ހދ. ކުޅުދުއްފުށީ ކައުންސިލުން ދެމުން އައި ބޮނބިތެޅުމުގެ ޚިދުމަތް ދޭ ދުވަސްތަކަށް ކުޑަ ބަދަލެއް ގެނެސްފިއެވެ.
އެ ކައުންސިލުން ކުރިން އެ ޚިދުމަތް ދެމުން އައީ އަންގާރަ އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން 12:30 އަށެވެ. ނަމަވެސް އިއްޔެއިން ފެށިގެން އެކައުންސިލުން ގެނައި ބަދަލުގައި ވަނީ ހޮނިހިރު ދުވަހުގެ ބަދަލުގައި އެ ޚިދުމަތްދޭ ދުވަހަކީ ބުރާސްފަތި ކަމަށް ހަމަޖައްސާފައެވެ.
އެހެންކަމުން ދެން އެ ކައުންސިލުން އެ ޚިދުމަތް ފޯރުކޮށްދޭނީ އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ން 12:30 އަށެވެ.
ކުޅުދުއްފުށީ ކައުންސިލުން ދެމުންދާ ބޮނބިތެޅުމުގެ ޚިދުމަތް ދޭ ދުވަހެއް ބަދަލު ކުރިނަމަވެސް އެކައުންސިލުން އެ ޚިދުމަތް ދިނުމަށް ނަގަމުންއައި އަގަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މިގޮތުން ކުރިއެކޭ އެއްގޮތަށް އެ ޚިދުމަތް ދޭ އަގުތަކަކީ 38 ގިލަނުގެ ޓައްޕެއްގެ ބޮނބި -/20ރ (ވިހި ރުފިޔާ)، 28 ގިލަނުގެ ޓައްޕެއްގެ ބޮނބި -/15ރ (ފަނަރަ ރުފިޔާ) އަދި 21 ގިލަނުގެ ޓައްޕެއްގެ ބޮނބި -/10ރ (ދިހަ ރުފިޔާ) އަށެވެ. އަދި ބޮނބިކުނޑި ވިއްކާ އަގުތަކަކީ ބަސްތާއެއް -/50ރ (ފަންސާސް ރުފިޔާ) އަށެވެ. 10 ބަސްތާ ނަގާނަމަ ބަސްތާއެއް -/40ރ (ސާޅީސް ރުފިޔާ) އަށެވެ.
ކުޅުދުއްފުށީ ކައުންސިލުން ދެމުންދާ މި ޚިދުމަތް ދެމުން ދަނީ އެ ސިޓީގެ ރަށްކޮޅު ގޯތިން (ކުރީގެ އައިލެންޑް އެކްސްޕާޓް ސައިޓް އިމާރާތް)ގައެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު، ކުޅުދުއްފުށީ ކައުންސިލަށް ހަދިޔާކުރެއްވި ބޮނބިނަރު އުފައްދާ މެޝިންގެ ހިދުމަތް ދޭންފަށާފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި މެދުކެނޑުމަށްފަހު އެ ކައުންސިލުން މި ޚިދުމަތް އަލުންފެށީ 23 ޑިސެމްބަރ 2020 ގައެވެ.
މިމެޝިނަކީ ބޮނބި ފާކޮށް އެއިން ބޮނބި ނަރު ހަދާ، ބޮނބި ކުޑި ވަކިކޮށްދޭ މެޝިނެކެވެ. އަދި މިއީ ދުވާލަކު 6000 ބޮނބިން، ނަރު އުފެއްދުމުގެ ގާބިލުކަން ހުރި މެޝިނެކެވެ. ރޯނު ވެށުމުގެ ވިޔަފާރީގައި އުޅުއްވާ ފަރާތްތަކަށް މިމެޝިނުގެ ސަބަބުން ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދެއެވެ.
ނަޝީދު މި މެޝިން ހަދިޔާކުރެއްވީ ކުޅުދުއްފުށީގައި ރޯނުވަށާ މީހުން، ބޮނބި ފާކުރުމަށް ބޭނުންކުރަމުން ދިޔަ އެރަށުގެ ކުޅީގެ ބޮޑުބައެއް އެރަށުގައި އެއާޕޯޓް ހެދުމަށް ހިއްކުމާ ގުޅިގެން ރޯނު ވަށާ މީހުންނަށް ބޮނބި ފާކުރުމަށް ދަތިތަކަކާ ކުރިމަތިވެ، އެމީހުން ދިރިއުޅުމަށް ކުރަމުން ދިޔަ އެ މަސައްކަތަށް ހުއްޓުމެއް އައިސްފާނެތީ އެކަމަށް ހައްލެއް ހޯދުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!