ބައެއްފަހަރަށް ޖަމާޢަތުގައި ނަމާދުކުރާއިރު އިމާމާއެކު އެންމެ މީހެއް ނަމާދު ކުރާ ފަހަރު އާދެއެވެ. އާންމުކޮށް މިޙާލަތް ދިމާވަނީ ފުރަތަމަ ޖަމާޢަތް ނިމޭފަހުން މިސްކިތުގައި ހެދޭ ޖަމާޢަތްތަކުގައެވެ.
މިޙާލަތުގައި މައުމޫމަކީ އެންމެ މީހެކެވެ. އެހެންކަމުން އުފެދޭ ސުވާލަކީ މައުމޫމު ހުންނަންވީ ކޮންތާކުތޯއެވެ؟ އިމާމުގެ ކަނާތް ފަރާތުގަ ތޯއެވެ؟ ނުވަތަ ވާތް ފަރާތުގަ ތޯއެވެ؟ ނުވަތަ ފަހަތުގަތޯއެވެ؟ ކަނާތްފަރާތް ނުވަތަ ވާތް ފަރާތުގައި ހުންނަނަމަ ހުންނަންޖެހެނީ އިމާމާއާ އެއްވަރެއްގަ، އެއްސަފެއްގައިއިތޯއެވެ؟ ނުވަތަ ކުޑަކޮށް ފަހަތުގަތޯއެވެ؟ މި ލިޔުމުގައި ﷲގެ އިރާދަފުޅާއެކު، މި މައްސަލަތަކަށް ބަލާލައި ކޮންމެވެސްވަރަކަށް ތަފްސީލުކޮށްލާނަމެވެ.
ފުރަތަމަ ކަމަކަށް، މިޙާލަތުގައިވާ މައުމޫމު ހުންނަން ޖެހެނީ އިމާމުގެ ކަނާތްފަރާތުގައި ކަމަށް އަހުލުއް ސުންނާ ވަލް ޖަމާޢަތުގެ ހަތަރު މަޛުހަބު ކަމަށްވާ ޙަނަފީ([1])، މާލިކީ([2])، ޝާފިޢީ([3]) އަދި ޙަންބަލީ([4]) މަޛްހަބު ވެސް އިއްތިފާޤުވެލައްވައެވެ. އަދި މިކަމަށް އުންމަތް އިޖުމާޢުވެލައްވާފައިވާ ކަމަށް ޢިލްމުވެރިން ވިދާޅުވެލައްވައެވެ.([5]) އެހެންކަމުން މިކަމާމެދު އިތުރަށް ބަހުސްކުރުމުގެ މާބޮޑު ބޭނުމެއް ނެތެވެ.
ދެން އުފެދޭ ސުވާލަކީ، ކަނާތް ފަރާތުގައި ހުންނައިރު ހުންނަންވީ އިމާމާއަށްވުރެ ކުޑަކޮށް ފަހަތުގައިތޯ ނުވަތަ އިމާމާ އެއްވަރެއްގައިތޯއެވެ؟
މި މައްސަލާގައި ޢިލްމުވެރިންގެ މެދުގައި ދެރަޢުޔަކަށް ވާހަކަ ދެކެވިފައިވެއެވެ.
ފުރަތަމަ ރަޢުޔު: ޖަމާޢަތުގެ ނަމާދުގައި ވަނީ އިމާމާއެކު އެންމެ މައުމޫމެއްނަމަ، މައުމޫމު ހުންނަންޖެހޭނީ އިމާމާގެ ކަނާތްފަރާތުގައި އިމާމާއަށްވުރެ ކުޑަކޮށް ފަހަތުގައެވެ.
- މިފަދައިން ވިދާޅުވާ މުހިންމު ފަރާތްތައް: ޙަނަފީ މަޛްހަބުގެ ބޮޑު ޢިލްމުވެރިއެއްކަމަށްވާ މުޙައްމަދު އިބްނު ޙަސަން([6])، އަދި މިއީ މާލިކީ([7]) މަޛްހަބާއި ޝާފިޢީ([8]) މަޛްހަބާއި ޙަންބަލީ މަޛްހަބުގެވެސް ރަޢުޔެވެ([9]).
