދުރުކުރުމެއް ނުފެނެއެވެ. އެކުދިން ގޮވައިގެން އާއިލާއާއި ރައްޓެހިންގެ ގޭގެއަށް ޒިއާރަތް ކުރާއިރު، ސްކޫލް ބަންދުކުރި ބޭނުން ހަނދާން ހުރިހެނެއް ހިޔެއްނުވެއެވެ. އޮންލައިންކޮށް ކިޔަވައިދެމުންދާއިރު ކުރިމަތިވަމުންދާ ގޮންޖެހުންތަކަމެދު ވިސްނޭހެނެއް ހިޔެއްނުވެއެވެ. ކުދިންގެ ކިޔެވުމަށާއި ސިއްހަތާއި ހެދިބޮޑުވުމަށް ކުރަމުންދާ އަސަރާމެދު ފުންކޮށް ވިސްނާ ކަންބޮޑުވާހެނެއްވެސް ހިޔެއްނުވެއެވެ.

ކާބޯތަކެތި ގަންނަން ފިހާރައަށް ދާމީހާ ފައިސާ ދައްކަން ގޮސް ހުއްޓެނީ ކުރިއަށް ހުރިމީހާގައިގަ ޖެހޭނުޖެހޭ ހިސާބުގައެވެ. އޮފީސްނިންމާލާފައި ރައްޓެހިންނާއެކު ކެފޭތަކަށް ކޮފީއަށެއެވެ. ގިނަމީހުން އަތުގައި އެންމެ ފަހުގެ ފޯނުއޮވެއެވެ. ފައިސާގެ ގޮތުން ދަތި މިދުވަސްތަކުގައި ފޯނު ހަލާކުނުވަނީސް އައުކުރި މީހުންވެސް އުޅެއެވެ. ހުރިހާ ފިހާރަތަކުންހެން އޮންލައިންކޮށް ވިޔަފާރި ކުރެވެއެވެ. އެންމެންހެން އިންޓަރނެޓް ބޭންކިންގެ ބޭނުން ހިފައެވެ. ފެންނަ މަންޒަރުތަކުން ހިތަށް އަރަނީ ފޯނާއި އިންޓަރނެޓްގެ ބޭނުންހިފަނީ ސެލްފީނަގައި އެކިފާޑުގެ މެސެޖްތަކުން ސޯޝަލް މީޑިއާ ފުރާލަން އެކަންޏެއެވެ. ނޫނީ އެހެންމީހުން އިސްލާހުކުރަންވީ ކަންކަން ބުނެދީ މުޅިދުނިޔެ އިސްލާހުކުރުމުގެ އަޒުމުގަހެނެއެވެ. އެހެންކަމަށްވާނަމަ ފުރަތަމަ ތިބާގެ ކަންކަން އިސްލާހުކުރާށެވެ. އަތުގަ އޮތް ފޯނުން އެޗްޕީއޭގެ ފޭސްބުކް ޕޭޖަށްވަދެ ދީފައިހުރި އިރުޝަތުތަށް ކިޔާލައި އެއަށް އަމަލުކުރާށެވެ.

މިހެންގޭގައި އިންނައިރު ޓީވީތަކުންނާއި އޮންލައިން ނޫސްތަކާއި ސޯޝަލްމީޑިއާއިން ފެންނަނީ އަދި މާކަންބޮޑުވާ މަންޒަރެކެވެ. ކަންކަން އިސްލާހުކުރުމުގެ ނަމުގައި މަގުމަށްޗަށް ނުކުމެ އެއްވެއުޅޭ ސިޔާސީ ފަރާތްތަކާ އިސްލާހަށް އެދިއެދި ތިބި ފަރާތްތަކެއެވެ. ކަންބޮޑުވަނީ އިސްލާހު ކުރަންއުޅޭތީއެއް ނޫނެއެވެ. އިސްލާހުވެދާނެތީ އެއްވެސް ނޫނެއެވެ. އިސްލާހު ނުވާތީއެވެ. 10 މީހުންނަށްވުރެ ގިނައިން އެއްވުންތައް ނުބާއްވަން ގޮވާލާ ސިޔާސީ ވެރިން ލައިވް ޓީވީތަކަށް އަރާ ސިޔާސީ ހަފްލާތަކާއި ހަރަކާތް ހިންގާމަންޒަރަކީ ހަމަޖެހޭ ކަމެއް ނޫނެވެ.

