ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މުޅި މުބާރާތުން އެއްވަނަ އިމާދުއްދީން ސްކޫލްގެ ދަރިވަރު މުހައްމަދު ސައީ މުބާރިކް ހޯދައިފިއެވެ.
ޤުރުއާން ކިޔެވުމުގެ 33 ވަނަ ގައުމީ މުބާރާތުގެ އެއްވަނަ ހޯދި ސާއީ ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ސްކޫލް ކުދިންގެ ބައިން ފޮތުން ކިޔެވުމުގެ ގޮފީގެ ކީސްޓޭޖް ހަތަރަކުން ވެސް އެއްވަނަ ހާސިލް ކޮށްފައެވެ.
ސާއީއަށް އިނާމު ހަވާލުކޮށްދެއްވީ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހުގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ބައިވެރިންނަށް އިނާމު ހަވާލުކޮށްދީފައެވެ.
މުބާރާތުގެ އެއްވަނަ ހޯދުމުން ސާއީއަށް ވަނީ، ރައީސްގެ ފަރާތުން ދެއްވާ ހާއްސަ އިނާމުގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖު ދަތުރަކާއި މޯލްޑިވިއަންގެ ފަރާތުން ރާއްޖޭގައި ބޭނުން ސަރަހައްދަކަށް ދެކޮޅު ޓިކެޓާއި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން 15000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައެވެ.
މިއަހަރުގެ މުބާރާތުގައި މުޅި މުބާރާތުން ދެވަނަ ހާސިލްކުރީ އިސްލާމިކް ޔުނައިޓެޑް ފޮ އަސާސް ވިނަވި އެންޑް އިޔާރް (އިއުފަވި)ގެ ފަރާތުން ބައިވެރިވި މުހައްމަދު ނަބީހް ރާޝިދެވެ. އޭނާ ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިން ދެވަނަ އާއި އާންމު ބައިގެ ހިތުން 20 ފޮތުން އެއްވަނަ ހާސިލްކޮށްފައެވެ.
ތިން ވަނަ ހޯދީ ދައުވާ ފައުންޑޭޝަނުން މުބާރާތުގައި ބައިވެރިވި މުހައްމަދު ނަބުހާންއެވެ. އޭނާ ވަނީ ފޮތުން 20 ފޮތުން ކިޔެވުމުގެ ބައިން ދެ ވަނަ ބަލައިގެން ކިޔެވުމުގެ ގޮފިން ތިން ވަނަ ހާސިލް ކޮށްފައެވެ.
މުޅި މުބާރާތުގައި ސާނަވީ ސްކޫލްތަކުގެ ބައިން އެއްވަނަ ހޯދީ ތާޖުއްދީން ސްކޫލެވެ. ދެވަނަ ހޯދީ އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއެވެ. އަދި ތިން ވަނަ ހޯދީ ކަލާފާނު ސްކޫލެވެ.
މަތީ ސާނަވީ ސްކޫލްތަކުގެ ބައިން އެއްވަނަ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޯދިއިރު، ދެވަނަ ހޯދީ އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އެވެ. އަދި ތިން ވަނަ ހޯދީ ސެންޓަރ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)އެވެ.
މީގެ އިތުރުން މުޅި މުބާރާތުގެ އާންމު ބައިން އެއްވަނަ ހޯދީ އިސްލާމިކް ޔުނައިޓެޑް ފޮ އަސާސް ވިނަވި އެންޑް އިޔާރް (އިއުފަވި) އެވެ. ދެވަނަ ހޯދީ މައުހުއް ދިރާސަތުލް ޤުރްއާނިއްޔާއެވެ. އަދި ތިން ވަނަ ހޯދީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!