- މިރަޢުޔުގެ ޢިލްމުވެރިންގެ ދަލީލުތައް
ފުރަތަމަ ދަލީލު: އެއީ އިމާމާ އާއި މައުމޫމު ވަކިކުރުމަށްޓަކައެވެ.([10])
މިދަލީލަށް ދެވޭ ރައްދު: މައުމޫމު އިމާމު މީހާ އަށްވުރެ ފަހަތަށް ނުޖެހުނު ކަމުގައިވީ ނަމަވެސް އެދެފަރާތް ވަކި ކުރަން އެނގެއެވެ. ސަބަބަކީ މައުމޫމު އިމާމަށް ތަބާވާތީއެވެ. މާނައަކީ މައުމޫމު ޙަރަކާތް ކުރާނީ އިމާމު ޙަރަކާތް ކުރުމުން އޭގެ ފަހުންނެވެ. މައުމޫމާއި އިމާވު ވަކި ކުރާގޮތަކީ މިއެވެ. މައުމޫމު ފަހަތަށް ޖެހިގެންނެއް ނޫނެވެ. އެހެންމެ، ކުރިންވެސް ބުނެވުނު ފަދައިން މައުމޫމު ހުންނަން ޖެހެނީ އިމާމުގެ ކަނާތްފަރާތުގައި ކަމާމެދު އެއްވެސް ބަޔަކު ދެބަހެއް ނުވެއެވެ. އެހެންމަކުން އެދެމީހުންނަށް ބަލާލުމުން ވެސް އެތަނުން އިމާމަކީ ކާކުކަން އަދި މައުމޫމަކީ ކާކުކަން އެނގެއެވެ.
ދެވަނަ ދަލީލު: އެއީ މައުމޫމަށް އިމާމަށްވުރެ ކުރިއަށް ޖެހިދާނެކަމުގެ ބިރަށެވެ. އަދި މި ދެފަރާތުގެ ދަރަޖަ ތަފާތު ކުރުމުގެ ގޮތުންނެވެ.([11])
މިދަލީލަށް ދެވޭ ރައްދު: މިބިރުވެރިކަމަށްޓަކައި މައުމޫމު ކުޑަކޮށް ފަހަތުގައި ހުންނަން ޖެހޭނަމަ، ޝަރުޢުގައި (ޤުރްއާނުގެ އާޔަތަކުން ނުވަތަ ޙަދީޘަކުން) މައުމޫމު ކުޑަކޮށް ފަހަތުގައި ހުރުމަށް ނައްޞެއް ވާރިދުވެފައި ވީހެވެ. ނަމަވެސް މިޙާލަތް މެދުވެރިވެފައިވެމެ، މައުމޫމު ކުޑަކޮށް ފަހަތުގައި ހުންނަންޖެހޭކަން މިފަދަ ނައްޞަކުން އެނގޭކަށް ނެތެވެ.([12])
ދެވަނަ ރަޢުޔު: ޖަމާޢަތުގެ ނަމާދުގައި ވަނީ އިމާމާއެކު އެންމެ މައުމޫމެއްނަމަ، މައުމޫމު ހުންނަންޖެހޭނީ އިމާމާގެ ކަނާތްފަރާތުގައި އިމާމާއާ އެއްވަރެއްގައެވެ. (އެއްސަފަކަށް ވާގޮތަށެވެ.)
- މިފަދައިން ވިދާޅުވާ މުހިންމު ފަރާތްތައް: މަޝްހޫރު ތާބިޢީއެއްކަމަށްވާ ޢަޠާ އިބްނު އަބީ ރަބާޙް([13])، އިމާމް ބުޚާރީ([14])، އަދި މިއީ ޙަނަފީ([15]) މަޛްހަބުގެ ރަޢުޔެވެ. އަދި ޝައިޚް އިބްނު ބާޒް([16])، ޝައިޚް އިބްނު ޢުޘައިމީން([17]) އަދި ޝައިޚް އަލްއަލްބާނީގެވެސް([18]) ރަޢުޔެވެ.