ސިއްޙީމާހިރުން އެވަރަށް އާދޭސްކުރާއިރުވެސް ގައިދުރުކުރެމެއް ނެތެއެވެ. ތިމާއާއި ވަށައިގެންތިބި މީހުން ގައިގަ ވައިރަސް ނެތްކަމުގެ އެހާބޮޑު ޔަގީންކަމެއް ލިބުނީ ކިހިނަކުންބާއޭވެސް ހިތަށް އަރައެވެ. ބަލިން ރައްކާތެރިވުމަށް ގޮވި އަޑުވެސް އެހީމެއެވެ. އެއްވެ އުޅެގެން ގައިމު ރައްކާތެރިއެއް ނުވެވޭނެއެވެ. ކަންބޮޑުވުން އިވެނީ ދައްކާވާހަކައިންނެއެވެ. އަމަލަކުން ނުފެނެއެވެ.

އެއްވެސް އަލާމާތެއް ނުފެނި ހަށިގަނޑުގައި މިވައިރަސް އެތަށްދުވަހެއް ވަންދެން ހުންނަކަމާއި އެދުވަސްތަކުގައި އެހެންމީހުންގެ ގަޔަށް ވައިރަސް އަރާކަން އެތަށް ސިއްޙީ މާހިރުންނެތް އަދިވެސް ބުނަމުން އެބަދެއެވެ. ދުނިޔޭގެ ހެލްތް ޖަމްޢިއްޔާގެ އެބްސައިޓްގައި އިތުބާރުހުރި މަޢުލޫމާތު ހުންނާނެއެވެ. އެސައިޓަށް ޒިއާރަތްކޮށް އެމީހުން ދައްކާވާހަކަ އަޑުއަހައި މިކަމާގުޅޭގޮތުން ޝާޢިރުކޮށްފައިހުރި އެންމެފަހުގެ ދިރާސާތަށް ކިޔާލުމަށްފަހު އިސްލާހުކުރުމުގައި މިވަގުތު އިސްކަންދޭންވީ ކޮންކަމެއްތޯ ވިސްނާލާށެއެވެ.

އިސްލާހު ކުރުމުގެ ކެމްޕެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވިގެން ތިއުޅެނީ އިންޓަރނެޓްގެ އަގުބޮޑުވުމުން ކަމަށްވާނަމަ ޑާޓާ ހުސްވުމުގެ ކުރިން ފުރަތަމަ އެކަމަށް އަޑު އުފުލާށެއެވެ. ދިރިއުޅޭ ކުޑަކުޑަ ފްލެޓްގައި ތޮއްޖެހިގެން އުޅޭނަމަ ގޭއެންމެންގެ ބައިވެރިވުމާއެކު އޮންލައިންކޮށް މުޒާހަރާ ކުރިއަށް ގެންދާށެއެވެ. ޓުވިޓަރއަކީ މިކަންކަމަށް ފައްކާ އެއްޗެކެއެވެ. ޤައުމީ ސަލާމަތާމެދު ކަންބޮޑުވެ އުފުލާއަޑުވެސް މުޅިދުނިއެއަށް ފޯރާނެއެވެ. އެހެނަސް ކިޔަވާކުދިންނަށާއި ގެއަށް މަސައްކަތް ބަދަލުކޮށްފައިތިބި މަސައްކަތްތެރިންނަށް އުނދަގޫ ނުވާނޭހެން އަމަލުތަށް ބަހެއްޓުން އެދެމެއެވެ. މިހާރުވެސް އެވެރިންނަށް ވާއުނދަގޫ ކުޑައެއްނޫނެވެ.

ކޮވިޑްގެ ރާޅުތަކާއެކު އަޑިއަށްމިދާ އިޤްދިސާދު ނަގައި ކޮޅަށްޖެހެން އޮތީ އެންމެންވެސް ސިއްޙީމާހިރުންގެ އަޑުއަހައި އަމަލުކޮށްގެނެވެ. ބޯޑަރ ބަންދުކޮށްގެން ހައްލެއްނުވާނެއެވެ. ކާގޯ ބޯޓުންވެސް ވައިރަސް އަތުވެދާނެއެވެ. ކިޔަވާކުދިންގެ ތާވަލުން ގެއްލެމުންދާ ދުވަސްތަށް އިއާދަ ކުރެވެންއޮތީވެސް އެންމެން ބަސްއަހައިގެނެއެވެ. ސްކޫލްތަށް ބަންދުކުރިއަސް ވައިރަސް ބިރުން ނުފިލާއެވެ. ކިއުގައި ގައިދުރުކުރުމާއެކު ސްކޫލްގެ ދޮރާށިން ވަދެކެން ކްލާހާދިމާއަށް ދިޔަ ކުދިންގެ ކިބައިން މިދުވަސްވަރު އަމަލުތަށް ބަހައްޓަންވީގޮތް ދަސްކުރާށެއެވެ.