ރާއްޖޭގައި 2،000 ހައުސިިން ޔުނިޓު ތަރައްގީ ކުރުމުގެ މަޝްރޫޢުއަށް ބޭނުންވާ ލޯނު ދިނުމާ ގުޅޭ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހިންގަން ރާވާފައިވާ، އެ މަޝްރޫއު ކުރިއަށްގެންދިއުމަށް ދިވެހި ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ނަގަނީ 130 މިލިއަން ޑޮލަރުގެ ލޯނެކެވެ.

Ad
rt

އިންޑިއާގެ އެގްޒިމް ބޭންކާއި، ފަހި ދިރިއުޅުން ކޯޕަރޭޝަނާއި އެކު މި އެއްބަސް ވުމުގައި ސޮއިކުރުން އޮތީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާ ސަރުކާރުގެ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ)އާ ހަވާލުކޮށްގެންނެވެ.

މީގެއިތުރުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު ވަނީ ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރުން 40 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދިނުމަށް ނިންމާފައިވާ ކަމަށް ރޭ މާލޭ އެކުވެނި ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވެފަ އެވެ.