- މިރަޢުޔުގެ ޢިލްމުވެރިންގެ ދަލީލުތައް:
ފުރަތަމަ ދަލީލު: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ނަމާދަށް ހުންނަވަނިކޮށް އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވަޑައިގެން، އެކަލޭގެފާނުގެ ވާތްފަރާތުގައި ނަމާދަށް ހުއްޓިހުރުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ކަންތައްކުރެއްވިގޮތް ބަޔާންކުރައްވައި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިކަމަށް ޞަޙީޙުލް ބުޚާރީގައި ރިވާވެގެން އައިސްފައިވެއެވެ. ثُمَّ جِئْتُ فَقُمْتُ عَنْ يَسَارِهِ، فَحَوَّلَنِي فَجَعَلَنِي عَنْ يَمِينِهِ،([19])
މާނަ: "ދެން އަހުރެން އައިސް އެކަލޭގެފާނުގެ ވާތްފަރާތުގައި ކޮޅަށް ހުރީމެވެ. އެހިނދު އެކަލޭގެފާނު، އަހުރެން ހުރި ފަޅި ބަދަލުކުރައްވައި ކަނާތް ފަރާތުގައި ބެހެއްޓެވިއެވެ."
ދެވަނަ ދަލީލު: ޞަޙީޙް މުސްލިމުގައިވާ، ޖާބިރު އިބްނު ޢަބްދުﷲ ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. قَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِيُصَلِّيَ فَجِئْتُ حَتَّى قُمْتُ عَنْ يَسَارِهِ فَأَخَذَ بِيَدِي فَأَدَارَنِي حَتَّى أَقَامَنِي عَن يَمِينه ثُمَّ جَاءَ جَبَّارُ بْنُ صَخْرٍ فَقَامَ عَنْ يَسَارِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَخَذَ بيدينا جَمِيعًا فدفعنا حَتَّى أَقَمْنَا خَلفه.([20])
މާނަ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ނަމާދުކުރުމަށް ކޮޅަށް ހުންނެވިއެވެ. ފަހެ އަހަރެން އައިސް އެކަލޭގެފާނުގެ ވާތް ރާތުގައި ކޮޅަށް ހުރީމެވެ. އެހިނދު އެކަލޭގެފާނު އަހަރެންގެ އަތުގައި ހިއްޕަވައި، އެކަލޭގެފާނުގެ ކަނާތްފަރާތަށް ދެވެންދެ ދަމާލެއްވިއެވެ. ދެން އެއަށްފަހު ޖައްބާރު އިބްނު ޞަޚްރު ވަޑައިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ވާތްފަރާތުގައި ކޮޅަށް ހުއްޓިވަޑައިގަތެވެ. ދެން އެކަލޭގެފާނު، އަހަރެމެން ދެމީހުންގެ ދެއަތުގައި ހިއްޕަވައި، އެކަލޭގެފާނުގެ ފަހަތްޕުޅުގައި އަހަރެމެންނަށް ކޮޅަށް ތިބެވެންދެން ފަހަތަށް ކޮއްޕާލެއްވިއެވެ."
