ހއ. މޮޅަދޫ ބަނދަރުގެ ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދަން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބަޔަކާ ހަވާލުކޮށްފިއެވެ.
ޕްލޭނިންގ މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑްއާއެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝަނާ ފާރޫޤެވެ. ސޮނެކް ޓްރޭޑުގެ ފަރާތުން ސޮއި ކުރެއްވީ އެކައުންޓަންޓް، ޕްރަބާތު އެވެ.
އެއް އަހަރު ދުވަހުގެ ތެރޭގައި މި މަޝްރޫޢުގެ މަސައްކަތްތައް އެއްކޮށް ނިންމަން ޖެހޭއިރު، މިކަމަށް ދައުލަތުގެ ބަޖެޓުން 26،984،891.28 ރުފިޔާ ޚަރަދުކުރަން ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުންވެސް، ޕްލޭނިންގ މިނިސްޓްރީ އިން ހާމަކޮށްފައިވާގޮތުގައި މި މަޝްރޫޢުގެ ތެރެއިން 232 މީޓަރުގެ ބޭރުތޮއްޓާއި 42 މީޓަރުގެ ރިވެޓްމަންޓް ޖަހާނެއެވެ. ހަމައެހެންމެ، 70 މީޓަރުގެ ގްރޮއިން އާއި 20 މީޓަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތްވެސް ކުރާނެއެވެ. 600 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާއިރު 20 ބަނދަރު ބައްތި ޖަހާ 01 ރޭމްޕު ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެތެރެއިން މޮޅަދޫގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވަނީ 24،726 ކިއުބިކް މީޓަރަށެވެ.
ހއ. މޮޅަދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން އިއުލާނުކޮށްފައިވަނީ 10 މެއި 2019 އެވެ.
މިކަން ކުރިއަށްގެންދިއުމަށް ސަރުކާރުގެ މި އަހަރުގެ ބަޖެޓްގެ ޕަބްލިކް ސެކްޓަރ އިންވެސްޓެމެންޓް ޕްރޮގްރާމް، ޕީއެސްއައިޕީގެ ދަށުން މޮޅަދޫގައި ބަނދަރެއް ހެދުމަށް ބަޖެޓްކޮށްފައިވަނީ 13 މިލިއަން ރުފިޔާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!