ހއ.އިހަވަންދޫ ކުލަބް ޕޯލްސްޓާގެ ފަރާތުން އިންތިޒާމް ކޮށްގެން ހއ އަދި ހދ ގެ ރަށްތަކަށް ހުޅުވާލައިގެން "އިހަވަން ކަޕް 2020" ގެ ނަމުގައި ކުރިއަށް ގެންދިޔަ އަގުބޮޑު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހދ.ނޮޅިވަރަމްގެ ޓީމެއް ކަމުގައިވާ "ކުލަބް ޕެނީ" އިން ހޯދައިފިއެވެ

04 ޖަނަވަރީ 2021 ވީ ހޯމަ ދުވަހުގެ ރޭ އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ކުލަބް ޕެނީއިން ކާމިޔާބު ކޮށްފައިވަނީ އިހަވަންދޫ ކުޅިމަގު ޓީމާއި ވާދަކޮށް، ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އެއްވަރުވެ، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކުލަބް ޕެނީގެ ގޯލް ކީޕަރ މުޙައްމަދު ޚަލީލްއެވެ.

Ad
rt

ޗެމްޕިއަން ކަމުގެ އިތުރުން ނޮޅިވަރަމް ޕެނީ ޓީމުން ވަނީ މުބާރާތުގެ ގިނަ ވަނަތަކެއް ވެސް ހާޞިލް ކޮށްފައެވެ. މިގޮތުން މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރ އަދި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް ޕެނީގެ ކެޕްޓަން ހުސައިން މުޙައްމަދެވެ.

19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ކުލަބް ޕެނީގެ ސާލިމް މުޙައްމަދު ހޮވިފައިވާއިރު، އެންމެ އުންމީދީ ކުޅުންތެރިކަށް ހޮވިފައިވަނީ އެ ޓީމްގެ ޔާމީން މުޙައްމަދެވެ. މުބާރާތުގެ އެންމެ މޮޅު ފޯވާޑަކަށް ހޮވިފައިވަނީ ކުލަބް ޕެނީގެ ސަފީޢު އާދަމެވެ.

މިއީ ތިލަދުންމަތީގެ ކުލަބް ޖަމްޢިއްޔާއަކުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 50000 (ފަންސާސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި ރަނަރަޕް ޓީމަށް ވަނީ 25000 (ފަންސަވީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދީފައެވެ.

މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ނިޒާމް ޑައިރެކްޝަން، ހަމަރޯޅި ހިޔާ، ޗާލީ، ދަނބުކުރި، އެރިސް ޑެކަރ، ކާވިޔާ، ހަމަރޯޅި ކުރި، ސީ ކިންގް ސްޕީޑް ބޯޓް ސާވިސްގެ އިތުރުން އިހަވަންދޫ ކޭބަލް ޓީވީ ސާވިސްއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުން ނޫހެވެ.

އިހަވަންދޫ ކުލަބް ޕޯލްސްޓަރ ޖަމްޢިއްޔާއަކީ 1999 ވަނަ އަހަރުން ފެށިގެން ރަޖިސްޓަރީ ކުރެވިގެން އިހަވަންދޫގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ.