ރާއްޖޭގައި ވިޔަފާރި އުޞޫލުން ދަނޑުބިމުގައި ދަނޑުވެރިކަން ކުރާ މީހުން މަދެއް ނޫނެވެ. ނަމަވެސް ދިވެހިން އާއްމުކޮށް ހައްދައި އުޅެނީ މޭވައާއި ތަރުކާރީގެ ތެރެއިން މަދުބާވަތެކެވެ.
ކުރިން ހައްދައި ނޫޅޭ ބައެއް ބާވަތްތައް ފަހުން ދިވެހި ދަނޑުވެރިން ގިނަ އަދަދަކަށް ހައްދަން ފަށާފައިވެސް އެބަހުއްޓެވެ. އޭގެ އެއް މިސާލަކީ ކިއުކަމްބާ އެވެ. އެގްރިކަލްޗަރ މިނިސްޓްރީން ހާމަކުރައްވާ ގޮތުން މިހާރު ރާއްޖޭގައި ހައްދާ ކިއުކަމްބާގެ އަދަދު އިމްޕޯޓުކުރާ ކިއުކަމްބާއަށް ވުރެ ގިނައެވެ.
މިގޮތުން އަލުއްވަކީވެސް ފުޅާދާއިރާއެއްގައި ރާއްޖޭގައި ހެއްދޭތޯ ބެލިދާނެ ބާވަތެކެވެ. އަލުއްވަކީ ދިވެހީންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންވެސް އާއްމުކޮށް ބޭނުންކުރާ ބާވަތެއްކަމުން އަލުވި ހެއްދުމަކީ ނަފާ ބޮޑު ދަނޑުވެރިކަމަށް ވާނެއެވެ. އަދި އަލުއްވަކީ ހިކި ފަހުގައި ހެދޭ، މަދުން ފެންބޭނުންވާ، އިންދާތާ 90 ދުވަސްތެރޭގައި ލިބޭ ބާވަތަތަކަށް ވީއިއިރު، އިރުވައި މޫސުމުގައި ހެއްދުމަށް ޚާއްޞަކުރެވިދާނެ ބާވަތެކެވެ.
އިންދާނީ ކުރި ފަޅާފައި ހުރި އަލުވި މިގޮތަށް ފޮތިކުރުމަށްފަހު
ރާއްޖޭގައި ފަސޭހައިން އަލުވި ހެއްދިދާނެ ގޮތެއް ކަމަށް ފެންނަ ގޮތެއް ހިއްސާކޮށްލާނަމެވެ.
އަލުވި ހެއްދުމަށް ބޭނުންވަނީ ފަސޭހައިން ފެން ހިނދޭ ފުއްބޮޑެތި ހިކި ފަހެވެ. އަލުވި ހެއްދުމަށް ރާއްޖޭގައި ހުންނަ ފުއްބޮޑެތި ކަޅުފަހާއި ވަޑާންގެތަކުން އުކައިލަން ހުންނަ ކީސްކުނޑި ނުވަތަ ބޮނބިކުނޑި އަދި ގެރިގުއި އެއްކުރެވިދާނެއެވެ. 2 ފަހާއި 1 ކީސްކުނޑިއާއި 1 ގެރިގުއީގެ ނިސްބަތުންނެވެ.
ފަސްގަނޑު ތައްޔާރުކޮށް އުސް ބެޑު ހަދައި ކޮތަޅު އަޅައި އަލުވި އިންދަން ތައްޔާރުކޮށްފައި
އެއަށްފަހު ބޭނުންވާ ވަރަށް ބިން ސާފުކޮށް، އެތަނުގެ ބިންގަނޑު އެއްވަރުކޮށްލާށެވެ. ދެން ތައްޔާރުކުރިފަސް އަޅައިގެން ފުޅާމިނުގައި 2 ފުޓޫ އުސްމިނުގައި 1.5 ފޫޓު ހުންނަވަރަށް ދިގު 3 ބެޑު ތައްޔާރުކުރާށެވެ. ދެ ބެޑު ދޭތެރޭގައި ފޫޓެއް ވަރުގެ ހުސްތަން އަޑިކޮށް ބަހައްޓާށެވެ. އެއީ ބެޑުތަކުގެ ތެރޭގައި ހިނގައި އުޅުމަށާއި ގަސް ފެޅުމުން ވަދެއުޅުމަށެވެ.
އަލުވި އިންދަން ވަޅު ހެދުމާއި އިންދުން އަދި ފަސްލުން
މިގޮތަށް ބެޑުތައްޔާރުކުރުމަށްފަހު ބެޑުތައް ފޯވާވަރަށް ރީތިކޮށް ފެންޖަހާށެވެ. އެއަށްފަހު ބޮޑެތި ޕްލާސްޓިކު ކަޅު ކޮތަޅު ކަފައިގެން ބެޑުތަކުގެ މަތީގައި އަޅައި ނިވާކުރާށެވެ. ވީޑު (ވިނަ) ކޮންޓްރޯލްކުރަން ހުންނަ ޕްލާސްޓިކް ޝީޓްވެސް އެޅިދާނެއެވެ.
ބެޑުމަތީގައި ކޮތަޅު އަޅާއިރު 3 ބެޑު އެއްކޮށް ކަވަރުވާގޮތަށްވެސް ނުވަތަ ކޮންމެ ބެޑެއްގައި ވަކިވަކިންވެސް އެޅިދާނެއެވެ. ދެބެޑު ދޭތެރޭގައި އަޑިކޮށް ހުންނަ ބަޔަށާއި ދެފަރާތު ދެ ބެޑުގެ ބޭރުކައިރި ކޮތަޅުގަނޑު މައްޗަށް ފަސްއަޅާފައި ބަހައްޓާށެވެ. އެގޮތަށް ހެދުމަށްފަހު ފަސްގަނޑު ސްޓެރިލައިޒްކޮށްލުމަށް 1 ހަފުތާ ދުވަހު ބަހައްޓާށެވެ.
