ހއ. ހޯރަފުށީ އެއާޕޯޓު އަޅަން އެ ރަށު ފަޅުތެރެއިން ހިއްކަން ފެށި ސަރަހައްދު ހިއްކައި ނިންމާލައިފިއެވެ.

އެމްޓީސީސީގެ މަހާޖައްރާފް ބޭނުންކޮށްގެން އެ ސަރަހައްދު ހިއްކައި ނިންމާލާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އެގޮތުން އެ ސަރަހައްދުން ވަނީ 345،500 އަކަ މީޓަރު ހިއްކައިފަ އެވެ.

Ad
rt

މިދިޔަ އޭޕްރީލް މަހު ހިއްކަން ފެށި އެ ސަރަހައްދު ހިއްކުމަށް 67 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.

އަންނަ އަހަރުގެ ކުރީކޮޅު ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 198 މިލިއަން ރުފިޔާ އަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހއ. މާފިނޮޅުގައި އެއާޕޯޓު ހެދުމަށް ބިން ހިއްކަން އެމްޓީސީސީއާ މިދިޔަ އަހަރު ހަވާލުކުރި އެވެ. އެކަމަކު، ޔާމީންގެ ސަރުކާރު ބަދަލުވުމާ އެކު، މި ސަރުކާރުން ވަނީ މާފިނޮޅުގެ ބަދަލުގައި ހޯރަފުށި ފަޅުން ބައެއް ހިއްކައިގެން އެއާޕޯޓް ހަދަން ނިންމައިފަ އެވެ.

މާފިނޮޅުގައި ހަދަން ނިންމި އެއާޕޯޓު ހޯރަފުއްޓަށް ބަދަލު ކުރި އިރު، އެއީ އެއާޕޯޓް އެޅުމަށް އެންމެ ރަނގަޅު ސަރަހައްދު ނޫން ކަމަށް ހއ. އަތޮޅުގެ ބައެއް ކައުންސިލްތަކުން ވަނީ ބުނެފަ އެވެ. ހޯރަފުށީގައި އެއާޕޯޓް ހަދަން ނިންމުމަކީ ސިޔާސީ ނުފޫޒުން ކޮށްފައިވާ ކަމެއް ކަމަށް ކައުންސިލްތަކުން ބުނެފައިވެ އެވެ. ނަމަވެސް އެ ތުހުމަތުތައް ސަރުކާރުން ދޮގު ކުރެ އެވެ.