އިނގިރޭސި އެފްއޭކަޕް ގެ ހަތަރުވަނަ ބުރަށް މެންޗެސްޓާ ސިޓީއާއި ޗެލްސީ ދަތުރު ކޮށްފިއެވެ.
ހަތަރުވަނަ ބުރުގެ ޖާގަ ސިޓީން ކަށަވަރު ކޮށްފައިވަނީ، ތިނަވަނަ ބުރުގައި ބާމިންހަމް ސިޓީގެ މައްޗަށް 3-0 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.
އާދީއްތަ ދުވަހުގެ ރޭ ސިޓީގެ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ސިޓީން ކާމިޔާބުކުރި ތިން ލަނޑު ވެސް ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ. މެޗުގެ 8 ވަނަ މިނެޓުގައި ސިޓީއަށް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ޕޯޗުގަލް މިޑްފީލްޑަރ ބާނާޑޯ ސިލްވައެވެ. މެޗުގައި ސިޓީން ޖެހި ދެވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދީފައިވަނީ ބާނާޑޯ ސިލްވައެވެ. މި ލަނޑު ސިލްވަ ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 15 ވަނަ މިނެޓުގައި އެ ޓީމްގެ މިޑްފީލްޑަރ ޑި ބުރޫނޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. މެޗުގައި ސިޓީގެ ތިންވަނަ ލަނޑު 33 ވަނަ މިނެޓުގައު ކާމިޔާބު ކޮށްދީފައިވަނީ ފިލް ފޮޑެންއެވެ. ފޮޑެން މި ލަނޑު ކާމިޔާބު ކޮށްފައިވަނީ އޭރިޔާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މުޅިމެޗު ކޮންޓްރޯލް ކޮށްގެން ސިޓީން ކުޅުނު ނަމަވެސް މެޗުގެ ދެވަނަ ހާފުގައި އެ ޓީމަށް ވަނީ ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.
މި މުބާރާތުގެ ހަތަރުވަނަ ބުރުން އެންމެ ފަހުގެ ރަނަރަޕް ޓީމް ކަމުގައިވާ ޗެލްސީ ޖާގަ ހޯދާފައިވަނީ ތިނަވަނަ ބުރުގައި މޮކަމްބޭ އެފްސީ އާއި ބައްދަލުކޮށް 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

އާދީއްތަ ދުވަހުގެ ރޭ ޗެލްސީގެ ސްޓެމްފޯޑް ބްރިޖް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޗެލްސީން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. ފުރަތަމަ ލަނޑު 18 ވަނަ މިނޓުގައި އެ ޓީމްގެ އިނގުރޭސި މިޑްފީލްޑަރ މޭސަން މައުންޓް ކާމިޔާބު ކޮށްދީފައިވާއިރު، ދެވަނަ ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ޖަރުމަނު ފޯވާޑް ވާނާއެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ޗެލްސީގެ ފަރާތުން ވަނީ ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައެވެ. މެޗުގައި ޗެލްސީގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ކާމިޔާބު ކޮށްދީފައިވަނީ ޒިޔެޗްގެ އެހީތެރިކަމާއިއެކު ހަޑްސަން އޮޑޮއިއެވެ. ޗެލްސީން މެޗުގައި ކާމިޔާބު ކުރި ހަތަރުވަނަ ލަނޑު 85 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ ޖަރުމަނު މިޑްފީލްޑަރ ހަވާރޓްޒްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!