އަލުވި އިންދާތާ 25 ދުވަސް ވާއިރު ފަސްގަނޑު ތެރެއިން މިވަރަށް ގަސްގަނޑު ނުކުންނާނެ
އެމުއްދަތުގައި އިންދާނެ އަލުވި ކުރި ފަޅުވާށެވެ. ކުރި އަރަން ފަށާފައި ހުންނަ އަލުވިން އިތުރަށް ކުރި ޖައްސާނީއެވެ. އެގޮތުން ސުތުލި ގޯންޏެއް ތެއްމައިލުމަށްފަހު އަލުވިތައް އެކައްޗާ ޖެހި އަނެކަތި އޭގެމަތީގައި އަތުރާފައި ގޯނި އޮޅާލުމަށްފަހު ކުޑަކޮށް އައްސާލާފައި ހިޔާ އަދި ފިނި ތަނެއްގައި ބެހެއްޓިދާނެއެވެ.
އަލުވި ގަހުގެ މެދު އުމުރު، މިއުމުރުގައި ގިނައިން ނައިޓްރިޖަން ދޭން ޖެހޭ
1 ހަފްތާވުމުން އަލުވީގައި ކުރި ޖަހާފައި ހުރިގޮތް ބަލައިގެން، ކުރިތަކުގެ ބޭނުންހިފޭނޭ ގޮތަށް، ކޮންމެ އަލުއްވެއް 2 ބުރިއަށް ނުވަތަ 3 ބުރިއަށް ބުރިކޮށްލާށެވެ. އަލުވިތައް އިންދަން ތައްޔާރުކުރުމަށްފަހު، ބެޑު މަތީ އެޅި ކޮތަޅުން 1 ފޫޓު ދުރުމިނުގައި އަލުވިތައް އިންދުމަށް ޑައިމީޓަރުގައި 3 އިންޗި ހުންނަ ވަރުގެ ބޮޅުތަކެއް ކަނޑާށެވެ. ތޫނު ކަޓަރަކުން ނުވަތަ ކަތުރަކުން އަލުވި އިންދުމަށް އިނގިލިތައް ލެވޭ ވަރަށެވެ.
އަލުވި ގަހުގެ ދޮށީ އުމުރު، މިއުމުރުގައި ގަހުން މައުގަނޑެއް ނުކުމޭ އަދި ގިނައިން ފޮސްފޮރަހާއި ޕޮޓޭސިއަމް ދޭން ޖެހޭ
ލޯވަޅު ކެނޑި ކޮންމެ ތަނަކީ އަލުވި އިންދާ ވަޅެކެވެ. އޭގެ ކޮންމެ ވަޅެއްގައި 6 އިންޗިއަށް ފަސްގަނޑު ހާވައިލުމަށްފަހު ބުރިކުރި ކުރިޖެއްސި އަލުވި ފޮއްޗެއް އިންދުމަށްފަހު ފަސްލައި ފޮރުވައިލާށެވެ. ދެން ކޮންމެ ވަޅަކަށް ފެންދޭށެވެ.
90 ދުވަސް ވާއިރު ގަސްތަކުގެ ތިރިން ފެށިގެން ފަތްތައް ރީނދޫވެ، ހިކެން ފަށާ. މިއީ އަލުވި ލައިފިކަމުގެ ނިޝާނެއް
ކުރިފަޅައި ފަސްގަނޑުން ކުރިތައް ނުކުންނަންދެން ކޮންމެ ދުވަހަކު އަދި ކުރި ފަޅައި ގަސްތަކަކަށް ވުމުން ކޮންމެ 2 ދުވަހުން 1 ދުވަހު ފެންދޭށެވެ. ގަސްތައް 6 އިންޗިއަށް ދިގުވާއިރުން ފެށިގެން ގޮސް އަލުވި ޖަހައި ގަސްތަކުގެ ފަތްތައް ރީނދޫވުމާއި ދެމެދު، ނައިޓްރިޖަން، ފޮސްފޮރަސް އަދި ޕޮޓޭސިއަމް ކާނާ ދޭން ޖެހޭ މުއްދަތުތަކެއް ހުރެއެވެ.
އަލުވި ކޮނުމަށް ގަސްތައް އުފުރުމަށްފަހު ކޮތަޅުތައް ނަގައި އަލުވި ކޮންނާނީ. ގަސްތަކުގެ ބޭނުމެއް ދެނެއް ނުކުރެވޭނެ. ގަހަށް ބަލި ނުޖެހި ހުރިނަމަ ކާދު ހަދަން ބޭނުންކުރެވޭނެ
އެއްވެސް ފަރާތަކުން މިގޮތަށް އަލުވި ހެއްދުމަށް ބޭނުންވާނަމަ، ކާނާދޭނެ ގޮތުގެ މަޢުލޫމާތާއި އަލުވި ހެއްދުމަށް ބޭނުންވާ އިތުރު މަޢުލޫމާތު އަޅުގަނޑުމެންނަށް އެނގޭ އަދި ހޯދޭ މިންވަރަކުން ފޯރުކޮށްދޭނަމެވެ.
ނޯޓް: މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!