ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެކުލަވައިލައްވައިފި އެވެ.
އެ ބޯޑަށް މެންބަރުން ޢައްޔަންކުރައްވާ ރައީސް އޮފީހުން އިޢުލާން ކުރައްވާފައިވަނީ މިއަދު އެވެ.
ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ހަ ބޭފުޅަކު ވަނީ ޢައްޔަންކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބޯޑު އެކުލަވައިލައްވާފައި ވަނީ:
1. އަލްފާޟިލާ އާމިނަތު ޤާސިމް (ތަރި، ހދ. ކުޅުދުއްފުށި)
2. ޑޮކްޓަރ އާމިނަތު ނަޛީރު (މ. ކެލްވީނިއާ)
3. އަލްފާޟިލާ މުއުމިނާ ޢަބްދުﷲ (ޒީނިޔާ، ދޫޑިގަން، ޏ. ފުވައްމުލައް)
4. އަލްފާޟިލް ޙަސަން ޝުޖާޢު (ހަނީމޫން، ހދ. ކުޅުދުއްފުށި)
5. އަލްފާޟިލް ޢަބްދުއްލަޠީފް ހަސަން (މަޝާއިރު، ހދ. ކުޅުދުއްފުށި)
6. އަލްފާޟިލް އަޙްމަދު ދާއޫދު (ރޯމާ، ހދ.ކުޅުދުއްފުށި)
މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވީ އަލްފާޟިލާ އާމިނަތު ޤާސިމްކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ހިންގުން ހެލްތު މިނިސްޓްރީގެ ދަށުން ވަކިކޮށް، އެ ދެ ތަން ހިންގުމަށް ވަކި ބޯޑެއް އުފެއްދުމާ ގުޅޭ ކަންކަން ސަރުކާރުން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ.
މީގެ ފަހުން، އެކި ކަންކަމުގައި ރައީސް އޮފީހަށް ދެން ޖަވާބުދާރީ ވާނީ ހޮސްޕިޓަލްގެ ބޯޑުންނެވެ.
މީގެ ކުރިން ރައީސް އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ސަރުކާރުގެ ޕްލޭނަކީ، ފަރުވާ ހޯދުމަށް މާލެ އަށް އަންނަން ޖެހޭ އައުން މަދުކޮށް، ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރުމެވެ. އެކަމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
މި ސަރުކާރުގެ ވިސްނުމަކީ ކުޅުދުއްފުށީގައި އާ ހޮސްޕިޓަލެއް އިމާރާތް ކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަހަރުގެ ކުރީކޮޅު ވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ، އެ ރަށުގައި މިހާރު ހުރި ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަން ސަރުކާރުން ބޭނުންވާ ކަމަށެވެ. ނަމަވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މިހާރު ހުރި ފެންވަރަކުން އެކަމެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވެފައި ވަނީ، ކުޅުދުއްފުށީ އާ ހޮސްޕިޓަލް ވާނީ ހަމައެކަނި އެ ރަށުގެ ރައްޔިތުންނަށް ހިދުމަތް ދޭ ތަނަކަށް ނޫން ކަމަށެވެ. ތިލަދުންމައްޗާއި ކުޅުދުއްފުއްޓާ ކައިރި ސަރަހައްދުތަކުގެ ހުރިހާ ރައްޔިތުންނަށް އެތަނުގެ އެހީ އާއި ހިދުމަތްތައް ލިބޭނެ ޕްލޭނެއް އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު ދަށްކަމުގެ ޝަކުވާ ކުރާތާ އެތައް ޒަމާނެއްވަނީ ވެފައެވެ. އެކަށީގެންވާ ފަރުވާއެއް ނުލިބި، އެ ހޮސްޕިޓަލުގެ ހާލަތު ދަށަށްގޮސްފައިވަނީކޮން ފަހަކަށް އައިސް އެހޮސްޕިޓަލުން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފަ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލަކީ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ. އާއި ހދ. އަދި ށ. އަތޮޅުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން އާންމުކޮށް މީހުން ގޮސް އުޅޭ ހޮސްޕިޓަލެވެ. ކޯވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން މާލެ އައުން ދަތިވުމަޢި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން އެހޮސްޕިޓަލުގެ ޚިދުމަތް ހޯދާފައިވެއެވެ. އެގޮތުން ނިމުނު 2020 ވަނަ އަހަރު ކޭއާރުއެޗް އިން ރާއްޖޭގެ 184 ރަށަކަށް ނިސްބަތްވާ 101,362 މީހުން ހިދުމަތް ހޯދާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
https://thiladhun.wonstasite.com/51550
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!