މިދެ ޙަދީޘުން ދަލީލު ނެގޭތޮތް: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، އިބްނު ޢައްބާސް އަދި ޖާބިރު އިބްނު ޢަބްދިﷲ ވެސް އެކަލޭގެފާނުގެ ވާތްފަރާތުން ކަނާތްފަރާތަށް ބަދަލުކުރެއްވި ކަން ޛިކުރުކުރެވިފައިވާއިރު، އެއްވެސް ޙަދީޘެއްގައި އެކަލޭގެފާނަށްވުރެ ކުޑަކޮށް ފަހަތުގައި ބެހެއްޓެވި ކަމަށް ޛިކުރު ކުރެވިފައެއް ނެތެވެ. އަދި ދެވަނަ ޙަދީޘުގައި މައުމޫމުންގެ ޢަދަދު ދެ މީހުންނަށް އިތުރުވީހިނދު އެދެބޭކަލުން ފަހަތަށް ފޮނުވިކަން ޛިކުރުވެފައިވާއިރު، އެއްބޭކަލަކު ހުންނެވި އިރު ކުޑަކޮށްވެސް ފަހަތަށް ޖެއްސެވިކަން ޛިކުރު ކުރެވިފައެއް ނެތެވެ.([21])
- ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘް ކުރައްވާފައިވަނީ، صَلُّوا كَما رَأَيْتُمُونِي أُصَلِّي([22])
މާނަ: "ތިމަންކަލޭގެފާނު ނަމާދު ކުރައްވާތީ ތިޔަބައިމީހުން ދުށްގޮތަށް ތިޔަބައިމީހުން ނަމާދު ކުރައްވާށެވެ."
މިޙަދީޘުން ދަލީލު ނެގޭތޮތް: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ ޞަޙާބީންނާއެކު މިޙާލަތުގައި ނަމާދުކުރެއްވިކަން އެތައް ގޮތަކުން ވާރިދުވެފައިވާއިރު، ޞައްޙަ ސަނަދަކުން އަދި ޟަޢީފު (ބަލިކަށި) ސަނަދަކުންވެސް މައުމޫމު މީހާ ކުޑަކޮށް ފަހަތުގައި ބެހެއްޓެވިކަން ނުވަތަ ހުންނެވިކަންވެސް އެނގޭކަށެއް ނެތެވެ. އެހެންކަމުން މައުމޫމު މީހާ ކުޑަކޮށް ފަހަތުގައި ހުރުން ވާނީ ސުންނަތާ ޚިލާފު ގޮތަކަށެވެ.([23])
- އިމާމް މާލިކް އެކަލޭގެފާނުގެ ފޮތް އަލްމުވައްޠާގައި ރިވާކުރައްވާފައިވެއެވެ. عَنْ عُبَيْدِ اللَّهِ بْنِ عَبْدِ اللَّهِ بْنِ عُتْبَةَ، أَنَّهُ قَالَ دَخَلْتُ عَلَى عُمَرَ بْنِ الْخَطَّابِ بِالْهَاجِرَةِ فَوَجَدْتُهُ يُسَبِّحُ فَقُمْتُ وَرَاءَهُ فَقَرَّبَنِي حَتَّى جَعَلَنِي حِذَاءَهُ عَنْ يَمِينِهِ فَلَمَّا جَاءَ يَرْفَأُ تَأَخَّرْتُ فَصَفَفْنَا وَرَاءَهُ .([24])
މާނަ: "ޢުބައިދުﷲ އިބްނު ޢަބްދުﷲ އިބްނު ޢުތްބާގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ޢުމަރު އިބްނު ޚައްޠާބުގެ އަރިހަށް މެންދުރުވުމުގެ ކުރިން ވަދެވަޑައިގެންހިނދު އެކަލޭގެފާނު ސުންނަތް ނަމާދެއް ކުރައްވާތީ ފެނުނެވެ. ދެން ތިމަން، އެކަލޭގެފާނުގެ ފަހަތުގައި (އެކަލޭގެފާނާއެކު ނަމާދުކުރުމަށް) ހުއްޓުނީމެވެ. އެހިނދު އެކަލޭގެފާނުގެ ކަނާތްފަރާތުގައި އެކަލޭގެފާނާ އެއްވަރެއްގައި (އެއްސަފެއްގައި) ހުރެވޭ ވަރަށް، އަހަރެން އެކަލޭގެފާނާ ގާތްކުރެއްވިއެވެ. ދެން ޔަރްފާ ކިޔުނު ބޭކަލަކު (ޖަމާޢަތުގައި ބައިވެރިވުމަށް) ވަޑައިގެންހިނދު އަހަރެން ފަހަތަށްޖެހި، (ޢުމަރުގެފާނުގެ) ފަހަތުގައި ސަފެއް ހެދޭނޭހެން އަހަރެމެން ދެމީހުން ތިބީމެވެ."
މިދެރަޢުޔަށް ތަފްސީލީ ނަޒަރެއް ހިންގާލާއިރު އެންމެ ރަނގަޅު ރައުޔަކީ ދެވަނަ ރަޢުޔު ކަމަށް އިހުގެ އަދި މިހާރުގެވެސް އެތަށް ޢިލްމުވެރިންނެއް ވިދާޅުވެއެވެ. އެއީ ފުރަތަމަ ރަޢުޔުގެ ދަލީލުތައް ބަލިކަށިވެފައި، ފުރިހަމަ ރައްދުތަކެއް ދެވިފައިވާތީއެވެ. އަދި ދެވަނަ ރަޢުޔުގެ ދަލީލުތައް ވަރުގަދަވެފައި، ވަޖުހުލް އިސްތިދްލާލު ނުވަތަ ދަލީލު ނެގޭ ގޮތް ވަރަށް ސާފުކޮށް އެނގި، ރައްދު ތަކުން ސަލާމަތްވެފައި ވީތީއެވެ.
ރިފަރެންސް:
([1]) ((الهداية)) للمرغيناني (1/56)، ((تبيين الحقائق)) للزيلعي (1/136).
([2])((مواهب الجليل)) للحطاب (2/469)، وينظر: ((التاج والإكليل)) للمواق (2/129).
([3])((مواهب الجليل)) للحطاب (2/469)، وينظر: ((التاج والإكليل)) للمواق (2/129).
([4])((المبدع)) لبرهان الدين ابن مفلح (2/78)، ((كشاف القناع)) للبهوتي (1/486).
([5]) قال ابنُ عبد البَرِّ: (وهي سُنَّة مسنونةٌ مجتمَع عليها في الإمام إذا قام معه واحدٌ، أنَّه لا يقوم إلَّا عن يمينه) ((الاستذكار)) (2/105)، ويُنظر: ((التمهيد)) لابن عبد البر (13/212). وقال النوويُّ: (السُّنَّة عندنا أن يقِفَ المأموم الواحد عن يمينِ الإمام كما ذكَرْنا، وبهذا قال العلماءُ كافَّةً إلَّا ما حكاه القاضي أبو الطيِّب وغيرُه عن سعيدِ بن المسيَّب) ((المجموع)) (4/294).
([6]) بدائع الصنائع (1/ 159)، وانظر: المبسوط (1/ 147) والمحيط البرهاني (1/ 422) وفتح القدير (1/ 308)
([7])انظر: الشرح الكبير (1/ 344) والثمر الداني (1/ 173) والفواكه الدواني (1/ 325) وحاشية العدوي على كفاية الطالب (1/ 386)
([9]) مطالب أولي النهى (2/ 183)
([10])انظر: الفواكه الدواني (1/ 325).
([11])انظر: المبدع في شرح المقنع (2/ 83).
([12])انظر الشرح الممتع لابن عثيمين 3/10-12
([14])بوب البخاري في صحيحه مع الفتح (2/ 190) بابٌ يقوم عن يمين الإمام بحذائه سواءً إذا كانا اثنين.
([15])انظر: المبسوط (1/ 147) وفتح القدير (1/ 308)
([16])انظر: مجموع فتاوى ابن باز (12/ 199).
([17])انظر: فتاوى نور على الدرب (2/ 277).
([19])رواه البخاري في مواضع منها (138)
([21])انظر: فتح القدير (1/ 308).
([23])انظر: البناية (2/ 401) ومجموع فتاوى ابن باز (12/ 199).
([24])رواه مالك (1/ 154) - وعنه الشافعي في الأم (7/ 185) - عن ابن شهاب، عن عبيد الله بن عبد الله بن عتبة، عن أبيه، أنه قال: فذكره وإسناده صحيح. يرفا مولى عمر وحاجبه.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!